27 އޮގަސްޓު 2022 - 08:32 0
ފާތިމަތު ސާޔާ އަހުމަދު
ކުރީގެ ޓިކްޓޮކް ތަރި ސޮނާލީ ފޮގަޓްއަކީ ފަހުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި މީހެއް. -- ފޮޓޯ: އޭއެންއައި
27 އޮގަސްޓު 2022 - 08:32 0
އިންޑިއާގެ ކުރީގެ ޓިކްޓޮކް ތަރި އަދި ފަހުން ސިޔާސީ ދާއިރާއިން ފެނުނު ސޮނާލީ ފޮގަޓްގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ސޮނާލީގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމުން "ގިނަ އަދަދެއްގެ ޒަހަމް ހުރި" ކަމަށް ފާހަގަވި އެވެ. ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
އުމުރުން 42 އަހަރުގެ ސޮނާލީ މަރުވީ އޯގަސްޓް 22 ވަނަ ދުވަހު ހުޅަަނގު ގޯއާ ސްޓޭޓުގައި އުޅެނިކޮށެވެ. އެންމެ ފުރަތަމަ ބެލެވުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.
އެކަމަކު އާއިލާއިން އެކަން ގަބޫލު ނުކޮށް، ސޮނާލީއާ އެކު އުޅުނު ބަޔަކު އޭނާ މަރާލި ކަމަށް ތުހުމަތު ކުރި އެވެ.
ސޮނާލީގެ ބޭބެ ފާހަގަކުރީ ސޮނާލީގެ ދެ އެސިސްޓަންޓުންގެ ނަމެވެ. އޭނާ ބުނީ އެ ދެ މީހުން ސޮނާލީގެ ވީޑިއޯއެއް ބޭނުންކޮށް، ބްލެކްމެއިލް ކުރަމުން ދިޔަ ކަމަށާއި ސޮނާލީ މަރާލީ ރޭޕް ކުރުމަށް ފަހުގައި ކަމަށެވެ.
އޭނާ އެންޑީޓީވީއަށް ބުނީ ސޮނާލީގެ ސިޔާސީ ކެރިއަރު ނިންމާލާނެކަމުގެ އިންޒާރު އެ މީހުން ދިން ކަމަށާއި ސޮނާލީގެ ބައެއް ތަކެތި ވެސް ކޮންޓްރޯލް ކުރީ އެ މީހުން ކަމަށެވެ. އޭގެ ތެރޭގައި އޭޓީއެމް ކާޑްތަކާއި މުދަލާ ގުޅޭ ލިޔުންތައް ހިމެނެ އެވެ.
އޭގެ އިތުރުން މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން ސޮނާލީ އާއިލާގެ ފަރާތްތަކަށް ގުޅި ކަމަށާއި އޭނާގެ އަޑުން ހާސްކަން ފާހަގަވި ކަަމަށް ވެސް އޭނާގެ ބޭބެ ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުން އުނދަގޫތަކެއް ވާ ކަމަށް ސޮނާލީ ބުނީ ރެސްޓޯރެންޓެއްގައި ހުރެފަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން ފޮރެންސިކް ސްޕެޝަލިސްޓަކާ ހަވާލަދީ ބުނީ ސޮނާލީގެ ހަށިގަނޑުގައި ހުރި ޒަހަމްތައް "ތާޒާ" ކަމަށާއި އެއީ ގޮށް މުށުން ޖެހުމުން ނުވަތަ ވެއްޓިގެން ލިބިފައި ހުރި އަނިޔާ ކަމަށް ބެލެވޭ ކަމަށެވެ.
ޕޯސްޓް-މޯޓަމް ރިޕޯޓް ލިބުމާ އެކު ގޯއާގެ ފުލުހުން ބުނީ ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސޮނާލީ ނިސްބަތް ވަނީ އުތުރު ހަރްޔާނާ ސްޓޭޓަށެވެ. އޭނާއަކީ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެކެވެ. އެގޮތުން 2019 ވަނަ އަހަރު ބީޖޭޕީގެ ފަރާތުން ހަރްޔާނާގެ މަޖިލީހަށް ވާދަކުރި ނަމަވެސް، ކާމިޔާބެއް ނުވި އެވެ.
އޭނާއަކީ އިންޑިއާގެ ބިގް ބޮސް ރިއެލިޓީ ޝޯގެ މަގްބޫލް ބައިވެރިއެކެވެ. ޓިކްޓޮކް ވީޑިއޯތަކުން ވެސް މަގްބޫލުވެ، އޭނާ ވަނީ ބަައެއް ސަރަހައްދީ ފިލްމުތަކާއި، ސީރީޒްތަކުގައި އެކްޓުކޮށްފަ އެވެ.
Comment