Advertisement

އަހަންވީ ކާކުގެ ބަހެއް؟

29 ޖުލައި 2022 - 11:48 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

މާލޭގެ މިސްކިތެއްގެ ވަޅަކުން ތިން މީހަކު ވުލޫ ކުރަނީ: ޔޯގާ މައްސަލައިގައި ރާއްޖޭގެ ދީނީ އިލްމުވެރިން ވަނީ ތަފާތު ރައުޔު ނެރުއްވާފައި -- ފޮޓޯ: އަދަދު ފައިލް


އަހަންވީ ކާކުގެ ބަހެއް؟

29 ޖުލައި 2022 - 11:48 0

ވޭތުވެގެން މިދާ މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ދިވެހިރާއްޖޭގައި ބަހުސްކުރެވުނު އެއް މައުޟޫޢަކަށް ޔޯގާގެ ކަންތައް ވާނެ ކަމާމެދު ސުވާލެއް ނެތެވެ. ޔޯގާގެ ހުކުމާމެދު ރާއްޖޭގައި ދީން ކިޔަވައިގެން ތިއްބެވި ބޭކަލުންގެ ތެރެއިން ބަސްފުޅެއް ވިދާޅުވި ބޭފުޅުންގެ ގިނަ ޢިލްމުވެރިން ވިދާޅުވީ ހުއްދަ ނޫން ކަމަށެވެ. އަދި ޝިރުކާ ނުލައި ޔޯގާ ހެދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ދިވެހިރާއްޖޭގައި ދީނީ ވަޢުޒުބުނުމާއި ދީނީ ތަޤްރީރުދިނުމުގެ ހުއްދަ އޮތް ބޭފުޅެއްކަމުގައިވާ، ރައީސް މައުމޫން ވިދާޅުވީ ޝިރުކުގެ ޢަމަލެއް ނެތްނަމަ ޔޯގާ ޙަރާންކަމުގައި ނުބުނެވޭނެ ކަމަށެވެ.

އާންމު މީހާގެ ސުވާލު ވަރަށް ސާފެވެ. އަހަރެމެން ދެން ތަބާވާންވީ ކާކަށްހެއްޔޭ ބުނެ ކުރާ ސުވާލެވެ. އެކި ޤައުމުތަކުން ދީން ކިޔަވައިގެން ތިއްބެވި އެކި ބޭފުޅުން އެއް މައްސަލައެއްގައި އެކި ގޮތަށް ފަތުވާނެރުއްވުމުން އަހަރެމެން ހިނގަންވީ ކޮން މަގަކުންތޯ ކުރާ ސުވާލެވެ. ދީނީ ޢިލްމުން ބޮޑު މިންވަރެއް އެނގިފައި ހުރި މީހަކަށް، ޢިލްމުވެރިންގެ ޚިޔާލު ދެކަފިވުމުން ދާންވީ މަގު ސާފުވެދާނެ އެވެ. އެކަމަކު ދީނީ ޢިލްމުގެ ތެރޭގައި މާ ހޭލުންތެރި ނޫން އާންމުންނަށް އެކަމަކީ ވަރަށް ބޮޑު ބޮލުގެ ރިހުމަކަށްވާނެ ކަމާމެދަކު ޝައްކެތް ނެތެވެ.

މިދިޔަ ހުކުރު ދުވަހު އަޅުގަނޑު ލިޔުނު ލިޔުމުގައި ޢިލްމުވެރިންގެ ދެބަސްވުމަށް ހުރި ބައެއް ސަބަބުތަކަށް ވާހަކަދައްކަވާފައިވާ ފޮތަކާ ހަވާލާދީފައިވާނެއެވެ. ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިޔާ މުޙައްމަދު ޞާލިޙުލްޢުޘައިމީން ރަޙިމަހުﷲ ލިޔުއްވާފައިވާ އެފޮތަކީ، ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުތަކާއި، އެކަމުގައި އަމަލުކުރަންވީ ގޮތަށް އަލި އަޅުވާލައްވައި ލިޔުއްވާފައިވާ އަގުހުރި ފަތްފުއްތަކެކެވެ.

އިހުގެ މީހުން ހެދިހެން ދަލީލު އޮތްގޮތަކަށް ނުބަލާ، ވަކި މަޒުހަބަކަށް ކަނު ތަބާވުމަކުން ތަބާވުމަކީ ރަނގަޅުކަމެއް ނޫންކަމަށް ފޮތުގެ މުސައްނިފް ފާހަގަކުރައްވާފައިވެ އެވެ. އަދި މިމައުޟޫގައި މީސްތަކުން ތިން ބަޔަކަށް ގިންތިކުރައްވައި، ކޮންމެ ގިންތިއެއްގެ ބޭފުޅުން އަމަލުކުރަންޖެހޭ ގޮތް ތަފާތުކަމުގައި ބަޔާންކުރައްވާފައިވެ އެވެ.

