Advertisement

އަޔަކްސްގެ އެންތަނީ 100 މިިލިއަން ޑޮލަރަށް މެންޗެސްޓާ ޔުނައިޓެޑަށް

29 އޮގަސްޓު 2022 - 01:15 0

އަޔަކްސް އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އެންތަނީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


އަޔަކްސްގެ އެންތަނީ 100 މިިލިއަން ޑޮލަރަށް މެންޗެސްޓާ ޔުނައިޓެޑަށް

29 އޮގަސްޓު 2022 - 01:15 0

އަމްސްޓެޑަމް، ނެދަލެންޑްސް (އޮގަސްޓް 29) - މެންޗެސްޓާ ޔުނައިޓެޑުން އަޔަކްސްގެ ބްރެޒިލް ވިންގް، އެންތަނީ މެތިއުސް، 100 މިލިއަން ޑޮލަރު (84 މިލިއަން ޕައުންޑް) އަށް ގަންނަން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުން، އެންތަނީ، 22، އެ އަގުގައި ގަނެފިނަމަ އޭނާ ވެގެންދާނީ އެ ކްލަބްގެ ތާރީހުގައި ސޮއިކުރާ ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.

ޔުނައިޓެޑުން އެންމެ އަގުބޮޑުކޮށް ގަތީ 2016 ވަނަ އަހަރު، ޔުވެންޓަސް އަށް 105 މިލިއަން ޑޮލަރު (89 މިލިއަން ޕައުންޑް) ދީފައި ޕައުލް ޕޮގްބާ އެވެ. ދެން އެންމެ އަގުބޮޑުކޮށް ގަނެފައިވާ ކުޅުންތެރިއަކީ 2019 ވަނަ އަހަރު ލެސްޓާ ސިޓީ އަށް 93 މިލިއަން ޑޮލަރު (80 މިލިއަން ޕައުންޑް) ދީފައި ގަތް ހެރީ މެގުއާ އެވެ.

އަޔަކްސްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް، މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑާ ހަވާލުވެ، އޭނާގެ ކުރީގެ ކްލަބުން ބޭނުންވި ދެ ކުުޅުންތެރިން ވެސް މިހާރު ޔުނައިޓެޑާ ގުޅޭނެކަން މި ވަނީ ކަށަވަރުވެފަ އެވެ. ޔުނައިޓެޑުން ވަނީ އަޔަކްސް އަށް ކުޅެމުން އައި އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒް، 56 މިލިއަން ޑޮލަރަށް ގަނެފަ އެވެ.

އެންތަނީ ހޯދަން ޔުނައިޓެޑުން ފުރަތަމަ ކުރި ދެ ބިޑް ވެސް އަޔަކްސް އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، އެންމެ ފަހުން އަޔަކްސް އިން ޔުނައިޓެޑުން ކުރި ބިޑް އަނބުރާ ފޮނުވާލުމާ އެކު އެންތަނީ ވަނީ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޔުނައިޓެޑަށް ބަަދަލުވާން ބޭނުންވާ ކަމަށް ހާމަކޮށް، އަޔަކްސް އިން އޭނާ ދޫކޮށްލައިދޭން އެދޭ ކަމަށް ބުނެފަ އެވެ.

އެ އަށް ފަހު އަޔަކްސް އިން މި ވަނީ އެންތަނީގެ ޑީލްގެ މަޝްވަރާ އަށް ޔުނައިޓެޑާ އެކު އިށީނދެ، އެ ޓްރާންސްފާ ކަންކަން ނިންމަން އެއްބަސްވުމަކަށް އަތުވެފަ އެވެ. އެންތަނީ ޔުނައިޓެޑާ ގުޅޭނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާ ކޮންޓްރެކްޓެއްގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަޔަކްސްގެ ކޯޗު އަލްފްރެޑް ޝްރޫޑާ ވަނީ އެންތަނީ އެ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ. އެކަމަކު، ޝްރޫޑާ މިއަދު ބުނީ މިހާރު ފުޓްބޯޅައިގެ ހާލަތު އޮތީ "މުޅިން ފައިސާ އަށް ބަރޯސާވެފައި" ކަމަށާއި ބޭނުންނުވިޔަސް އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތް ކަމަށެވެ.

ޝްރޫޑާ ވަނީ އެންތަނީގެ ޓްރާންސްފާގެ ކަންކަން ހިނގަނީ އޭނާގެ ރުހުން ލިބިގެން ނޫން ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރު ބްރެޒިލް ޓީމާ އެކު އޮލިމްޕިކްސް ރަން މެޑަލް ދިފާއުކުރި އެންތަނީ، އަޔަކްސް އަށް ބަދަލުވީ 2020 ވަނަ އަހަރު ސައޮ ޕައޮލޯ ދޫކޮށެވެ. އެ ފަހަރު އަޔަކްސް އިން ވަނީ އެންތަނީ ގަންނަން ސައޮ ޕައޮލޯ އަށް 15 މިލިއަން ޑޮލަރު (13 މިލިއަން ޕައުންޑް) ދީފަ އެވެ. އެންތަނީ ވަނީ މިހާތަނަށް އަޔަކްސް އަށް ކުޅެދިން 134 މެޗުން 31 ގޯލު ޖަހައިފަ އެވެ.

އެންތަނީ ވެގެންދާނީ ޓެން ހާގްގެ ކޯޗުކަމުގައި ޔުނައިޓެޑުން ސޮއިކުރާ ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. ޔުނައިޓެޑުން ވަނީ އެންތަނީ އާއި ލިސަންދްރޯގެ އިތުރުން ފެޔަނޫޑްގެ ފުލްބެކް، ޓައިރަލް މަލާސިއާ އާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު، ކަސެމީރޯ ސޮއިކޮށްފަ އެވެ. މި ހުރިހާ ޓްރާންސްފާތަކަށް ޖުމްލަ އެކު 245 މިލިއަން ޑޮލަރު ޔުނައިޓެޑުން ހަރަދުކުރެ އެވެ.