Advertisement

އެވަޓަން އިން ދޫކޮށްލުމުން ޑެލޭ އަލީ ތުރުކީގެ ބެސިކްޓަސް އަށް

26 އޮގަސްޓު 2022 - 08:20 0


އެވަޓަން އިން ދޫކޮށްލުމުން ޑެލޭ އަލީ ތުރުކީގެ ބެސިކްޓަސް އަށް

26 އޮގަސްޓު 2022 - 08:20 0

ލިވަޕޫލް (އޮގަސްޓް 26) - އެވަޓަން އަށް ކުޅެމުންދިޔަ އިންގްލެންޑްގެ މިޑްފީލްޑަރު ޑެލޭ އަލީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ތުރުކީގެ ބެސިކްޓަސް އަށް ބަދަލުވެއްޖެ އެވެ.

މި އަހަރުގެ ކުރީކޮޅު ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް އެވަޓަން އަށް ބަދަލުވި ޑެލޭ އަލީ އަށް މި ސީޒަންގައި އެވަޓަންގެ ފުރަތަމަ 11 އަކުން ޖާގައެއް ނުލިބެ އެވެ. އޭނާ ކުޅުނު ދެ މެޗުގައި ވެސް ކުޅެން ފުރުސަތު ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅެމުން އަންނަ އެވަޓަނުން މި ސީޒަނަށް ޕްލޭން ހެދިއިރު، ޑެލެ އަލީގެ މާ ބޮޑު ރޯލެއް ނެތް ކަމަށް އިނގިރޭސި މީޑިއާގައި ވަނީ ވާހަކަ ދެކެވިފަ އެވެ.

ޕީއެފްއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑް ދެ ފަހަރު ހޯދި ޑެލޭ އަލީ، އެވަޓަން އަށް ކުޅުނު 13 މެޗުގައި، އެސިސްޓެއް އަދި ލަނޑެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.

މީގެ އަހަރުތަކެއް ކުރިން އިންގްލެންޑްގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ ގޮތުގައި ހުރި ޑެލީ އަލީ، 26، ގެ ފޯމު ފާއިތުވި އަހަރުތަކުގައި ވަނީ ދަށްވެފަ އެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް އޭނާ އެންމެ ފަހުން މެޗެއް ކުޅުނީ 2019 ވަނަ އަހަރެވެ.

ބެސިކްޓަސް އިން ބުނީ ޑެލީ އަލީ އެ ކްލަބަށް ގެންނަން ދެ ކްލަބުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ލޯނު ފީއެއް ނުހިމެނޭ ކަމަށެވެ. އެކަމަކު، ލޯނު އެއްބަސްވުން ނިމޭއިރު، ދާއިމީ ޓްރާންސްފާއެއް ހެދުމުގެ "އޮޕްޝަން" އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ.

މި ލޯނު އެއްބަސްވުމުގެ ދަށުން ޑެލޭ އަލީ އަށް ޔަގީންކަމާއެކު މުސާރައިގެ ގޮތުގައި ދެ މިލިއަން ޔޫރޯ (2.3 މިލިއަން ޑޮލަރު) ލިބޭނެ އެވެ. އަދި ބެސިކްޓަސް އަށް ކުޅޭ ކޮންމެ މެޗަކަށް އެނާ އަށް މުސާރައިގެ ގޮތުގައި އެންމެ ގިނަވެގެން 10،000 ޕައުންޑް ލިބޭނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.