27 އޮގަސްޓު 2022 - 19:04 2
ނިމާ ހަސަން
ރައީސް ސޯލިހް މ. ރަތްމަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަ ދައްކަވަނީ؛ ބަނދަރު ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
27 އޮގަސްޓު 2022 - 19:04 2
މ. ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން އެރަށުގައި ބަނދަރެއް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރަތްމަންދޫގެ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެން، ރައްޔިތުންނާއި، ކައުންސިލުގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަ އެވެ.
އެރަށުގައި ލަފާފުރުމަށް ހަދާފައިވާ ޖެޓީ ބޭނުންކުރުމުގައި ގިނަ ދަތިތަކެއް ދިމާވާކަން އެރަށު ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
މ. އަތޮޅުގައި އެންމެ އާބާދީ ކުޑަ، ރަތްމަންދު އަކީ އެ އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ. އެރަށުގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީއަކީ 231 އެވެ.
އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ރަތްމަންދޫ ފަދަ ރަށްރަށުގެ ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ވަރަށް މުހިއްމުކަމަށާއި، އާރްޓީއެލް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާއިރު، މ. އަތޮޅުގައި ވެސް އެ ނިޒާމު ގާއިމްކުރެވިގެންދާނެ ކަމަށެވެ.
އޭގެ އިތުރަށް ރައީސް ވަނީ ރަތްމަންދޫގައި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން، ފެނުގެ މަޝްރޫއު ޑިސެމްބަރު މަހުގައި ނިމޭއިރު، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގައި ނިމޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރަތްމަންދޫގައި ފުޓްސަލްދަނޑެއް އެޅުމާއި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ބީލަމުގެ މަރުޙަލާގައިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު، ކުދި ރަށްރަށަށް ވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ނަމަވެސް، މި ސަރުކާރު އައުމަށްފަހުގައި، އެއްވެސް ރަށެއް ތަފާތު ނުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން މިއަދު ރަތްމަންދޫގެ އިތުރުން މަޑުއްވަރީއާއި ދިއްގަރަށް ވެސް ވަޑައިގެންނެވި އެވެ.
Comment