27 އޮގަސްޓު 2022 - 19:42 2
ނިމާ ހަސަން
ރައީސް، މ. މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރެއްވުން؛ އެރަށު ބަންދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
27 އޮގަސްޓު 2022 - 19:42 2
ހިޔާލު ތަފާތުވުން އުފެދިފައިވާ މ. މަޑުއްވަރީ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސއާ ހަވާލުކޮށްފައިވީ ނަމަވެސް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން، ބަނދަރުގެ ކޮންސެޕްޓް ފައިނަލް ނުވެ، ބަނދަރުގެ މަސައްކތް ފެށޭގޮތް ވަނީ ނުވެފަ އެވެ.
އެކަމާ ބެހޭ ގޮތުން ރައީސް މިއަދު ވިދާޅުވީ ބަނދަރު ހެދުމަށް ޕްލޭނިން މިނިސްޓްރީން ހަދާފައިވާ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް އަންނަ މަސް ތެރޭގައި މިނިސްޓްރީގެ ޓީމެއް ގޮސް، ރައްޔިތުންނާއި މަޝްވަރާކުރާނެ ކަމަށެވެ.
އަދި މަޑުއްވަރީ ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތިންކަމުގެ ޔަގީންކަން ރައީސް ވަނީ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވާފައެވެ. މަޑުއްވަރީ ބަނދަރާ ބެހޭގޮތުން އޮތް ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެން، އެރަށު ރައްޔިތުންނާއި، ކައުންސިލުގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަ އެވެ.
މަޑުއްވަރިއަށް ދިމާވެފައިވާ މައްސަލަތާ ބެހޭގޮތުން ކައުންސިލުން ތައްޔާރުކޮށް، ދެއްކި ވީޑިއޯ ޕްރެޒެންޓޭޝަނުގައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކުރައްވާފަ އެވެ. އެގެ ތެރޭގައި ރަށްގިރުމުގެ މައްސަލަ ހިމެނޭއިރު، އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރަށް ކުނީގެ މައްސަލަ އާއި ޒުވާނުންގެ މަރުކަޒެއް ނެތުމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ. ރައީސް ވިދާޅުވީ މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ކުރިޔަށް ދާނެ ކަމަށެވެ. އަދި އެރަށުގައި ކުރިން ދެމުން އައި މޮބައިލް ލެބޯޓްރީގެ ހިދުމަތްވެސް ވަރަށް އަވަހަށް އަލުންފެށިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ރަތްމަންދުއަށް ވަޑައިގެންނެވިއިރު، މަޑުއްވަރިއަށް ވަޑައިގެންނެވީ ދެވަނަ މަންޒިލެއްގެ ގޮތުގަ އެވެ. އަދި މިއަދުގެ ފަހު މަންޒިލުގެ ގޮތުގައި ދިއްގަރަށް ވަޑައިގެންނެވިއިރު، މާދަމާ ވޭވަށާއި، މުއްޔަށް ވަޑައިގަންނަވާނެ އެވެ.
Comment