Advertisement

ޓޫރިސްޓުން ގެންނަ ވިޔަފާރިތަކުން ސަރުކާރަށް؛ "ޓެކްސް ބޮޑުކޮށް ތި ހަދަނީ ބޮޑު ގޯހެއް"

6 އޮގަސްޓު 2022 - 11:53 1

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި އެއާޕޯޓު ރެޕަކާއި ޓޫރިސްޓަކު މުއާމަލާތް ކުރަނީ: މަޓާޓޯއިން އަންދާޒާކުރަނީ ޓެކްސް ބޮޑުކޮށްފިނަމަ އެރައިވަލްސް 10 ޕަސެންޓު ދަށްވާނެ ކަމަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޓޫރިސްޓުން ގެންނަ ވިޔަފާރިތަކުން ސަރުކާރަށް؛ "ޓެކްސް ބޮޑުކޮށް ތި ހަދަނީ ބޮޑު ގޯހެއް"

6 އޮގަސްޓު 2022 - 11:53 1

ސަރުކާރަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖޭގައި ވިޔަފާރި ހިނގާ ގޮތުގެ ހަގީގަތްތައް ނޭނގޭ ކަމަށް ބުނެ ޓޫރިޒަމް ޓެކްސް ބޮޑުކުރުން އިހަށް މަޑުޖައްސާލަން މޯލްޑިވްސް އެސޯސިއޭޝަނުން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުވާ އޮޕަރޭޓާސް (މަޓާޓޯ)އިން ގޮވާލައިފި އެވެ.

އިގުތިސޯދީ ކުރިމަގު ނުތަނަވަސްކަމެއްގެ ތެރޭގައި ވަނިކޮށް، އާމްދަނީ އިތުރުކުރަން ޓެކްސްތައް ބޮޑުކުރަން ނިންމާފައިވާ ކަން ސަރުކާރުން އިއުލާނުކުރީ ނިމުނު ޖުލައި މަހުގެ ކުރީކޮޅު އެވެ. މިއީ ދައުލަތުގެ ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓާ، ބަޖެޓު ޑެފިސިޓް ކުޑަކުރަން ކޮންމެހެން ބޭނުން ބަދަލެއް ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އެގޮތުން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ހަ ޕަސެންޓުގެ ޖީޖީއެސްޓީ އަށް ޕަސެންޓަށް، އަދި ޓޫރިޒަމްގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ 12 ޕަސެންޓު ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި އެކަމަށް ބޭނުންވާ ގާނޫނީ އިސްލާހު ރައްޔިތުންގެ މަޖިލިސް ހުޅުވިހާ އަވަހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މިއީ ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ކަމަށް ބުނި ނަމަވެސް، ވިޔަފާރިތަކާއި ވިޔަފާރިވެރިންނާއި އާންމުން ވެސް ދަނީ ޓެކްސް އިތުރުކުރުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މިކަމާ އެންމެ ހަރަކާތްތެރިކޮށް އުޅެނީ މައި އިގުތިސޯދީ ހަރަކާތް ކަމުގައިވާ ޓޫރިޒަމާއި ޓޫރިޒަމާ ގުޅިފައިވާ ވިޔަފާރިތަކުންނެވެ. މަޓާޓޯ ވެސް ހިމެނެނީ މި ލިސްޓުގަ އެވެ.

އެރައިވަލްސް 10 ޕަސެންޓު ދަށަށް؛ ބޮޑު ގެއްލުން އެސްއެމްއީތަކަށް

ޓެކްސް ބޮޑުކުރާތީ ކަންބޮޑުވުން ފާޅުކޮށް މަޓާޓޯއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މައިގަނޑު ކަންބޮޑުވުމަކީ އަވަސް އަރުވާލައިގެން ޓެކްސް ބޮޑުކުރުމެވެ.

މިބަދަލުގެ ނޭދެވޭ އަސަރު މަޓާޓޯގެ މެމްބަރުން ހިމެނޭހެން ހުރިހާ ޓޫރިޒަމް ވިޔަފާރިއަކަށް ކުރާނެ ކަމަށާއި، ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ އެހެން ވިޔަފާރި ޖަމިއްޔާތަކުން ވެސް މި ކަންބޮޑުވުން ހިއްސާކުރާ ކަމަށް އެ ބަޔާނުގައި ފާހަގަކުރި އެވެ.

