Advertisement

އަލިފުށިން ބޭނުންވީ އެއްތިގިއްޔާ ހަމައަށް ހިއްކާ އެއްފަސްކުރަން; ސަރުކާރުން ބުނީ ނޫނެކޭ

8 އޮގަސްޓު 2022 - 14:07 1

އަމަން ހަލީމް

އަމަން ހަލީމް

ރ. އަލިފުއްޓާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ އެއްތިގިލި: ސަރުކާރުން ބޭނުންވަނީ އެއްތިގިލީގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޭން. -- ފޮޓޯ: ގޫގްލް އާތު


އަލިފުށިން ބޭނުންވީ އެއްތިގިއްޔާ ހަމައަށް ހިއްކާ އެއްފަސްކުރަން; ސަރުކާރުން ބުނީ ނޫނެކޭ

8 އޮގަސްޓު 2022 - 14:07 1

އަލިފުށީ ފަޅުން ބަޔެއް ހިއްކައިގެން އަޅަން ފަށާފައިވާ އެއާޕޯޓު އަޅާއިރު، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދުނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ އެއްތިގިއްޔާ ހަމައަށް ހިއްކާ ދެ ރަށް ގުޅާލަން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މިކަން އެނގުނީ އަލިފުށީ އެއާޕޯޓު އަޅަން ފާސްކޮށްފައިވާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގައި ހުރި މައުލޫމާތުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ރަށު ރައްޔިތުންނާ އެކީ އީއައިއޭ ކޮންސަލްޓަންޓު ބޭއްވި ބައްދަލުވުމުގައި މިގޮތަށް ހުށަހެޅީ އަލިފުށީ ރައްޔިތުންނަށް އެއްތިގިލި ބޭނުންކުރެވޭ ގޮތް ހަދާށެވެ.

އެ ދުވަހު ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންނާ ހަވާލާދީ އެ ރިޕޯޓުގައި ވަނީ އެއްތިގިލީގެ ޗަސްބިމަކީ މަދިރި އާލާވާ ތަނެއް ކަމުން، ހުޅަނގު މޫސުމުގައި އަލިފުއްޓަށް މަދިރީގެ އުނދަގޫ ޖެހުން ނޫން ކަމެއް އެ ރަށުން ނުވެ އެވެ. މިހެންވެ ގިނަ ބަޔަކު ބޭނުންވީ އެއާޕޯޓު އަޅަން ހިއްކާއިރު ދެ ރަށް އެއްފަސްކުރާށެވެ.

އަލިފުށި ރައްޔިތުން ބޭނުންވިގޮތަށް އެއްތިގިއްޔާ ގުޅާލާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންސެޕްޓް: މިގޮތަށް ތަރައްގީކޮށް އެއްފަސްކޮށްފިނަމަ އަލިފުށީ ބިމުގެ ބޮޑުމިނުގައި 255 ހެކްޓަރު ހުންނާނެ. -- ފޮޓޯ: އަލިފުށި އެއާޕޯޓް އީއައިއޭ ރިޕޯޓު


ރައްޔިތުން މިގޮތަށް ބޭނުންވި ނަމަވެސް މި ހުށަހެޅުން ބަލައި ނުގަނެ، ކުރިން ރާވާފައިވާވާ ގޮތަށް ޕްރޮޖެކްޓު ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ. ސަބަބަކީ އެ ބަދަލުތަކާއެކީ ޕްރޮޖެކްޓުގެ އަގު ބޮޑުވުމާއި، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް އެކުލެވޭ އެއްތިގިއްޔަށް ލިބިދާނެ ގެއްލުންތަކެވެ.

އެއްތިގިއްޔަށް ގެއްލުންތަކެއްވި ނަމަވެސް، ހިއްކާ ސަރަހައްދަށް ގުދުރަތީ ގޮތުން އެންމެ ބޮޑު ރައްކާތެރިކަމެއް ލިބެނީ އިއްތިގިއްޔާ ގުޅާލާ ގޮތަށް ހިއްކީމަ އެވެ. ސަބަބަކީ ފަރާ ދުރުން، ފަޅުގެ މެދަށްވާ ކަހަލަ ގޮތަކަށް ހިއްކައިފިނަމަ ގަދަ އޮޔެވަރުން ލިބޭ ގެއްލުން ކުޑަކުރެވޭނެތީ އެވެ.

