Advertisement

ޖީ20 ސަމިޓުގައި ޕުޓިން އަދި ޝީ ބައިވެރިވާނެ: ވިޑޯޑޯ

20 އޮގަސްޓު 2022 - 07:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: ރޮއިޓާޒް


ޖީ20 ސަމިޓުގައި ޕުޓިން އަދި ޝީ ބައިވެރިވާނެ: ވިޑޯޑޯ

20 އޮގަސްޓު 2022 - 07:10 0

އަންނަ ނޮވެމްބަރު މަހު އިންޑޮނީޝިއާގެ ބާލީގައި އޮންނަ ގްރޫޕް އޮފް 20 (ޖީ20) ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވެއްޖެ އެވެ.

"ޝީ ޖިންޕިން ވަޑައިގަންނަވާނެ. ރައީސް ޕުޓިން ވެސް އަޅުގަނޑަަށް ދެންނެވި ވަޑައިގަަންނަވާނެ ކަމަށް،" ބްލޫމްބާގް ނިއުސްއަަށް ދެއްވި އިންޓަވިއުގައި ވިޑޯޑޯ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު 20 އިގްތިސާދު ހިމެނޭ ޖީ20 ސަމިޓު ވާނީ ޔޫކްރެއިން ހަނގުރާމައިގެ އިތުރުން ޓައިވާންގެ މަޝްރަހު ހޫނުވި ފަހުން ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ބައްދަލުވުމަށެވެ.

އޭގެ އިތުރުން އިންޑޮނީޝިއާއަށް ކުރައްވާ ދަތުރު ވާނީ ޖެނުއަރީ 2020 ގައި ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރި ފަހުން އެ ގައުމުގެ ރައީސް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ.

ޗައިނާ އާއި ރަޝިއާގެ ވެރިންގެ އިތުރުން އެ ސަމިޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ބައިޑެން އާއި ޕުޓިން ބައްދަލުކުރައްވާނެ ކަމެއް ސާފެއް ނޫނެވެ.

އެކަަމަކު ސަމިޓުގެ ކުރިން ނުވަތަ ސަމިޓުގެ ހުލާސާގައި ބައިޑެން އާއި ޝީގެ ބައްދަލުވުމެއް އޮތުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަަށް ކުރެއްވި ދަތުރާ ގުޅިގެން އެމެރިކާ އާއި ޗައިނާގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

މީގެ ކުރިން ޔޫކްރެއިން ހަނގުރާމަ މައްސަލައިގައި އެމެރިކާއިން ގޮވާލީ ޖީ20 ގެ މެމްބަރުކަމުން ރަޝިއާ ވަކިކުރުމަށެވެ. އަދި ސަމިޓުގެ ދައުވަތު ޕުޓިންއަށް ނުފޮނުވުމަށް ޕްރެޝަރު ކުރި އެވެ. ޖީ20 ގެ ރިޔާސަތު މި އަހަރު ބަލަހައްޓަނީ އިންޑޮނީޝިއާ އިންނެވެ.

އެހެން ނަމަވެސް އިންޑޮނީޝިއާއިން ބުނީ "ވަކި އަތަކަށް" އެ ގައުމުން ނުޖެހުން މުހިންމު ކަމަށެވެ. އިންޑޮނީޝިއާއިން މަސައްކަތް ކުރަނީ ސުލްހަ ގެންނަން މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށެވެ.