Advertisement

މަންކީޕޮކްސްއަށް ޓެސްޓުކުރާ 250 ކިޓު ރާއްޖެ ގެނެސްފި

31 ޖުލައި 2022 - 14:30 0

ނިމާ ހަސަން

ނިމާ ހަސަން

މަންކީޕޮކްސްއަށް ޓެސްޓުކުރާ 250 ކިޓު ރާއްޖެއާ ހަވާލުކުރުން


މަންކީޕޮކްސްއަށް ޓެސްޓުކުރާ 250 ކިޓު ރާއްޖެ ގެނެސްފި

31 ޖުލައި 2022 - 14:30 0

މަންކީޕޮކްސްއަށް ޓެސްޓުކުރާ 250 ޕީސީއާރް ޓެސްޓު ކިޓު ރާއްޖެ ގެނެސްފި އެވެ.

މި 250 ޓެސްޓު ކިޓަކީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާ ކުރި ޓެސްޓު ކިޓުތަކެކެވެ. މި ކިޓުތައް ރާއްޖެއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއަށް އިތުރު ޓެސްޓު ކިޓުތައް ހޯދުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފްތާގަިއ އިތުރު ޓެސްޓު ކިޓުތައް ލިބިގެންދާނެ ކަމަށެވެ.

މަންކީޕޮކްސްއަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ މިމަހު 23 ވަނަ ދުވަހު ކަނޑައަޅާފަ އެވެ. ރާއްޖެއިން އަދި މިހާތަނަށް އެ ބަލި ފެނިފައި ނުވެ އެވެ.

ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގައި މަންކީޕޮކްސްގެ ކޭސްތައް ތަހުގީގު ކުރުމާއި، ކޮންޓެކްޓް ޓްރޭސް ކުރުމުގެ އިތުރުން ޓެސްޓު ކުރުމާއި، ބަލީގެ ނުރައްކާތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.

މަންކީޕޮކްސްއަށް ޓެސްޓުކުރާ 250 ކިޓު ޑަބްލިއުއެޗްއޯއިން ހަދިޔާކޮށްފައިވާއިރު، އެ ޖަމްއިއްޔާގެ އެހީގައި މަންކީޕޮކްސް ޕީސީއާރް ހެދުމަށް ލެބޯޓަރީގެ ސްޓާފުން ތަމްރީނު ކުރުމަށްޓަކައި މާދަމާ ޓްރެއިނިންއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ޓްރެއިނިންގައި ރާއްޖޭގެ ބޮޑެތި ލެބްތަކުގެ މުވައްޒަފުން ބައިވެރިވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ، ޓްރެއިނިންއަށްފަހު ރާއްޖޭގައި މަންކީޕޮކްސްއަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.