ބަންގްލަދޭޝްގެ ފޯވާޑް ނޯވާ (ކ) ރާއްޖޭގެ ކެޕްޓަން ހުމެއިދު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ސާފް
އިންޑިއާގެ ބުބަނޭޝްވަރުގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މައްޗަށް 4-1 އިން ކުރިހޯދައި ބަންގްލަދޭޝް އިން ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 4-0 އިން ރާއްޖެ ބަލިވިއިރު، ބަންގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި ސްރީ ލަންކާ 1-0 އިން އޭގެ ފަހުން ކުޅުނު މެޗުގައި އިންޑިއާ 2-1 އިން ބަލިކޮށްފަ އެވެ. ބަންްގްލަދޭޝް އިން ފަހު މެޗުގައި ނޭޕާލާ އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ޔަގީންކުރެވޭނެ އެވެ. ރާއްޖެ އަށް މިހާރު ފައިނަލަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ.
ލީގު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓާ އެކު ބަންގްލަދޭޝް އޮތްއިރު، ދެ ވަނައިގައި ނޭޕާލް އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އިންޑިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރާއްޖެ އާއި ފަސް ވަނައިގައި އޮތް ލަންކާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ފުރަތަމަ ތިން މެޗުން ބަލިވުމުން ލަންކާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ލަންކާ ފަހު މެޗުގައި މާދަމާ ރާއްޖެއާ ކުޅޭނެ އެވެ.
ބަންގްލަދޭޝާ ދެކޮޅަށް ރޭ ރާއްޖޭން ބޮޑަށް އެޓޭކަށް ވިސްނައިގެން ނުކުތް ނަމަވެސް ތަފާތެއް ނުދެއްކި ފުރަތަމަ ހާފުގައި ބަންގްލަދޭޝް އިން ހަތަރު ގޯލުގެ ލީޑެއް ނެގި އެވެ. ބަންގްލަދޭޝްގެ ކުރިއަށް ކުޅޭ، މިރްޖާލުލް އިސްލާމް ހެޓްރިކެއް ހެދިއިރު، އަނެއް ގޯލު ޖެހީ ރަފީގުލް އިސްލާމް އެވެ. ބަންގްލަދޭޝް އިން ގިނަ ގޯލު ޖަހާފައި ހުރީ ރީބައުންސް ބޯޅަތަކުގަ އެވެ.
ރާއްޖޭން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މެޗުގެ 53 ވަނަ މިނިޓްގައި ގޯލެއް ޖެހި އެވެ. މިއީ މި މުބާރާތުގައި ރާއްޖޭން ޖެހި ފުރަތަމަ ގޯލެވެ. ބަންގްލަދޭޝް ޑިފެންސް ތެރެއިން ލިބުނު ފުރުސަތެއްގައި ރާއްޖޭގެ ޒައިން ޒަފަރު ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މުބާރާތުގައި ރާއްޖެ އަށް ދެން ފައިނަލުގެ ފުރުސަތެއް އޮތީ ނޭޕާލް ދެން ކުޅޭ ދެ މެޗުން އިންޑިއާ އާއި ބަންގްލަދޭޝް އަތުން މޮޅުނުވެވި، ރާއްޖެ ދެން ކުޅޭ ދެ މެޗުން ލަންކާ އާއި އިންޑިއާ އަތުން ގިނަ ގޯލުގެ ތަފާތާ އެކު މޮޅުވެގެންނެވެ.
Comment