Advertisement

"ލަންދޫ ބޯޓު" ފެތި، އާއިލާގެ ރިހޭ ފައިމައްޗަށް ފޮއެ; ގެއްލުމުގެ ހިސާބެއް ވެސް ނޭނގޭ

31 އޮގަސްޓު 2022 - 19:06 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ލަންދޫ ބޯޓު ދިޔަވެ އަޑިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯ އެއް ފޮޓޯ/ސޯޝަލްމީޑިއާ


"ލަންދޫ ބޯޓު" ފެތި، އާއިލާގެ ރިހޭ ފައިމައްޗަށް ފޮއެ; ގެއްލުމުގެ ހިސާބެއް ވެސް ނޭނގޭ

31 އޮގަސްޓު 2022 - 19:06 1

ކ. ގާފަރު ފަރު ކައިރިއަށް މިއަދު ފެތުނު ލަންދޫ ބޯޓުގެ ވެރިފަރާތުގެ ދަރިފުޅު، އިބްރާހިމް ސައުދު އެ ހާދިސާ ސިފަކުރީ، ފަސޭހައިން އަރައިގަނެވޭނެ ކޮޅެއް ފެންނަން ނެތް "ކާރިސާ"އެއްގެ ގޮތުގަ އެވެ. ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ އަށް، 2007 ވަނަ އަހަރު އޭނާގެ ބައްޕަ ބަނދެގެން ދަތުރުކުރަން ފެށި އެ ނާލު ބޯޓަކީ އާއިލާގެ އިންކަމެވެ. އެކަމަކު 36 ބަނގްލަދޭޝް މީހުންނާއި، 12 ދިވެހިންނާއެކު މުދާ ބަރާކޮށްގެން މާލެއިން ނައްޓާލި ބޯޓުގެ ތަގުދީރުގައި މިފަހަރު ލިޔެވިފައި އޮތީ މާ ހިތްދަތިކަމެކެވެ. ސަލާމަތްކުރަން ކުރި ހުރިހާ މަސައްކަތަކާ އެކު ވެސް، ފަރު ކައިރިން ބޯޓު އަޑިއަށް ދިޔައިރު، މަދު މުދަލެއް ފިޔަވައި އެހެން ހުރިހާ އެއްޗެއް އެއާއެކު ކަނޑުވީ އެވެ.

"އެކަަން ވީގޮތަކީ، މާލެއިން ފުރައިގެން އަންނަނިކޮށް ގާފަރާ ކައިރިން އިންޖީނު މައްސަލައެއް ޖެހިގެން ގާފަރަށް ވަނީ. އެރަށުގައި ދޮޅުގަޑިއެއް ހާއިރުން އިންޖީނު ހެދުނީ. މިހާރު ދެ ދުވަހެއް ވަރު ވެއްޖެ މާލެކޮޅުގައި ނުފުރިފައި މުދާ ބަރުކޮށްފައި އޮންނަތާ. އޭގައި ތަރުކާރީއާއި ތަކެތި ވެސް ހުރީމަ އެ އެއްޗެހި ހަލާކުވެދާނެތީ ގާފަރުން ފުރީ. އޭރު ކަނޑުވެސް ފުދޭވަރަކަށް މަޑު. އެކަމަކު 10 ވަރަކަށް މޭލަށް ދުއްވުނު ތަނާ ކަނޑު ގަދަވެއްޖެ. ކުއްލިއަކަށް ނެގި ރާޅެއް އައިސް ބޯޓަށް ބިންދާލި ގޮތަށް ބޯޓުގެ ކުރީކޮޅުން ބައެއް ދިޔައީ ބިންދައިގެން،" ސައުދި ކިޔައިދިނެވެ.

އެއާއެކު އުސްކޮށް ނަގަމުންދިޔަ ރާޅުތައް ހުރަހެއް ނެތި ވަންނަން ފެށީ ބޯޓު ތެރެއަށެވެ. ސައުދުގެ ބަހުން ނަމަ، ދިޔަ ހިއްކަން ފެށި މަސައްކަތަށް އޮބި ނޯންނަ މިންވަރަށެވެ.

"ފެން ނުހިންދޭނެކަން ޔަގީންވާތީ ބޯޓު ބީއްސާލަންވެގެން ދުއްވީ ފަރާ ދިމާލަށް. އެ ހިސާބަށް ގޮސް، ނަގިލި އަޅާފަ ބޯޓު ސަލާމަތްކުރެވޭތޯ ބެލީ. އެކަމަކުވެސް ދިޔައީ އަޑިއަށް،" ސައުދު ތަފްސީލުކޮށްދިނެވެ.

