Advertisement

ހުލާސާކޮށް އިއްޔެ: މީކާއީލް ހުށަހެޅުއްވި މުހިންމު ގަރާރަށް ބަހުސް ކުރުން

30 އޮގަސްޓު 2022 - 09:15 0


ހުލާސާކޮށް އިއްޔެ: މީކާއީލް ހުށަހެޅުއްވި މުހިންމު ގަރާރަށް ބަހުސް ކުރުން

30 އޮގަސްޓު 2022 - 09:15 0

ދަރިން ލިބުމުގެ މައްސަލަ ހުންނަ މީހުންނަށް އާސަންދައިން ފަރުވާ ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރީ އިއްޔެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ދަރިން ލިބުމުގެ މައްސަލައަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވައިދުން ހޯދަން ޖެހޭ ބައެއް ބޭސްތައް ރާއްޖޭން ލިބުން އުނދަގޫ ކަމަށް އެ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ.

"ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސް ވެސް ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ސްކީމް (އާސަންދަ)ގެ ދަށުން ނުލިބޭތީއާއި، ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަ ކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައި، މި މައިގަނޑު މައްސަލައާ ގުޅޭ އެއްވެސް ރަނގަޅު ފެންވަރެއްގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތް،" ގަރާރުގެ ބުނެފައިވެ އެވެ.

ގަރާރަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ ގަރާރުގެ މަގުސަދަކީ އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމުގެ މަރުހަލާތައް މުޅީން އާސަންދައިން ލިބޭ ގޮތް ހެދުން ނޫން ކަމަށެވެ.

"އިންފާޓިލިޓީ ޓްރީޓްމެންޓަކީ ހަމައެކަނި އައިވީއެފްއެއް ނޫން، އައިވީއެފްއާ ހަމައަށް ދިއުމުގެ ކުރިން އެ ފަރާތްތަކުން އާންމު ގޮތެއްގައި އެހެން ފަރުވާތަކަށް ފަހުގައި އެންމެ ފަހުގެ މަރުހަލާގައި އޮންނަ ކަމެއް އައިވީއެފް އަކީ،" އޭނާ ވިދާޅުވި އެވެ.

މިގޮތުން ތަފާތު އެކި ވައްތަރުގެ ބޭސް ބޭނުން ކުރުމާއި މެޑިކަލް އަދި ސާޖިކަލް ޕްރޮސީޖާތައް އޮންނަ ކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ ދުނިޔޭގެ ބައެއް އެހެން ގައުމުތައް ފަދައިން އައިވީއެފްގެ ވަކި ބައެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށް ތާއީދުކުރައްވާ ކަމަށެވެ.

ދަރިން ނުލިބުމުގެ މައްސަލަތައް ކުރިމަތިވާ އެހެނިހެން ބަލިތައް ކަމަށްވާ ޕީސީއޯއެސް އާއި އެންޑޯމެޓްރޯސިން ފަދަ ބަލިތަކަށް އާސައިންދައިގެ ދަށުން ދެވޭ ފަރުވާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މީކާއިލް ވަނީ އެދިވަޑައިގެންފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

ގއ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖެއް އަޅަން މީގެ 17 އަހަރު ކުރިން، ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމުގައި އެ މަސައްކަތް ނުކޮށް އޮތް ސަބަބާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވާހަކަ ދެއްކެވީ އެ ކުންފުނީގެ ދިފާއުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިއްޔެ ތުހުމަތުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން، އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާ އިއްޔެ ބައްދަލުކުރައްވަން ފަށައިފި އެވެ.

ރ. އުނގޫފާރުގައި ފީނަން ދިޔަ އުމުރުން 25 އަހަރުގެ ޒުވާނަކު ގެނބިގެން އިއްޔެ މަރުވި އެވެ. އެކުވެރިންތަކަކާ އެކު ފީނަން ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ އުނގޫފާރު އާބިން، އަލީ މިމްރާހު އެވެ.

ބަނގުރާ ބުއި މީހަކު ނުވަ ދުވަހަށް ޖަލައި، އޭނާ ގައިގައި ދުއްރައިން 40 އެތިފަހަރު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިކަން އިއްޔެ ރިޕޯޓުކުރި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ހުކުމް ކުރީ ޑިސެމްބަރު، 2021، ގައި މާލެއަށް ބަނގުރާ އެތެރެން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މާލޭ ކަސްޓޯޑިއަލް ކައިރިން ފަޅު ތެރެެއިން ހައްޔަރު ކުރި މީހެއްގެ މައްޗަށެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ކެންސަރުބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 3.5 މިލިޔަން ރުފިޔާ ހަދިޔާކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވެ، އިއްޔެ ސޮއިކުރި އެވެ.

ސްޕައިކެމެރާއެއް ހަރުކޮށްގެން ޖާސޫސްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހުޅުލެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖެހީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދަރިން ނުލިބުމުގެ މައްސަލައަށް ފަރުވާ ކުރަން އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލައި ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި މެމްބަރު މީކާއީލް ވިދާޅުވީ:

އިންފާޓިލިޓީ ޓްރީޓްމެންޓަކީ ހަމައެކަނި އައިވީއެފްއެއް ނޫން، އައިވީއެފްއާ ހަމައަށް ދިއުމުގެ ކުރިން އެ ފަރާތްތަކުން އާންމު ގޮތެއްގައި އެހެން ފަރުވާތަކަށް ފަހުގައި އެންމެ ފަހުގެ މަރުހަލާގައި އޮންނަ ކަމެއް އައިވީއެފް އަކީ،"

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް (ފޮރިން) މިނިސްޓަރު ސުބްރަމަންޔަމް ޖައިޝަންކަރްއާއެކު: އދ. ރައީސްގެ ހައިސިއްޔަތުން ޝާހިދު އިންޑިއާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ނަޝީދު އިންޑިއާ އަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވިދާޅުވެ. -- ފޮޓޯ: އެމްޑީޕީ