Advertisement

ގޮނޑުދޮށް ހިމާޔަތްކޮށް ދިއްގަރުގެ ދުވަސްވީ ތަކުލީފަށް ހައްލު ގެނެސްދީފި

27 އޮގަސްޓު 2022 - 23:36 1

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހް؛ ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާ، އެރަށު ރައްޔިތުންގެ ދުވަސްވީ ތަކުލީފަށް ވަނީ ހައްލު ހޯދައިދީފައި -- ފޮޓޯ: ޝަރުހާން


ގޮނޑުދޮށް ހިމާޔަތްކޮށް ދިއްގަރުގެ ދުވަސްވީ ތަކުލީފަށް ހައްލު ގެނެސްދީފި

27 އޮގަސްޓު 2022 - 23:36 1

މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާއެކު، އެރަށު ރައްޔިތުންގެ ދުވަސްވީ ތަކުލީފަކަށް ހައްލު ހޯދައިދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ ބިންތިރި ދިގުރަށަށް އުދަ އެރުމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހުނު ތަކުލީފުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

ދިއްގަރަކީ އުދައެރުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް މެދުނުކެނޑި އެތައް އަހަރެއް ވަންދެން ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައި އޮތް ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިރުވައި މޫސުމުގެ ހަޅައިގެ ތެރޭގައި، އިރުމަތިފަރާތުން އަރާ އުދަ، ރަށުގެ މެދުތެރެއާ ހިސާބަށް ގޮސް، ގޭގޭގައި ގެންގުޅޭ ސާމާނާއި، މުދަލަށް ގެއްލުން ލިބެމުންދިޔަ ކަމަށެވެ. އަދި ގެއްލުންތަކަކީ، ކޮންމެ އަހަރަކު އެ ރަށުގެ ރައްޔިތުން ތަހައްމަލް ކުރަމުން އައި ތަކުލީފެއް ކަމަށެވެ.

މަސައްކަތްތައް ހުއްޓާލައި، މަހަށްނުގޮސް އެތައް ދުވަހަކު ރަށުގައި ތިބެ ބާޑިޖަހައި، އެކަމުން ހައްލު ހޯދުމަށްޓަކައި ކޮންމެ އަހަރަކު އެ މަސައްކަތް ތަކުރާރުކޮށް ކުރަމުން އައި ރަށެއް

އުދައެރުމަކީ، ދިރިއުޅުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އައި ދިއްގަރު ރައްޔިތުންނަށް ބޮޑު ތަކުލީފެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން އެތައް ދުވަހަކު މަސައްކަތަށް ނުނިކުމެވި، މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމުގައި ރައްޔިތުން އުޅެން ޖެހުނު ކަމަށެވެ.

ހަމަ އެއާއެކު، އެތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށް ރަށުގެ ވެރިން ސަރުކާރުތަކުގައި ދެންނެވުމުން، އެކަން ކޮށްދޭނެކަމަށް ކިތަންމެ ފަހަރަކު ވައުދުވެ، ބަޖެޓުކޮށްފައިވާނެ ކަމަށެވެ. އަދި ޕްލޭން ހެދުމަށްފަހު އިންތިހާބާ ދިމާކޮށް އެ ޕްލޭން އިތުރަށް ބޮޑުކޮށް، ޖަޕާނުފަދަ ގައުމުތަކުގެ މިސާލު ވެސް ޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިއްގަރު ރައްޔިތުންގެ ދުވަސްވީ އެ ތަކުލީފުތަކަށް މި ސަރުކާރަށް ހައްލު ހޯދައިދެވިއްޖެ ކަމަށާއި، އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމެއް އޮވެއްޖެނަމަ އެކަން ވެސް ރަނގަޅުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލަންވީ ދެން ކުރިއަށް މިއޮތް ދެތިން އަހަރު އިރުވައި މޫސުމުގައި، ކިހާވަރެއްގެ ހިމާޔަތެއް މިއިން ލިބޭތޯ. އަދި ބަލަންވާނެ. ބަލާފައި، މިއިން ރަނގަޅު ކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ، ހަމަގައިމުވެސް އަޅުގަނޑުމެން އެކަން ކޮށްދޭނަން" އުދައެރުމުން ހިމާޔަތެއް ހޯދުމަށްޓަކައި ގާތްގަނޑަކަށް 700 މީޓަރުގެ ދިގު ސަރަހައްދަކަށް ވެލިއަޅައި ހިލަތޮށި ލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތައް، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި، ސަރުކާރަކާ އެކީގައި، އެއް ވިސްނުމެއްގައި ތިބޭ ބަޔަކު ތިބުމަކީ އެކަމުގެ ވަރަށް ބޮޑު ފަސޭހައެއްވާ ކަމެއް ކަމަށެވެ. އެގޮތުން އުނދަގޫކޮށް، ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވަން މަސައްކަތް ބަޔަކު މިއަދުވެސް ތިބިކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެ ކަންތައްތައް ގިރާކޮށް، ރައްޔިތުންނަށް، ރައްޔިތުންގެ ވެރިކަމެއް ކޮށްދެވެމުންދާ ކަމަށެވެ.