Advertisement

ޔާމީނާއި ރިލުވާނުގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި

1 އޮގަސްޓު 2022 - 17:52 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޔާމީނާއި ރިލުވާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން، އެމީހުންނާ ދެކޮޅަށް މިއަދު ވަނީ ދައުވާކޮށްފައި


ޔާމީނާއި ރިލުވާނުގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި

1 އޮގަސްޓު 2022 - 17:52 1

ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލައާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރައިލި މައްސަލައިގައި މިދިޔަ ޖޫންމަހު ހައްޔަރުކުރި ތިން މީހުންނާ ދެކޮޅަށް ދައުލަތުން މިއަދު ކްރިމިނަލްކޯޓުގައި ދައުވާކޮށްފި އެވެ.

ޔާމީނާއި ރިލްވާނުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ތިން މީހުންގެ ތެރެއިން އިސްމާއީލް އަބްދުއް ރަހީމް (އިސޫ) ދެކޮޅަށް ދެ މައްސަލައިގައި ވެސް ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ. އޭނާއާ ދެކޮޅަށް ދައުވާ ކުރީ ޕީޖީ އޮފީހުން ބުނި ގޮތުގައި 2014 ވަނަ އަހަރު އޭނާ ރިލްވާނަށް ފާރަލައި، ރަހީނުކޮށް މަރައިލުމަށް އެހީތެރިވެދީފައި ވާތީ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ވެސް އިސޫއަށް ކުރީ ޓެރަރިޒަމްގެ އަމަލަކަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. އެއީ ޔާމީނަށް ވެސް އޭނާ ފާރަލައި، މަރައިލުމުގައި އެހީތެެރިވެދީފައި ވާތީ ކަމަށް ވެސް ޕީޖީގެ ބަޔާނުގައި ބުންޏެވެ.

އަހަނދު އާ ދެކޮޅަށް ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. ޕީޖީގެ ބަޔާނުގައިވާ ގޮތުން ރިލްވާން މަރައިލުމުގެ ކަންތައް ރޭވީ އަހަނދު އެވެ. ރިލްވާން މަރައިލީ އަހަނދުއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތަށް ކަމަށް ވެސް ދައުވާގެ ހުލާސާގައި ބުންޏެވެ. ޔާމީން ރަޝީދު މަރައިލަން ރޭވީ ވެސް އަހަނދު ކަމަށް ޕީޖީގެ ދައުވާގެ ހުލާސާގައި ބުނެފައިވެ އެވެ.

މުއާ އާ ދެކޮޅަށް ވެސް ދައުވާ ކުރީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ރިލްވާނާއި ޔާމީން މަރައިލަން ރޭވުމުގައި އޭނާ ވެސް ބައިވެރިވެފައިވާތީ ކަމަށް ޕީޖީގެ ބަޔާނުގައި ބުންޏެވެ.