27 އޮގަސްޓު 2022 - 22:28 1
ނިމާ ހަސަން
ރައީސް ދިއްގަރު ކައުންސިލާ ބައްދަލުކުރެއްވުން؛ ކައުންސިލުން ވަނީ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަން ފާހަގަކޮށްފައި -- ފޮޓޯ: ރައީސް އޮފީސް
27 އޮގަސްޓު 2022 - 22:28 1
މ. ދިއްގަރު ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ދިގު ލިސްޓެއް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފި އެވެ.
ރައީސް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްގަރަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކުރުމުން ރައީސް ވިދާޅުވީ، ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމުގެ ބޭނުމަކީ ރައްޔިތުން އެންމެ ބޭނުންވާކަންކަން ބައްލަވައިގެން ތަރައްގީއަށް ހިންގޭ މަޝްރޫއުތައް ތަރުތީބު ކުރެއްވުން ކަމަށެވެ.
"ދައުރުގައި ބާކީ އޮތީ އެއް އަހަރު. ސަރުކާރުން ކުރައްވަން ބޭނުންފުޅުވާ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި" އެންމެ ބޭނުންވާ ކަންކަން ބައްލަވައިގެން މަޝްރޫއުތައް ތަރުތީބު ކުރައްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
ދިއްގަރު ކައުންސިލުން ފާހަގަކުރެއްވި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައި، ހައުސިން މަޝްރޫއެއް ހިންގުމާއި، ރަށުގެ ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމުމާއި، ރަށުގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމާ، ދިއްގަރު ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމެނެ އެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އިތުރުން، ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ދުވާލެއްގެ މައްޗަށް ފެން އުފެއްދޭ މިންވަރު އިތުރުކުރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
އޭގެ އިތުރަށް ދިއްގަރު ކައުންސިލުން ވަނީ މިހާރުވެސް އެރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވާކަން ވެސް ކައުންސިލުން ފާހަގަކުރި އެވެ.
މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިން ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު ދިއްގަރަށް ވަޑައިގެން ރައީސް ވަނީ ދިއްގަރު ވޮލީ ކޯޓު ހުޅުވވުމުގެ ގޮތުން ވޮލީ މެޗެއްގައި ބައިވެރިވެ ވަޑައގެންފަ އެވެ. ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި ބައިވެރިވެވަޑައިގެން ރައީސް ކުޅުއްވީ މޯލްޑިވްސް ވެޓެރެންސް ޓީމަށެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި މިއަދު ރަތްމަންދޫއާއި މަޑުއްވަރީގެ އިތުރުން ދިއްގަރަށް ވަޑައިގެންނެވިއިރު، މާދަމާ ވަޑައިގަންނަވާނީ ވޭވަށާއި މުއްޔަށެވެ.
Comment