11 އޮގަސްޓު 2022 - 08:35 0
ސޮލިޑާރިޓީ ގޭމްސްގެ މެޗެއްގެ ތެރެއިން ޝިއުރީ (ކ) އެ ޓީމުގެ ދީމާ އަށް ބުނެދެނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު
11 އޮގަސްޓު 2022 - 08:35 0
މިހާރު ތުރުކީގެ ކޮންޏާގައި ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ އަންހެން ޓީމުން ޖާގަ ހޯދައި، މި ލިބުނު ތާރީީހީ ކާމިޔާބީ އިތުރަށް ފުރިހަމަ ކުރެވޭތޯ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ބޭނުންވާ ކަމަށް ޓީމުގެ ކޯޗު އަދި ޓީީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
މިއީ ރާއްޖޭގެ ޓީޓީ ތާރީހުގައި އިސްލާމިކް ސޮލިޑާރިޓީ ލެވަލްގެ ގޭމްސްއެއްގެ ސެމީ އަށް ދިޔަ ފުރަތަމަ ފަހަރެވެ. ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ އަންހެން އިވެންޓްގައި ވާދަކުރަނީ އަށް ގައުމެވެ. ޓީޓީ އަންހެން ޓީމު ސެމީ އަށް ދިއުމާ އެކު މިއީ ޓީމު އިވެންޓެއްގައި ރާއްޖޭން އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.
ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ ގޭމްސްތަކަށް ބަލާއިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަން މެޑަލް އަދި ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދައިފަ އެވެ.
އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގެ ސެމީގައި މިއަދު އަންހެން ޓީޓީ ޓީމުން ކުޅޭނީ އީރާނާ އެވެ. ރާއްޖެ ދިޔައީ ވާދަކުރި ގްރޫޕްގައި ތުރުކީގެ ފަހަތުން ދެ ވަނަ އެވެ. ރާއްޖޭން ވަނީ ގްރޫޕްގައި ފުރަތަމަ މެޗުން ޖިބޫޓީ އަތުން އަދި ފަހު މެޗުން ޔޫގާންޑާ އަތުން މޮޅުވެފަ އެވެ. ބަލިވީ ތުރުކީ އަތުންނެވެ.
ޝިއުރީ ވިދާޅުވީ މި ކާމިޔާބީއާ އެކު ތާރީހުން އަނެއްކާ ވެސް ޓީޓީ ޓީމު ޖާގަ ހޯދީ ކަމަށާއި އެކަމަކު، މިއީ އަދި ނިމުނީ ކަމަށް ނުދެކޭ ކަމަށެވެ. ޓީޓީ ޓީމުން މަސައްކަތް ކުރާނީ ސެމީން މޮޅުވެ ފައިނަލަށް ދެވޭތޯ އެވެ.
"(ސެމީގައި) މި ޖެހެނީ މި ރީޖަންގެ އެންމެ ވަރުގަދަ ކޮށް އޮތް އިރާންއާ. ވަރަށް އުނދަގޫވާނެ މެޗެއް މިއީ. އެހެންވިޔަސް ފަސޭހައިން ގިވަޕެއް ނުކުރާނަން. އެންމެ މެކްސިމަމް ދޭނަން. ޕޮއިންޓަކަށް ފަހު ޕޮއިންޓެއް ހޯދައި، އެ ހިސާބުން ދެން ސެޓު ވެސް ހޯދައި، މެޗު ވެސް ހޯދަން، މޮޅުވާން ކުޅޭނީ، އެ އަޒުމުގައި ނުކުންނާނީ،" ޝިއުރީ ވިދާޅުވި އެވެ.
