15 އޮގަސްޓު 2022 - 05:52 0
އަމަން ހަލީމް
ރިސޯޓެއް ހަދަން ހަވާލުކޮށްފައިވާ ރަށެއް: ކްރޮސް ސަބްސިޑީއަށް ތަންތަން ދެވޭނެ މަޝްރޫއުތައް ކަނޑައެޅުމުގެ ބާރު ލިބެނީ ރައީސަށް. -- ފޮޓޯ: އެސްޓީއޯ
15 އޮގަސްޓު 2022 - 05:52 0
ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ހަދަން ތަންތަން ކުއްޔަށް ދިނުމުގެ ކުރިން މާލިއްޔަތު ގަވާއިދުގެ ދަށުން މަޝްރޫއަށް އިންވެސްޓުކުރާ ފަރާތުގެ މާލީ ގާބިލިއްޔަތުކަން ވަޒަންކުރާ ގޮތަށް ކްރޮސް ސަބްސިޑީއަށް ރަށް ނޫނީ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން އިސްލާހުކޮށްފި އެވެ.
ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ އެއާޕޯޓުތައް އަޅާށާއި، ފެރީ ހިދުމަތް ދޭށާއި ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ހަރަދުތައް ފޫބައްދަން އެކި ސަރުކާރުތަކުން އެކިގޮތަށް ގެންގުޅެފައިވާ ސިޔާސަތެކެވެ. އެގޮތަށް ހަވާލުކުރާ ރަށްތަކާ ގުޅިގެން ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއް ނޯވެ އެވެ.
ނަމަވެސް ޓޫރިޒަމް ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ކްރޮސް ސަބްސިޑީއަށް ރަށްތައް ދޫކުރުމާ ގުޅޭ އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ފަށާ، މިދިޔަ އަހަރު ގަވާއިދެއް ގެޒެޓުކުރި އެވެ.
އެ ގަވާއިދުގައިވާ ގޮތުން ކްރޮސް ސަބްސިޑީއަށް ރަށެއް ދެވޭނީ މަޝްރޫއު ނިމުމުން ނޫނީ ހަމައެކަނި އިންވެސްޓަރެއްގެ ގޮތުގައި ނަމަ އެ މަޝްރޫއަށް ހަރަދުވާނެ ފައިސާ އެއްކޮށް ދެއްކުމުންނެވެ. އަދި މަޝްރޫއު ކުރިޔަށް ނުގެންދިޔުމާ ގުޅިގެން އެ އެއްބަސްވުން ބާތިލުވާ ހާލަތުގައި، ކުއްޔަށް ދެވޭ ތަނާ ގުޅޭ އެއްބަސްވުން ވެސް ބާތިލުވާނެ އެވެ.
ކުރީގެ ގަވާއިދު ބާތިލުކޮށް މިއަދު ގެޒެޓުކުރި ގަވާއިދުގައި އިތުރުވީ ހަމައެކަނި ކޮންޓްރެކްޓަރު ނުވަތަ އިންވެސްޓަރު ކަނޑައެޅުމާ ގުޅޭ މާއްދާ އެވެ. އެގޮތުން ހަމައެކަނި އިންވެސްޓުކުރާ ހާލަތުގައި، މާލީ ގާބިލިއްޔަތުކަން ވަޒަންކުރުމުގެ އިތުރުން މަޝްރޫއަށް ބޭނުންވާ އެންމެ ކުޑަ މިންވަރަށް ފައިސާ ދިނުމުން ވެސް ތަންތަން ދޫކުރަން މިހާރުގެ ގަވާއިދު ތަންދެ އެވެ.
މަޝްރޫއަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރު ކަނޑައަޅާނީ ސަރުކާރުންނެވެ. އެ މިންވަރާއި ޕްރޮޖެކްޓާ ގުޅޭ އިތުރު ތަފުސީލުތައް ގެޒެޓުގައި ޝާއިއުކުރަން ވެސް ޖެހެ އެވެ.
ކްރޮސް ސަބްސިޑީއަށް ރަށްތައް ދިނުމުގެ ގަވާއިދުގައި ހުރި އިތުރު ކަންކަމަށް ބަލާއިރު، މަޝްރޫއު ހިންގާ ފަރާތުން ސަރުކާރަށް ފައިސާ ދައްކަން ލިބެނީ 60 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު އިތުރުކޮށްދިނުމުގެ ބާރު ލިބެނީ ސީދާ ރައީސްއަށެވެ. އެގޮތުން 180 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ފައިސާ ދައްކަން ދެވޭނެ އެވެ.
ސަރުކާރުން މި ފައިސާ ޖަމާކުރަން ޖެހެނީ އެކަމަށް ހާއްސަ ކުރެވޭ ޓްރަސްޓް ފަންޑަކަށެވެ. އަދި މި ފައިސާ ހަރަދުކުރެވޭނީ ހަމައެކަނި އެ މަޝްރޫއުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. މަޝްރޫއު އެއްކޮށް ނިމޭއިރު އެއްވެސް ފައިސާއެއް ބާކީވެއްޖެ ނަމަ، ކްރޮސް ސަބްސިޑީ ދީގެން ހިންގާ އެހެން މަޝްރޫއަކަށް ހަރަދުކުރެވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment