Advertisement

ޓްރާންސްފާ ވާހަކަތަކުގެ މައްސަލައިގައި ރޮނާލްޑޯގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

30 ޖުލައި 2022 - 00:57 0


ޓްރާންސްފާ ވާހަކަތަކުގެ މައްސަލައިގައި ރޮނާލްޑޯގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ

30 ޖުލައި 2022 - 00:57 0

މެންޗެސްޓާ (ޖުލައި 29) - ޓްރާންސްފާ މާކެޓްގައި އޭނާއާ ބެހޭގޮތުން މީޑިއާތަކުން ވާހަކަ ދައްކާގޮތާ މެދު މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޔުނައިޓެޑް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަނުކުރާތީ އާއި އެ ކްލަބް މި ވަގުތު އޮތީ ހުރިހާ މުބާރާތަކަށް ވާދަކުރެވޭ ހާލަތެއްގައި ނޫން ކަމަށް ގަބޫލުކުރެވޭތީ ރޮނާލްޑޯ ވަނީ އެ ޓީމުގެ ސީނިއާ މެނޭޖްމަންޓަށް ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ.

މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން ޔުނައިޓެޑަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ރޮނާލްޑޯގެ މުސްތަގުބަލާ މެދު ގޮތެއް ނުނިމި، ކަންކަން ދިގުލައިދާތީވެ، އޭނާ އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު ވަނީ ޔުނައިޓެޑްގެ ޕްރީ ސީޒަން ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

މަޝްހޫރު ގިނަ ކްލަބަކުން ރޮނާލްޑޯގެ ޑީލަށް ނޫނެކޭ ބުނި ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ތަކުރާރުކޮށް ލިޔަމުންދިޔަ ނަމަވެސް މިހާތަނަށް ރޮނާލްޑޯ އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކަ އެވެ. އެކަމަކު، ރޮނާލްޑޯ، ވަނީ ދާދި ފަހުން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މީޑިއާތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަންނާ ބެހޭގޮތުން ވާހަކަ ނުދައްކާ ހުރެފިނަމަ މީޑިއާތަކަށް ފައިސާއެއް ނުލިބޭ. ދޮގު ހަދައިގެން ވެސް މީހުންގެ ސަމާލުކަން ހޯދޭތޯ ބެލުން މީގެ މި އޮތީ. ދެން ތި ގޮތަށް ވެސް ކުރިއަށްދަންޏާ ކޮންމެ ވެސް އެއް ދުވަހަކުން ތެދު ހަބަރެއް ވެސް ލިބިދާނެ،" ރޮނާލްޑޯ ލިޔެފައިވެ އެވެ.

މީޑިއާތަކުން ދެއްކި ވާހަކަތައް

ރޮނާލްޑޯ ހޯދުމުގެ ރޭހުގައި ވާދަނުކުރާ ކަމަށް ބަޔާން މިއުނިކް، ޕީއެސްޖީ، ޔުވެންޓަސް އަދި ޗެލްސީން ވަނީ ބުނެފަ އެވެ. އެންމެ ފަހުން ރޮނާލްޑޯގެ ޓްރާންސްފާގެ ވާހަކަތަކާ ގުޅިފައިވަނީ އެތުލެޓިކޯ މެޑްރިޑާ އެވެ. އެކަމަކު، އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ ވިދާޅުވީ ރޮނާލްޑޯ އަށް އެތުލެޓިކޯ އިން ފާރަލާ ކަމަށް ދެކެވޭ ވާހަކަ އަކީ ބަޔަކު "އުފައްދައިގެން" އުޅޭ ވާހަކައެއް ކަމަށެވެ.

ސެރޭޒޯ މި ގޮތަށް ވިދާޅުވީ އެތުލެޓިކޯގެ ސަޕޯޓަރުން ރޮނާލްޑޯގެ ޓްރާންސްފާއާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ފެއްޓުމުގެ އިތުރުން އެތުލެޓިކޯގެ ޕްރީ ސީޒަން މެޗެއްގައި ބެނާތަކެއް ދަމައި ޝުއޫރުފާޅުކުރި ފަހުންނެވެ. ސްޕެއިން މީޑިއާތަކުން ބުނާގޮތުގައި ސެރޭޒޯ އާއި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ރޮނާލްޑޯގެ ޓްރާންސްފާ ކަންކަން މަޝްވަރާ ކުރި އެވެ. އެކަމަކު، ސަޕޯޓަރުންގެ ހަރަކާތްތައް ބަދަލުވި ގޮތުން އެ ޑީލް ދޫކޮށްލީ އެވެ.

ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ބޭނުމެއް ނޫން

ރޮނާލްޑޯ، 37، ޕްރީ ސީޒަން ޓުއާތަކުގައި ބައިވެރިނުވުމާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ރޮނާލްޑޯ ޓީމުން ރިލީސްކޮށްފައި ހުރީ އޭނާ "އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ" އެވެ.

ޓެން ހާގް ވަނީ އަންނަ ސީޒަނުގައި އޭނާ ޔުނައިޓެޑްގެ ޕްލޭން ހަދަމުން އަންނަނީ ރޮނާލްޑޯ ހިމަނައިގެން ކަމަށް ބުނެފަ އެވެ. ޔުނައިޓެޑުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޔުނައިޓެޑާ އެކު މިދިޔަ އަހަރު ރޮނާލްޑޯ ހެދި ކޮންޓްރެކްޓްގައި ބާކީ އޮތް އަހަރު ފުރިހަމަ ކުރުމަށް ފަހު ކްލަބް ދޫކޮށްލުމަށެވެ.

ޔުނައިޓެޑުން އާދިއްތަ ދުވަހު ރަޔޯ ވަޔެކާނޯއާ ކުޅޭ މެޗުގައި ފެންނާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގައި މަޑުކުރުމާ މެދު ރޮނާލްޑޯ އަދިވެސް ހުރީ ވަކި ގޮތެއް ނުނިންމަ އެވެ.