"އުންމީދަކީ ސަޕްރައިޒިން މޮޅު ކުޅުމެއް، މިސާލަކަށް ފައިނަލިސްޓާ އެކު ދީމާ ވެސް އެ ކުޅުނީ ތަފާތު ކުޅުމެއް. އެކްސްޕެކްޓެއް ވެސް ނުކުރެވޭ. އެކަހަލަ ތަފާތު ކުޅުމެއް ކުޅެވިދާނެ. ކުޅެގެން މެޗު ގެނައުމުގެ ޕޮސިބިލިޓީ އެބައޮތް. އެންމެ ރަނގަޅު ކުޅުން ދެއްކޭތޯ މަސައްކަތް ކުރާނަން. ޓީމު ސައިޑުން 1000 ޕަސެންޓް ދޭގޮތަށް މި ތިބީ،"
އަންހެން ޓީޓީ ޓީމުން އީރާނާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
އިއްޔެ ބަންގްލަދޭޝް އަތުން މޮޅުވެގެން ފިރިހެން ޓީޓީ ޓީމަށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ވާދަވެރި ކުޅުމަކަށް ފަހު 3-2 އިން ބަލިވެ، މުބާރާތުން ކެޓީ އެވެ. ތިން ޓީމު ވާދަކުރި ގްރޫޕުގައި ރާއްޖޭގެ ޓީޓީ ފިރިހެން ޓީމު ފުރަތަމަ މެޗުން ވަނީ އީރާން އަތުން ބަލިވެފަ އެވެ.
ޝިއުރީ ވިދާޅުވީ ބަންގްލަދޭޝް މެޗުގައި ފިރިހެން ޓީމު ވެސް ދެއްކީ ވަރަށް ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި އެ ޓީމުގެ އެ މަސައްކަތާ މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ.
"އެ ދެއްކި ޕާފޯމަންސް ވަރަށް ރަނގަޅު. ވަކިން ހާއްސަކޮށް ފާހަގަކުރަން ޝައްފާންގެ ކުޅުން މި މުބާރާތުގައި ހަމަ ވަރަށް އައުޓްސްޓޭންޑިން. އެ ޕާފޯމަންސަށް ކްރެޑިޓް ހައްގު. ޑަބަލްސް ވެސް ހަމަ މުންސިފް އާއި ޝައްފާންގެ ޕެއާ ހޯދައިގެން ހަމަ މުޅި ގޭމް އަނބުރާލީ. ޝައްފާން އެ ބަލިކުރީ އެ މީހުންގެ އެއް ވަނަ ކުޅުންތެރިޔާ 3-0 އިން،" ޝިއުރީ ވިދާޅުވި އެވެ.
"އެ މީހުން (ބަންގްލަދޭޝް ޓީމުން) ތިބީ ފަސޭހަކޮށްލައިގެން މެޗުން މޮޅުވާނެ ކަމަށް ބަލައިގެން، އެންމެ ފަހުން ރާއްޖޭގައި ބޭއްވި އެއް މުބާރާތުގައި ގޯލްޑް މެޑަލް ހޯދި ފިރިހެން ޓީމު އެއީ. އެހެންވީމަ، ވަރަށް ޕްރައުޑްވޭ އެ މީހުން (ގައުމީ ޓީޓީ ފިރިހެން ޓީމު) ދެެއްކި ކުޅުމާ މެދު، ވަރަށް ރަނގަޅަށް ޕާފޯމްކޮށްފި،"
ޖުމްލަކޮށް ބަލާއިރު ޓީޓީ ފިރިހެން ޓީމަށް ވެސް މިއީ ރަނގަޅު މެޗުތަކެއް ކުޅެވުނު މުބާރާތެކެވެ.
ޝިއުރީ ވިދާޅުވީ ބަންގްލަދޭޝާ ކުޅުނު މެޗު ދިޔައީ އާދައިގެ ގޮތަކަށް ނޫން ކަމަށާއި ރަނގަޅު ފައިޓެއް ދީ ޗެލެންޖް ކޮށްގެން މޮޅެއް ނުލިބުނީ ނަސީބުގެ އެހީ ވެސް ނެތުމުން ކަމަށެވެ.
.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment