Advertisement

2023 އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް ނުފެނޭ: ރައީސް

21 އޮގަސްޓު 2022 - 18:34 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް އަދި އެމްޑީޕީގެ ރައީސް: އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭތަން ނުފެންނަ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


2023 އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް ނުފެނޭ: ރައީސް

21 އޮގަސްޓު 2022 - 18:34 0

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު, ވެރިކަން ކުރާ އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ކާމިޔާބު ކުރާ ތަން ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް މިހާރު އޮތް ކޯލިޝަނާއެކު ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރައްވާފައިވާއިރު, އެ އިންތިހާބަށް ވާދަކުރެއްވުމަށް ޕްރައިމަރީގައި ބައިވެރިވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު, އެއަށްވުރެ ބޮޑަށް ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, އެމްޑީޕީން އެކަނި ވެރިކަމަށް އައުމަށެވެ. ރިޔާސީ ނިޒާމެއްގެ ތެރޭން ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރުމަކީ ނަޝީދު ރުހިވަޑައިގަންނަވާ ކަމަކަށް ނުވާއިރު, ކޮންގްރެސްއަށް ނިޒާމް ބަދަލުކުރުމަށް ގަރާރެއް ވެސް ހުށަހެޅުއްވި އެވެ.

ނަމަވެސް, ރައީސްއާ މަޝްވަރާތަކެއް ކުރެއްވުމަށްފަހު ނަޝީދު ނިންމެވީ ގަރާރު އަނބުރާ ނެގުމަށެވެ.

ގަރާރު ނަގަން ނަޝީދު ނިންމެވުމާއެކު, އެކަމާ އުފާ ފާޅުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ގަރާރުގެ ސަބަބުން ކޮންގްރެސް ތެރޭ އޮތީ ނުތަނަވަސް މާހައުލެއް ކަމަށެވެ. އެހެންނަމަވެސް, މިއަދު ނިމިގެން މި ދަނީ ފުރިހަމަ މެޗުއާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ތަފާތު ވިސްނުންތަކާއި ފިކުރުތައް ހުންނާނެ ބައެއް, ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ހުރޭ. މި ހުރިހާ ކަމެއް އެއްކިބާކޮށް އަޅުގަނޑުމެން ޕާޓީއާއެކުގަ މި ގައުމާއެކު ކުރިއަށް ދާން ތިބިކަން މިއަދު ވެސް ހާމަވެގެން މި ދިޔައީ," ރައީސް ވިދާޅުވި އެވެ.

"ވަރަށް އުފަލުން މިތަނުން ނުކުމެގެން ދާނީ, މެންދުރު ވެސް ހުރި ހޫނުކަން ހަވީރު މިއޮތީ ފިނިކަމަކަށް ބަދަލުވެފައި,"

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށެވެ. ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތިބެ އެމްޑީޕީގެ ވާދަވެރިން އިންތިހާބުން ބަލި ކުރުމަށް އެއް އަޒުމެއްގައި ނުކުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...ޕާޓީން ކެންޑިޑޭޓެއް ކަނޑައަޅާނެ, އެކަމަށް ޕާޓީގެ ގަވައިދުގައި އުސޫލުތައް އެބަ އޮތް, އެ އުސޫލުގެ ތެރޭން ޕާޓީން އިންތިހާބު ކުރާ ކެންޑިޑޭޓެއް ހޮވައި އަޅުގަނޑުމެން އެކުގައި ނުކުންނަންވާނީ." ރައީސް ވިދާޅުވި އެވެ.

"މިއީ ބޮޑު ޕާޓީއެއް, މިއީ ފުރިހަމަ ޕާޓީއެއް, 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް ނުފެނޭ, ...މާދަމާ މިކަމައިގެން އަވަސްވެ ގަންނަންވީ,"

އޭގެފަހުން ނަޝީދު ވިދާޅުވީ, ގަރާރު އަނބުރާ ނެންގެވީ, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ އެހެން ގުނަންތަކާ އިތުރަށް މަޝްވަރާކޮށްގެން ކުރިއަށް ގެންދާށެވެ.

"ރައިސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކޮށްގެން އަދި ޕާޓީގެ އެހެން ވެސް ގުނަންތަކާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ހިމުން އެއްގޮތް އުސޫލުތަކާއި ހަމަތަކެއް ހޯދޭނެ, އެއީ އަޅުގަނޑުގެ ހިތުގަ ޝައްކު ހިނގާނެ ކަމެއް ނޫން," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމާއި ހިޔާލުތައް އެއްގޮތް ކުރުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށެވެ. އެކަން ކުރިއަށް ދާނީ ދެފުށް ފެންނަ މާ ސާފު ގޮތަކަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...ޔަގީންކަން އަރުވަން ބޭނުން އެކުގައި ތިބެ އެއް ހިޔާލެއްގަ ތިބެ މި ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ކުރެވޭނެ," ނަޝީދު ވިދާޅުވި އެވެ. "އެތައް ޒަމާނެއްވަންދެން ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމުގައި އަޅުގަނޑުމެންނަށް ތިބެވޭނެ,"

ގަރާރު އަނބުރާ ނަގަން ނިންމެވިކަން ކޮންގްރެސްއަށް ނަޝީދު އިއުލާން ކުރެއްވުމާއެކު, ރައީސް ސޯލިހު ވިދާޅުވީ, އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

ނަޝީދު ކުރިން ދެއްކެވީ ކާމިޔާބު ނުވާނެ ކަމުގެ ހިސާބު

ކޮންގްރެސްގެ ފުރަތަމަ ދުވަހު ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެންމެ ފަހުން 2018 ވަނަ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެންނަ މަންޒަރުގެ ހިސާބު ކަމަށް ވިދާޅުވެ, އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގައި 233,000 މީހުން ވޯޓު ދިނެވެ. އޭގެ ތެރޭން 42 ޕަސެންޓް މީހުން ވޯޓުލީ, ޕީޕީއެމްގެ ކެންޑިޑޭޓް, ރައީސް އަބްދުالله ޔާމީނަށެވެ. އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް ސޯލިހަށް ލިބުނީ 135,000 ވޯޓެވެ. އޭގައި ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތުގެ ބައިވެރިވުން އޮތެވެ.

ނަޝީދު ޖެއްސެވި ހިސާބުން ރައީސް ސޯލިހަށް ލިބުނު ވޯޓުގެ 12 ޕަސެންޓަކީ, ޖުމްހޫރީ ޕާޓީން ހޯދި ވޯޓެވެ. އެމްއާރްއެމް އަދި އަދާލަތު ޕާޓީ އެކުވެ ނަގާފައިވަނީ ހަ ޕަސެންޓް ވޯޓެވެ. އެހެންވެ, މި ދެ ބައި އުނިކުރުމުން, އެމްޑީޕީއަށް ލިބުނު ކަމަށް ނަޝީދު ދެކެނީ 112,000 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި, އެމްޑީޕީ ބައިވެއްޖެނަމަ, އެ ވޯޓެއް ރައީސް ސޯލިހަކަށް ނުހޯދޭނެ އެވެ. މިއަދު މިއޮތް ގޮތަށް ކަންކަން އޮވެއްޖެނަމަ 112,000 ވޯޓުން 40 ޕަސެންޓް ވޯޓު އެމްޑީޕީއަށް ގެއްލި, 2023 އުނދަގޫވާނެ އެވެ.

"...އަޅުގަނޑުމެން ގޮތެއް ހޯދަން އެބަ ޖެހޭ މި ހާލަތުން މި ޕާޓީ އަރައިގަތުމަށް, މި ޕާޓީއަކަށް އަޅުގަނޑު މުހިންމެއް ނޫން އަދި ރައިސުލްޖުމްހޫރިއްޔާ ވެސް މުހިންމެއް ނޫން, އަޅުގަނޑުމެންނަށް މުހިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ޑިމޮކްރަޓިކް ނިޒާމެއްގައި ވެރިކަން ކޮށްދެވި ރަނގަޅު ގޮތްތައް ހޯދުން," ނަޝީދު ވިދާޅުވި އެވެ.