Advertisement

ހުލާސާކޮށް އިއްޔެ: ނިޒާމީ ގަރާރު ހުށަނާޅައި އެމްޑީޕީގެ ކޮންގްރެސް ނިންމާލުން

22 އޮގަސްޓު 2022 - 07:38 0

އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕާޓީގެ ރައީސް ނަޝީދު ކޮންގްރެސްގައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ހުލާސާކޮށް އިއްޔެ: ނިޒާމީ ގަރާރު ހުށަނާޅައި އެމްޑީޕީގެ ކޮންގްރެސް ނިންމާލުން

22 އޮގަސްޓު 2022 - 07:38 0

"ކޮންމެ ފަދަ ހޫނެއް ވިޔަސް މެންދުރުގެ އަވިގަދަ ވަގުތުގައި

ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ،"

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް އަށް ރައީސް ނަޝީދު ހުށަހަޅުއްވަން އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގަރާރު ހުށަނާޅުއްވަން އިއްޔެ ނިންމެވުމާ ގުޅިގެން، ސްޓޭޖް މަތީގައި ނަޝީދާއެކު އިންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުން ގެންދެވި ވާހަކަ ނިންމާލެއްވި މި ޅެންބައިތުންނެވެ.

ހުކުރު ދުވަހު ފެށި ކޮންގްރެސްގައި އެންމެ މުހިންމު ބަހުސަކަށް އެޖެންޑާކޮށްފައި އޮތީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު ހުށަހެޅުއްވި ގަރާރެވެ. އެ ގަރާރުގެ އެޖެންޑާއާ ހަމައަށް ދިއުމުގެ ކުރިން ނަޝީދާއި އޭނާގެ ބައެއް ސަޕޯޓަރުން އިއްޔެ ހެނދުނުގައި ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން ދެއްކެވި ވާހަކަތަކުގައި، މިފަހަރުގެ ކޮންގްރެސްގައި "ވަގު" ގޮފިތައް ބައިވެރިވެފައިވާ ކަމަށް ކުރެއްވި ތުހުމަތާއެކު ހިތްހަމަ ނުޖެހުމާއި ފާޑުކިޔުން އެ ބޭފުޅުންނަށް އަމާޒުވި އެވެ.

އެ މަންޒަރުން މި ފަހަރުގެ ކޮންގްރެސްގައި ނަޝީދުގެ ތާއިދު ކުޑަކަން ފާހަގަ ވެގެންދިޔައިރު، ޕާޓީގެ ލީޑާޝިޕުން ދިޔައީ ރައީސް ސޯލިހު އާއި ނަޝީދުއާ ދެމެދު އުފެދިފައި އޮތް "ސިޔާސީ ހޫނުކަން" މައިތިރިކޮށް، ކޮންގްރެސް ރީތިކޮށް ނިންމާލުމަށް މަޝްވަރާ ކުރައްވަމުންނެވެ.

އެ މަޝްވަރާތަކުގެ ނަތީޖާއަކަށްވީ ނަޝީދު ވިދާޅުވި ގޮތުން ނަމަ އިތުރު މަޝްވަރާއަށްޓަކައި މަނިކުފާނުގެ ގަރާރު "ބާއްވާލުމެވެ."

"ރައިސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކޮށްގެން އަދި ޕާޓީގެ އެހެން ވެސް ގުނަންތަކާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ހިމުން އެއްގޮތް އުސޫލުތަކާއި ހަމަތަކެއް ހޯދޭނެ, އެއީ އަޅުގަނޑުގެ ހިތުގަ ޝައްކު ހިނގާނެ ކަމެއް ނޫން," ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ގަރާރު ކުރިއަށް ގެންދަވަން ނަޝީދު ބޭނުންފުޅުނުވުމަކީ ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް ޕާޓީ އާއި ގައުމާއެކު ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.

"...އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ތަފާތު ވިސްނުންތަކާއި ފިކުރުތައް ހުންނާނެ ބައެއް, ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ހުރޭ. މި ހުރިހާ ކަމެއް އެއްކިބާކޮށް އަޅުގަނޑުމެން ޕާޓީއާއެކުގަ މި ގައުމާއެކު ކުރިއަށް ދާން ތިބިކަން މިއަދު ވެސް ހާމަވެގެން މި ދިޔައީ," ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށެވެ. ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތިބެ އެމްޑީޕީގެ ވާދަވެރިން އިންތިހާބުން ބަލި ކުރުމަށް އެއް އަޒުމެއްގައި ނުކުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...ޕާޓީން ކެންޑިޑޭޓެއް ކަނޑައަޅާނެ, އެކަމަށް ޕާޓީގެ ގަވައިދުގައި އުސޫލުތައް އެބަ އޮތް, އެ އުސޫލުގެ ތެރޭން ޕާޓީން އިންތިހާބު ކުރާ ކެންޑިޑޭޓެއް ހޮވައި އަޅުގަނޑުމެން އެކުގައި ނުކުންނަންވާނީ،" ރައީސް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރުތައް

  • އެމްޑީޕީގައި އޮތް ހިޔާލު ތަފާތުތައް އެއްގޮތްކޮށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
  • އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު, ވެރިކަން ކުރާ އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ކާމިޔާބު ކުރާ ތަން ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.
  • އެމްޑީޕީ ތެރޭގައިވާ ދެބަސްވުންތައް ނައްތާލާ، އެއްގޮތަކަށް ކުރިއަށް ދިއުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެއްވެސް ހުރަހެއް ނެތި ހުންނަވާނެ ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ ވިދާޅުވި އެވެ.
  • ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރަން އެމްޑީޕީއަށް ހުށަހެޅި ގަރާރު އަނބުރާ ގެންދަވަން ނިންމެވީ އިތުރަށް މަޝްވަރާ ކުރަން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
  • އެމްޑީޕީ ކޮންގްރެސްގައި އެ ޕާޓީގައި އުފައްދާފައިވާ ކޮންމެ ގޮތްޕެއްގެ ރައީސަކު ބައިވެރިކުރުމުގެ ބަދަލުގައި، ވަކިވަރަކަށް މީހުން ހަމަވާ ގޮފިތަކަށް ބައިވެރިވެވޭ ގޮތަށް ޕާޓީގެ އިދާރާއިން ހުށަހެޅި އިސްލާހަށް ޖަޒުބާތީ ބަހުސެއް ކުރުމަށް ފަހު، އެ އިސްލާހު ބޭރުކޮށްލަން އިއްޔެ ނިންމި އެވެ.

  • ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްކުރީ އިއްޔެ އެވެ.
  • ދިވެހި ސަރުކާރުން ބޭސް ފަރުވާއަށާއި ޕެންޝަނަށް ކުރާ ހޭދަ ތަރައްގީވެފައިވާ އިގުތިސޯދުތަކާ އެއް ހަމަ ކަމަށް ވާލްޑް ބޭންކުން ބުނެފި ކަމަށް އިއްޔެ ރިޕޯޓްކުރި އެވެ.
  • ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައި ފިހުނު އަންހެން ވިޔަފާވެރިއަކު އިއްޔެ ނިޔާވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާއިން ފިހުނީ އެ ރަށުގައި ވިޔަފާރިކުރާ 53 އަހަރުގެ އައިމިނަތު އަބްދުލްހަމީދެވެ.

ދުވަހުގެ ކޮޓޭޝަން

ހިޔާލު ތަފާތުވުން ބޮޑުވި ވެރިކަމުގެ ނިޒާމާ ގުޅޭ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ކުރިއަށް ގެންދަން ބޭނުންފުޅު ނުވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޮންގްރެސްގައި އިއުލާން ކުރެއްވުމާއެކު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ،

މިއަދުގެ މެންދުރުވެގެން އައި އިރުގައި ވެސް މިތާ އެތެރޭގައި މިހިރު ހޫނުކަން ހަވީރު ނިމިގެން އަންނައިރު މިއޮތީ ފިނި ކަމަކަށް ބަދަލުވެފައި،

ދުވަހުގެ ފޮޓޯ

ނިޒާމީ ގަރާރު އިއްޔެ އަނބުރާ ނެގިކަން އިއުލާނު ކުރުމަށްފަހު އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު