Advertisement

އެފްއޭ ކަޕް: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ ސެމީ އަށް

12 އޮގަސްޓު 2022 - 23:29 0

ވެލެންސިއާގެ އަކުރަމް (ވ) އާއި އިއްބެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


އެފްއޭ ކަޕް: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ ސެމީ އަށް

12 އޮގަސްޓު 2022 - 23:29 0

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން 2012 ވަނަ އަހަރާއި 2014 ވަނަ އަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސެމީ ފައިނަލުގައި ކުޅޭނީ ކުއާޓާ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް މާޒިޔާ އިން ނުކުތީ ލީގުގެ ފަހު މެޗުތަކެކޭ އެއްގޮތަށް އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ)ގެ ކޯޗުކަމުގަ އެވެ. މާޒިޔާ އިން މި މެޗުގައި ލީޑުނެގީ 16 ވަނަ މިނިޓްގައި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ގޯލުންނެވެ. ކޯނަރެއްގައި އަރިމަތިން ދިޔަ ބޯޅައެއް ހޯދައި، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ނެގި ހުރަހަކުން އަކޫ މި ގޯލު ޖެހީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އަނަފް ޒަރިޔަންދަށް ލިބުމުގެ ކުރިން ބޮލުންނެވެ.

މާޒިޔާ އަށް ލީޑު ހިފަހައްޓައިލެވުނީ ދެ މިނިޓެވެ. ޔުނައިޓެޑް ވިކްޓަރީގެ ހާފުގެ ތެރެއިން އެ ޓީމުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ބޯޅަހިފައިގެން ގޮސް މާޒިޔާ އޭރިއާތެރެއަށް ވަދެ، ތިރިތިރިން ޖެހި ބޯޅަ ގޯލަށް ވަނީ އަކޫ ފައިގައި ޖެހިފަ އެވެ.

މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ


ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމުމުނުއިރު، މާޒިޔާ އިން ދެ ވަނަ ހާފަށް ނުކުމެ ވަނީ ނަތީޖާ ނެރެފަ އެވެ. މާޒިޔާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ ނާއިޒު ހަސަން (ދާދު) ޖެހި ގޯލުންނެވެ. ކޯނަރެއްގައި ޔުނައިޓެޑް ވިކްޓަރީ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވި އުޅުނު ބޯޅައެއް ހޯދައި، މާޒިޔާ ސަމޫހު އަލީ (ސަމުއްޓެ) ޖައްސާލި ބޯޅަ ގޯލު ކުރިމަތީ ހުސްކޮށް ހުރި ދާދު ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ދާދު ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ޔުނައިޓެޑް ވިކްޓަރީން އެޕީލްކުރި އެވެ.

ޔުނައިޓެޑް ވިކްޓަރީން ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރަމުން ދަނިކޮށް މާޒިޔާ އަށް ސެމީ ފައިނަލްގެ ޖާގަ ޔަގީންކޮށްދިން ގޯލު ޖެހީ މެޗުގައި މޮޅަށް ކުޅުނު ހަމްޕު އެވެ. މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަމްޕު ތިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެެވެ.

ޔުނައިޓެޑް ވިކްޓަރީން ވަނީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވެލެންސިއާ ކަޓުވާލައިފަ އެެވެ. މިރޭ ވެސް ޔުނައިޓެޑް ވިކްޓަރީން ވަނީ ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.