Advertisement

ވައިނަލްޑަމްގެ ފައި ބިނދިއްޖެ، ވޯލްޑް ކަޕް ގެއްލިދާނެ

22 އޮގަސްޓު 2022 - 08:52 0

ރޯމާގެ ފަރިތަކުރުމެއްގެ ތެރެއިން ވައިނަލްޑަމް.-- ފޮޓޯ: އޭއެފްޕީ


ވައިނަލްޑަމްގެ ފައި ބިނދިއްޖެ، ވޯލްޑް ކަޕް ގެއްލިދާނެ

22 އޮގަސްޓު 2022 - 08:52 0

ރޯމް، އިޓަލީ (އޮގަސްޓް 22) - އިޓަލީގެ ރޯމާގެ ފަރިތަކުރުމެއްގެ ތެރެއިން އެ ޓީމުގެ މިޑްފީލްޑަރު، ޖިއޮޖީނިއޯ ވައިނަލްޑަމްގެ ފައި ބިންދައިގެން ގޮސް މި ފަހަރުގެ ވޯލްޑް ކަޕް ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެ އެވެ.

ޕީއެސްޖީގެ ލޯން އެއްބަސްވުމެއްގެ ދަށުން ވައިނަލްޑަމް، 31، ރޯމާ އަށް ބަދަލުވީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.

އިޓާލިއަން ލީގުގައި ރޯމާ އިން މިއަދު ކްރެމޮނީސީއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގެ ތެރެއިން ވައިނަލްޑަމްގެ ފައިގެ ކަށިގަނޑެއް ބިންދައިގެން ދިއުމާ ގުޅިގެން ވަގުތުން އޭނާ ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ހެދި ޓެސްޓްތަކަށް ފަހު އެނގުނީ ވައިނަލްޑަމްގެ ކަނާތު ފައިގެ ކަށިމަތީގެ ކަށިގަނޑު ރެދެއް ލައި، ބިންދައިގެން ގޮސްފައިވާ ކަމެވެ. ރޯމާ އިން ވައިނަލްްޑަމް އަށް އެނބުރި ދަނޑަށް އާދެވޭނެ ކަމަށް އަންދާޒާ ކޮށްފައި ވެސް މުއްދަތެއް ބުނެފައެއް ނުވެ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ ނޮވެމްބަރު މަހު ގަތަރުގައި މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށެންވާއިރަށް ވައިނަލްޑަމް ފިޓްވުމުގެ ފުރުސަތު މި ވަގުތު ފެންނަނީ ވަރަށް ކުޑަކޮށެވެ. އެކަމަކު، ނެދަލެންޑްސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވައިނަލްޑަމްގެ އަނިޔާގެ ފުރިހަމަ މައުލޫމާތު ލިބިގެން ނޫނީ އޭނާގެ އަނިޔާއާ މެދު ސީދާ ގޮތެއް ގައުމީ ޓީމުން ނުނިންމާނެ އެވެ.

ވައިނަލްޑަމް ވަނީ ނެދަލެންޑްސް ގައުމީ ޓީމަށް 86 މެޗުން 26 ގޯލު ޖަހައިފަ އެވެ.

ލިވަޕޫލް ދޫކޮށް މިދިޔަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ވައިނަލްޑަމް އެއް ސީޒަނަށް ފަހު އެ ކްލަބް ދޫކޮށް ރޯމާ އަށް ބަދަލުވީ ގަވާއިދުން ކުޅެން ލިބޭ ޓީމަކާ ގުޅުމަށެވެ. ވައިނަލްޑަމް، ރޯމާ އަށް ބަދަލުވީ އެ ކްލަބްގެ ކޯޗު، ހޯސޭ މޮރީނިއޯއާ އެކު މަސައްކަތް ކުރަން ޝައުގުވެރިވާތީ އެވެ.

ވައިނަލްޑަމް، ރޯމާ އަށް ބަދަލުވާން އޭނާއާ އެކު ލިވަޕޫލް ޓީމަށް ކުޅުނު މުހައްމަދު ސަލާހުގެ ލަފާ ވެސް ހޯދި އެވެ. ސަލާހު 2017 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ ރޯމާ އިންނެވެ.