Advertisement

ހަށުކަށިފިކުރާ ދެކޮޅު ފައުޖެއް އުފައްދަން ގޮވާލައި މަޖިލީހަށް މައްސަލައެއް

31 އޮގަސްޓު 2022 - 10:54 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ހަރުކށިފިކުރާ ދެކޮޅަށް މަސައްކަތްކުރާ ފައުޖެއް އުފައްދަން އޭނާ މިއަދު ގޮވައިލެއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ


ހަށުކަށިފިކުރާ ދެކޮޅު ފައުޖެއް އުފައްދަން ގޮވާލައި މަޖިލީހަށް މައްސަލައެއް

31 އޮގަސްޓު 2022 - 10:54 1

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ތަންފީޒީ އެހެން އިދާރާތައް އެކުވެގެން މަސައްްކަތްކުރާ ހާއްސަ ފައުޖެއް އުފައްދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލަައެއް ހުށަހަޅައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގާ މީހުންނާއި އެފަދަ ވިސްނުން ފަތުރާ މީހުންނަށް ފިޔަވަޅު އެޅުމުގައި ހުއްޓުވުމުގައި މުއައްސަސާތައް ފަހަތުފަޔަށް ބުރަވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް އެެ މައްސަަލަ ހުށަހެޅުއްވީ ރާއްޖޭގައި އަނިވާވެރި އަމަލުތައް ގިނަވަމުން ދާތީ އެވެ. އެފަދަ ބައެއް މިސާލުތައް ވެސް އޭނާ ދެއްކެވި އެވެ.

"...އަދި ރާއްޖޭގައި އުޅޭ ބޭރު ފަރާތްތަކާއި ރާއްޖެއަށް ޒިރާޔަތްކުރާ ފަތުރުވެރިން ވެސް މިފަދަ ނުރައްކާތެރި ފަރާތްތަކުގެ ޝިކާރައަކަށް ވާން ފަށާފައި ވާއިރު، މިފަދަ ކަންކަން ހިންގާ ފަރާތްތަކާއި މިފަދަ ކަންކަމާ ގުޅުން ހުރި ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި މުއައްސަސާތައް ފަހަތު ފަޔަށް ބުރަވެފައި ވާތީ، އާ ހިތްވަރަކާ އެކު އާ އިންތިޒާމެއްގެ ދަށުން މި ނުރައްކާތެރިކަން ފިލުވާލައި ރައްޔިތުންނާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސިފައިންނާއި ފުލުހުން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށް [ގޮވައިލަމެވެ]،" މައްސަލައިގައި ވަހީދު ވިދާޅުވި އެވެ.

މައްސަލައިގައި ސަރުކާރަށް އޭނާ ގޮވައިލެއްވީ މިސްކިތްތަކާއި ތައުލީމުދޭ ތަންތަނާއި އެ ނޫން ވެސް ތަންތަން އެގޮތުން އުފައްދާ ފައުޖުން ބަލަހައްޓާ ގޮތަށް ހަަމަޖެއްސުމަށެވެ. މީހުންގެ ފުރާނަޔަށާއި ތަންތަން ގެއްލުންދީފާނެކަން އިތުބާރުހުރި މައުލޫމާތުން ކަށަވަރުވާ މީހުން އެކަހެރިކޮށް، ރިހެބިލިޓޭޓް ކުރުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި އެ ފައުޖުން ކުރަން ޖެހޭނެ ކަމެކެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތުމުން ބަހުސުގެ ފުރަތަމަ ފުރުސަތުގައި އޭނާ ވިދާޅުވީ ރާއްޖޭގައި ހިނގަމުން ދަނީ ފިއްކަނޑައިގެންދާ ކަހަލަ ކަންތައްތައް ކަމަށެވެ. އޭގެ މިސާލަކަށް އޭނާ ދެއްކެވީ އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ދާދި ފަހުން ދިން ހަމަލާ އާއި ރާއްޖޭގެ ސްކޫލެއް ގޮއްވައިލަން ބޮމެއް ހެދި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ފެނުމާއި ސްކޫލަކަށް ވަދެ އެތަނުގެ ވެރިންނަށް ބިރު ދެއްކި މައްސަލަ އެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން ވެސް އަޅުގަނޑުމެންގެ ތިޔާގިކަން ވެސް އިގުތިސާދު ވެސް، އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ބިނާވެފައި މިއޮތީ މިރާއްޖޭގައި އޮތް އަމާންކަމާ ސުލްހަވެރިކަމާ. ފަތުރުވެރިންނަށް ހަމަލާދޭން ފަށައިފި، އިއްޒަތްތެރި ރައީސް، ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން ވާހަކައަކީ އަޅުގަނޑުމެން އަޑުއެހި ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.

ގޮތްނޭނގޭ އެއްޗެއް ފެނިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާ ވާހަކަ އާއި ރަށްރަށަށް އަރައި ހަރުކަށި ޖަމާއަތްތަކުގެ ދިދަޖަހާ ވާހަކަ ދޭތެރެ ދޭތެރެއިން އަޑު އިވޭ ކަމަށާއި ހަރުކަށި ފިކުރުގެ އެހެން އެތައް ކަމެއް ރާއްޖޭގައި ހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.