ލަންދޫ ބޯޓުގެ އިންޖީނު ބަޔަށް ލޮނު ވަދެ، ދިޔަވެފައި: މުދާ ބަރުކޮށްފައި އޮތް ބޯޓު އަޑިއަށް ގޮސް ލިބުނު ގެއްލުން ބުނެދޭޏް ވެސް ނޭނގޭ ކަމަށް އާއިލާ އިން ބުނޭ ފޮޓޯ/ ސޯޝަލްމީޑިއާ


އޭނާ ބުނީ، އޭރު ބޯޓު އޮތީ އެހެންނާ ވެސް ބަރުކުރާ ވަރަށް، އެކި ބާވަތުގެ މުދަލުން ބޯޓު ބަރާކޮށްފަ އެވެ. ނ އަތޮޅުގެ ހަތަރު ރަށެއްގެ ފިހާރަ މުދަލާއި އާންމު މީހުންގެ މުދަލާއި، ކޮންމެވެސް ވަރަކަށް ކުޑަފަރީގެ މުދާ ހުރިކަމަށްވެސް އޭނާ ލަފާކުރިއެވެ. ބޯޓުގެ ބޮޑުބައި އަޑިއަށް ދިޔައިރު، ގާފަރުގެ ދޯނިތަކުން ގޮސް އެހީތެރިވެގެން ސަލާމަތްކުރެވުނީ އޭގައި ހުރި ގޭސްފުޅި ތަކާއި ވަކަރެވެ. ބާކީ ހުރިހާ މުދަލެއް ބޯޓާއެކު ކަނޑުވީ އެވެ.

"މަނަދޫގެ ފިހާރައަކުން އެކަނިވެސް ހަ ލައްކަ ރުފިޔާގެ މުދާ ބޯޓަށް އެރުވި،" ސައުދު ބުންޏެވެ.

މިހާރު، ބޯޓާއެކު ކަނޑުވި ތަކެތި ސަލާމަތްކުރުމަށް ލަންދޫ ކައުންސިލުގެ އެހީތެރިކަމާއެކު ތިން ދޯނީގައި 60 މީހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެކަމަކު، އެ މަސައްކަތުން ސަލާމަތްކުރެވޭނީ ކިހާ ވަރެއްކަމެއް ސައުދަށް ބުނެދޭން ދައްޗެވެ. އަމުދުން ބޯޓަށް ލިބުނު ގެއްލުން އަދި އަންދާޒާކުރަން ވެސް ދައްޗެވެ.

އާއިލާއިން އެދިގެން، ލަންދޫ ކައުންސިލްގެ އެހީތެރިކަމާއެކު ރަށުގެ ރައްޔިތުން ބޯޓު ކައިރިއަށް ދާން ފުރަން ތައްޔާރުވެގެން ފޮޓޯ/ލަންދޫކައުންސިލް


އޭނާ ބުނީ، މި ހާދިސާ ހިނގީ، ފައިސާގެ ގޮތުން އާއިލާ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮއްވައި، އެކަމުން ވެސް އަރައިނުގެނވިގެން އުޅެނިކޮށް ކަމަށެވެ. އެކަމުން ގޮތް ހުސްވެ މާޔޫސްވެފައިވާ ކަމަށްވެސް ބުންޏެވެ.

"ކިހިނެއް ކަމެއް ދެން ހަދާނީ އަދި ހަމަ ނޭނގޭ. އިންޝޫރެންސް ވެސް އޮތީ ހަމަވެފައި، އަދި އާ ނުކުރެވި. މިއީ ހަމަ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން. ބޮޑު އަޑިގަނޑަކުން ތެދު ނުވެވެނީސް އަނެއްކާ މި ވެއްޓުނީ ބޮޑު އަޑިގަނޑަކަށް،" ބައްޕަ އަށް ލިބުނު ގެއްލުމުގެ ހިސާބު އަންދާޒާކުރުމަށް ނުކުޅެދި ހުރެ ސައުދު ބުންޏެވެ.

ބޯޓާއި، އެއާއެކު އަޑިއަށްދިޔަ ތަކެތި ސަލާމަތްކުރުމަށް އަދިވެސް ލަންދޫގެ ރައްޔިތުން ދަނީ ހަރަކާތްތެރިވަމުންނެވެ.