Advertisement

ސެރީނާ، ވަދާއީ މުބާރާތް ފެށީ ވަރުގަދަ މޮޅަކުން

30 އޮގަސްޓު 2022 - 14:43 0

ސެެރީނާ މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ސެރީނާ، ވަދާއީ މުބާރާތް ފެށީ ވަރުގަދަ މޮޅަކުން

30 އޮގަސްޓު 2022 - 14:43 0

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 30) - ޔޫއެސް އޯޕަންގެ ފުރަތަމަ މެޗުގައި ސެރީނާ ވިިލިއަމްސް ވަރުގަދަ މޮޅެއް ހޯދައިފި އެވެ.

މި ފަހަރުގެ ޔޫއެސް އޯޕަން އަށް ފަހު ޓެނިހުން ރިޓަޔާކުރާނެކަން އިއުލާނުކޮށްފައިވާ ސެރީނާ، 40، ވަނީ މި ފަހަރުގެ ޔޫއެސް އޯޕަންގައި ކުޅުނު ފުރަތަމަ މެޗުން މޮންޓެނެގްރޯގެ ޑަންކާ ކޮވިނިޗް އަތުން 6-3، 6-3 އިން މޮޅުވެފަ އެވެ. މިއީ ފަހަކަށް އައިސް ގްރޭންޑް ސްލޭމް މެޗެއްގައި ސެރީނާ ސެޓެއް ނުގެއްލި، ވަރުގަދަ ކުޅުމަކާ އެކު މެޗެއް ނިންމާލި މެޗު މެޗުތަކުގެ ތެރެއިން މެޗެކެވެ.

ގާތްގަނޑަކަށް 25،000 މީހުންގެ ކުރިމަތީގައި ސެރީނާ ކުޅުުނު މި މެޗުގައި އޭނާގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ހާއްސަ ކަންތައްތަކެއް ކޮށްފަ އެވެ. އެ ގޮތުން ސެރީނާގެ ނަން ޖަހާފައި، މެސެޖް ލިޔެފައިވާ ގިނަ ބޯޑުތަކެއް ވަނީ ސްޓޭޑިއަމްގައި ބަހައްޓައިފަ އެވެ.

މިއީ ސެރީނާ ރިޓަޔާކުރާ މުބާރާތް ކަން އިއުލާނުކުރި ހިސާބުން މި ފަހަރުގެ ޔޫއެސް އޯޕަންގައި އޭނާ ކުޅޭ މެޗުތަކުގެ ޑިމާންޑް ވަރަށް ބޮޑުވި އެވެ. އަދި ކަޅުބާޒާރުގައި ވެސް ގިނަ ޓިކެޓްތަކެއް ވިއްކަމުން އަންނަ ކަމަށް އެމެރިކާގެ ސޯޝަލް މިޑިއާ ރިޕޯޓްތަކުގައިވެ އެވެ.

ތޭވީސް ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސެރީނާ ވަނީ ހަ ފަހަރު ޔޫއެސް އޯޕަން ކާމިޔާބު ކޮށްފަ އެވެ. ސެރީނާ އެންމެ ފުރަތަމަ ޔޫއެސް އޯޕަން ކާމިޔާބުކުރީ 1999 ވަނަ އަހަރު އެވެ. އޭރު އުމުރަކީ 17 އަހަރެވެ. އެންމެ ފަހުން ސެރިނާ އަތްލި ގްރޭންޑް ސްލޭމް ތަށްޓަކީ 2017 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ. ސެރީނާ ދެން ހޯދާ ގްރޭންޑް ސްލޭމާ އެކު، ރެކޯޑަކާ ހަމަކުރެވޭނެ އެވެ. އެއީ 24 ގްރޭންޑް ސްލޭމް ހޯދައިގެން އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ، މާގަރެޓް ކޯޓް ހަދާފައިވާ ރެކޯޑާ އެވެ. މާގަރެޓްގެ ރެކޯޑާ ހަމަކުރަން ސެރީނާ އަށް ޔޫއެސް އޯޕަންގައި ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ އެވެ.

މި ވަގުތު ދުނިޔޭގެ ރޭންކިންގެ 413 ވަނައިގައި އޮތް ސެރީނާ މުބާރާތުގެ ދެ ވަނަ ބުރުގައި މާދަމާ ކުޅޭނީ އެސްޓޯނިއާގެ އެނެޓް ކޮންޓަވެއިޓާ ދެކޮޅަށެވެ.

ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް އެންމެ ފަހުގެ ޗެމްޕިއަން، އިނގިރޭސި އެއް ވަނަ ކުޅުންތެރިޔާ، އެމާ ރަޑުކާނޫ މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ކުޅޭނީ ފްރާންސްގެ އެލީޒް ކޯނޭއާ ދެކޮޅަށެވެ.