މަޓާޓޯ އިން ބުނާ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވާ ރޭޓަށް ޓެކްސް ބޮޑުކޮށްފިނަމަ، ރާއްޖެ ހިމެނޭނީ އެންމެ ބޮޑުކޮށް ޓެކްސް ކުރާ ގައުމުތަކުގެ ތެރޭގަ އެވެ. އަދި ބުނީ މިއީ ކޮވިޑު ބަލިމަޑުކަމަށް ފަހު ވާދެވެރި ގައުމުތަކުން ޓޫރިސްޓުން އިތުރުކުރަން ފައިވިއްދާފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ޑިމާންޑު ދަށްވާނެ ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖެއަށް ޓޫރިސްޓުން ފޮނުވަން މެދުވެރިވާ ބޭރުގެ 300 ޓުވާ އޮޕަރޭޓަރުން ހިމެނޭ ސާވޭއަކަށް ފަހު، ގިނަ އޮޕަރޭޓަރުން މިގޮތަށް ދެކޭ ކަމަށާއި، މިހާރު ހުށަހަޅާފައިވާ ގޮތަށް އަންނަ އަހަރު ޓެކްސް ބޮޑުކޮށްފިނަމަ ޓޫރިސްޓުން އަންނަ އަދަދު 10 ޕަސެންޓު ދަށްވާނެ ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި މިބަދަލުގެ ނޭދެވޭ އަސަރު ބޮޑީ ޓޫރިޒަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށާއި، ވަކިން ހާއްސަކޮށް ބަޖެޓު އަދި މެދުފަންތީގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ކަމަށް ބުންޏެވެ.

ސަރުކާރާއި އައިއެމްއެފްއަށް ފާޑުކިޔުން؛ އިތުރުކުރަންވީ ޓެކުހެއް ނޫން، ޓޫރިސްޓުން

ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އައިއެމްއެފް އިން ތާއީދުކުރެ އެވެ. ޓެކްސް ބޮޑުކުރަން ސަރުކާރަށް އެންމެ ބާރުއަޅަމުންދާ އެއް ބަޔަކީ ވެސް އެއީ އެވެ. އެކަމަކު މިއީ ސަރުކާރަށާއި އައިއެމްއެފްއަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހަގީގަތްތައް ނޭނގޭތީ ދައްކާ ވާހަކައެއް ކަމަށް މަޓާޓޯގެ ބަޔާނުގައި ފާހަގަކުރި އެވެ.

މި ކަންބޮޑުވުން މަޓާޓޯ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)އިން އައިއެމްއެފްގެ ވަފުދާއެކީ ބޭއްވި ބައްދަލުވުމުގައި ހިއްސާކުރި އެވެ. އަދި، ޓެކްސް ނިޒާމަށް ބަދަލުގެންނަން އައިއެމްއެފްއިން ދިން ލަފާގެ ކުރިން ކަމާގުޅުންހުރި ވިޔަފާރިތަކާ ބައްދަލުނުކުރުމަކީ ގޯހެއް ކަމަށް ވެސް އެ ބައްދަލުވުމުގައި ފާހަގަކުރި ކަމަށް މަޓާޓޯއިން ބުންޏެވެ.

މި ދަނޑިވަޅުގައި އިގުތިސޯދުގައި އެންމެ ހަރަކާތްތެރި ސިނާއަތުގެ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި މަޓާޓޯއިން ގޮވާލަނީ އިންޑަސްޓްރީއާ ގުޅިގެން ޓޫރިސްޓުންނާއި، ޓޫރިސްޓުން ހޭދަކުރާ މުއްދަތާއި ޗުއްޓީ ވިއްކާ ރޭޓުތައް އިތުރުކުރަން މަސައްކަތް ކުރުމަށެވެ. މަޓާޓޯއިން ބުނަނީ މިއީ ވެސް ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމެއް ކަމަށެވެ.

ބަޔާން ނިންމާލަމުން މަޓާޓޯއިން ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ގޮވާލާފަ އެވެ. އެގޮތުން މި ފުރުސަތުގެ ބޭނުންކޮށް ސަބްސިޑީ އާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ސިޔާސީ މަގާމުތަކުގެ އިތުރުން ސަރުކާރު ކުންފުނިތައް ހިންގަން ކުރާ އިސްރާފު ހަރަދުތައް ހުއްޓާލުން ބުއްދިވެރި ކަމަށް ބުންޏެވެ.