Advertisement

ތެލާއި ގޭސް ކުންފުނިތަކުން ހާއްސަ ޓެކްސް ނަގަން އދ. ގެ ސެކެޓްރީ ޖެނެރަލް ގޮވާލައިފި

4 އޮގަސްޓު 2022 - 11:07 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް. -- ފޮޓޯ: ރޮއިޓާޒް


ތެލާއި ގޭސް ކުންފުނިތަކުން ހާއްސަ ޓެކްސް ނަގަން އދ. ގެ ސެކެޓްރީ ޖެނެރަލް ގޮވާލައިފި

4 އޮގަސްޓު 2022 - 11:07 0

ދުނިޔޭގެ ބޮޑެތި ތެލާއި ގޭސް ކުންފުނިތަކުން ހާއްސަ ޓެކްސްއެއް ނެގުމަށް އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފި އެވެ.

ގުޓެރޭޒް އެގޮތަށް ގޮވާލެއްވީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގުތައް ވަރަށް ބޮޑަށް އުފުލި، ބޮޑެތި ކުންފުނިތަކުގެ ފައިދާ ރެކޯޑް މިންވަރަށް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ގުޓެރޭޒް ވިދާޅުވީ މި ކާރިސާއިން ބޮޑެތި ކުންފުނިތައް ފައިދާ ނެގުމަކީ "ރަނގަޅު ގޮތް" ނޫން ކަމަށެވެ.

ހަނގުރާމައާ ހެދި ތެލާއި ގޭހުގެ އަގު އުފުލި ހުރިހާ ގައުމެއްގައި ވެސް އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަރު އިތުރުވެ، ގޮންޖެހުންތައް ދިމާވެފައިވި ނަމަވެސް ކުންފުނިތަކަށް ލިބޭ ފައިދާ ވަރަށް ބޮޑެވެ.

އެގޮތުން ބީޕީ ކުންފުނިން ވަނީ 14 އަހަރުގެ ތެރޭގައި އެންމެ ބޮޑު ފައިދާ ރިޕޯޓުކޮށްފަަ އެވެ. މިދިޔަ އެޕްރީލް މަހުން ޖޫން މަހަށް ޝެލް ކުންފުނީގެ ފައިދާ ރެކޯޑް މިންވަރަށް މަތިވި އެވެ.

ހަކަތައިގެ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ހަތަަރު ކުންފުނި، އެކްސްކޮން، ޗެވްރޯން، ޝެލް އަދި ޓޯޓަަލް އެނާޖީޒްއަށް އެންމެ ފަހު ކުއާޓާގައި 51 ބިލިއަން ޑޮލަރު ލިބުނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދެ ގުނަ އިތުރެވެ.

"މި އިންސާފުވެރިކަމެއް ނެތް ދަހިވެތިކަމުގެ އަދަބު ލިބެނީ އެންމެ ފަގީރު އަދި އެންމެ ނާޒުކު މީހުންނަށް،" ގުޓެރޭޒް ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިހާ ގައުމެއްގެ ސަރުކާރަށް ވެސް މި ގޮވާލަނީ ކުންފުނިތަކަށް އިތުރަށް ލިބުނު ފައިދާއިން ޓެކްސް ނެގުމަށް. އަދި އެ ޓެކްސުން އާއްމުންނަށް އެހީ ފޯރުކޮށްދިނުމަށް."

އިނގިރޭސިވިލާތާއި އިޓަލީ ފަދަ ބަައެއް ގައުމުތަކުން މިހާރު ވެސް ވަނީ ހަކަތައާ ގުޅޭ ކުންފުނިތަކުން ޓެކްސް ނަގަން ނިންމާފަ އެވެ. އެކަމަކު ފްރާންސާއި އެމެރިކާ ފަދަ ބައެއް ގަައުމުތަކުގައި އެކަމަށް ތާއީދު ކުޑަ އެވެ.