އޭގެ އިތުރުން މިގޮތަށް ހިއްކައިފިނަމަ މިހާރަށް ވުރެ ހިއްކާ ސަރަހައްދު ވެސް ބޮޑުވާނެ އެވެ. މިހާރު ރާވާފައިވަނީ 50.5 ހެކްޓަރުގެ ބިން ހިއްކާށެވެ. އޭގެ ތެރެއިން އެއާޕޯޓަށް ބޭނުންކުރާނީ 38 ހެކްޓަރެވެ. ބާކީ 12.5 ހެކްޓަރުގެ ބޭނުންކުރާނީ އަލިފުށީ ރައްޔިތުންނަށް ގޯތި ދޫކުރާށާއި އިގުތިސޯދީ މަސައްކަތްތަކަށެވެ.

އަލިފުށި އެއާޕޯޓް ތަރައްގީކުރާ ކޮންސެޕްޓް: ރީނދޫ ކުލައިން ފާހަގަކޮށްފައިވަނީ ބިން ދޫކުރާ ސަރަހައްދު، އޮރެންޖު ކުލައިން އެއާޕޯޓު އަޅާ ސަރަހައްދު. -- ފޮޓޯ: އަލިފުށި އެއާޕޯޓު އީއައިއޭ ރިޕޯޓު


އަލިފުށި ރައްޔިތުން ބޭނުންވި ގޮތަށް ހިއްކި ނަމަ އެއާޕޯޓަށް 154 ހެކްޓަރު އަދި އެހެން ބޭނުންތަކަށް 32.2 ހެކްޓަރުގެ ބިން ލިބުނީ ހެވެ. އެކަމަކު މިކަމަށް ބޭނުންވާ ވެއްޔާއި އެހެނިހެން ހަރަދުތަކާއި ޕްރޮޖެކްޓުގެ ސަބަބުން އަސަރުކުރާ ސަރަހައްދަށް ބަލާނަމަ، ބޮޑަށް ރަނގަޅީ މިހާރު ހުށަހަޅާފައިވާ ގޮތް ކަމަށް އީއައިއޭ ރިޕޯޓުގައި ވެއެވެ.

ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ބުނެ އަލިފުއްޓާ އެއްތިގިއްޔާ ގުޅާލަނީ ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ބަލައިފައި ކަަމަށް ބުނި ނަމަވެސް، އެންމެ ފަހުން ރިސޯޓު ތަރައްގީކުރަން ރަށްތައް ކުއްޔަށް ދޭން ހުޅުވާލި ބީލަމުގައި އަލިފުށި ފަޅުން 10 ހެކްޓަރާ އެކީ މި ރަށް ކުއްޔަށް ދޭން މަސައްކަތް ކުރި އެވެ. އެކަމަކު އެއްވެސް ބިޑެއް ނުލިބޭތީ އެކަން ކުރިޔަކަށް ނުދެ އެވެ.

ސަރުކާރުގެ ބަޖެޓުން 451.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ މި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ންނެވެ. ނިމުނު ހަފުތާގެ ތެރޭގައި އެމްޓީސީސީން ވަނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ޑްރެޖަރު ރަށަށް ފޮނުވާ، ބިން ހިއްކުމުގެ މަސައްކަތް ފަށާފަ އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިއްކާނީ އެއާޕޯޓަށް ބޭނުންވާ ސަރަހައްދެވެ. މިކަމަށް އަށް މަސް ދުވަސް ހޭދަވާނެ އެވެ. ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ ސަރަހައްދަށް އިތުރު ދެ މަސް ދުވަސް ހޭދަވާނެ އެވެ. މުޅި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލަން އިތުރު 11 މަސް ދުވަސް ހޭދަވާނެ އެވެ.

މި މުއްދަތުތަކަށް ބުރަވަނީނަމަ، އަލިފުށީ އެއާޕޯޓުގެ މަސައްކަތް އެންމެ އަވަހަށް ވެސް ނިމޭނީ މެއި 2024 އަށެވެ.