ފޮތުގެ މުސައްނިފް ބަޔާންކުރައްވާ ފުރަތަމަ ގިންތިއަކީ، ޢިލްމުވެރިންގެ ގިންތި އެވެ. އެއީ ޢިލްމުވެރިކަމާއި ދެނެގަތުން ލިބިފައިވާ ބޭފުޅުންގެ ގިންތި އެވެ. އެގިންތީގެ ބޭފުޅުން ޢަމަލުކުރަންޖެހޭ ގޮތާމެދު ފޮތުގެ މުސައްނިފް ވިދާޅުވަނީ، ޤުރުއާނާއި ސުންނަތުން ފެންނާން އޮތް ދަލީލާއި އެދަލީލުން ނެގޭ މާނައާ އެއްގޮތަށް ތަބާވުން އެފަދަ ބޭފުޅުންގެ މައްޗަށް ވާޖިބުވާނެކަމަށެވެ. އެއީ ކޮންމެ މީހަކާ ޚިލާފުވާންޖެހުނަސް މެއެވެ. އެއީ ޤުރުއާނާއި ސުންނަތް އެފަދަ ބޭފުޅުންނަށް އެނގޭތީ އެވެ. ޤުރުއާނާއި ސުންނަތުން ދަލީލު ނެގޭ ގޮތްތަކާއި ބާވަތްތަކާއި މާނަތަކާއި ދޭހަތައް އެބޭފުޅުންނަށް އެނގޭތީ އެވެ.

ފޮތުގެ މުސައްނިފް ބަޔާންކުރައްވާ ދެވަނަ ގިންތިއަކީ، ޢިލްމުވެރިންގެ ދަރަޖައަށް ގޮސްފައިނުވާ އެކަމަކު ދީން ކިޔަވާކުދިންނެވެ. އެފަދަ ބޭފުޅުންނަށް ދެއްވާފައިވާ އިރުޝާދަކީ، ޢާންމު ޙުކުމްތަކުގައި އަމިއްލައަށް އެނގިފައިވާ އަދި ފެނިފައިވާ ގޮތަށް އަމަލުކުރިޔަސް ތިމާއަށްވުރެ ޢިލްމުގެ ގޮތުން ބޮޑެތި މީހުންނާ ސުވާލުކުރުމުގައި އިހުމާލުނުވުމަށެވެ. ކުށްގޮތަކަށް އަމަލުކުރެވިދާނެކަމަށްޓަކައި ސަމާލުވެހުރުމަށެވެ.

އަޅުގަނޑުގެ މިއަދުގެ މައުޟޫޢާ ގުޅެނީ، މުސައްނިފް ބަޔާންކުރައްވާ ތިންވަނަ ގިންތިއެވެ. އާންމުންގެ ގިންތި އެވެ. ޢިލްމެއްގެ ގޮތުގައި ދީން ކިޔެވުމުގެ ބަދަލުގައި ކޮންމެހެން ވާޖިބުވާ މިންވަރަށް މަޢުލޫމާތު ލިބިގަނެގެން އުޅޭ އާންމުންނެވެ. ޢަރަބި ބަސް އެނގިވަޑައިނުގަންވާ ބޭފުޅުންނެވެ. އެބޭފުޅުން އަމަލުކުރަންޖެހޭ ގޮތާމެދު ފޮތުގެ މުސައްނިފް ވިދާޅުވަނީ، ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރުމަކީ އެބޭފުޅުންގެ މައްޗަށް ލާޒިމުކަމެއްކަމުގައެވެ. އެޔަށްފަހު ބަހުސްކުރައްވަނީ ކޮންމެ ގައުމެއްގައި އެތައް އިލްމުވެރިންނެއް އުޅޭއިރު، ސުވާލުކުރުމުގައި އިޚްތިޔާރުކުރާނީ ކޮން ގޮތަކަށް ބަލައިގެންތޯ އެވެ؟ ފޮތުގެ މުސައްނިފް ވިދާޅުވެފައިވަނީ އެކަމުގައި ވެސް ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވާ ކަމަށެވެ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ސުވާލުކުރަންޖެހޭނީ ގައުމުގެ ޢިލްމުވެރިންގެ ތެރެއިން އެމީހެއްގެ ޢިލްމާމެދު އެންމެ އިތުބާރުހިފޭ މީހަކަށެވެ. އޭގެ މިސާލަކީ ބައްޔެއް ވެގެން ޑޮކްޓަރަށް ދެއްކުމުގައި އެންމެ އިތުބާރުހިފޭ ޑޮކްޓަރެއް އިހުތިޔާރުކުރުމުގެ މިސާލު ކަމަށެވެ. އަދި މިގޮތަށް އަމަލުކުރުން ވާޖިބުކަމުގައި މިގޮތަށް ދެކެވަޑައިގެންނެވި އިލްމުވެރިން ގަބޫލުކުރައްވަ އެވެ.

ބައެއް އިލްމުވެރިން ދެކޭގޮތުގައި، އިލްމުގެ ގޮތުން އެންމެ މޮޅު މީހާއަށް ގޯސްހެދޭ ފަހަރު އާދެ އެވެ. އަދި އިލްމުގެ ގޮތުން އެންމެ މޮޅު މީހާއަށްވުރެ އެޔަށްވުރެ ދަށް މީހާއަށް ރަނގަޅަށް ބުނެވޭ ފަހަރުވެސް އާދެ އެވެ. އެއީ އިންސާނީ ތަބީއަތަށްވީހިނދު މިކަމުގައި ވަކި ގޮތަކަށް އަމަލުކުރުން ލާޒިމުނުކުރެވޭނެ އެވެ.

ފޮތުގެ މުސައްނިފް ފޮތް ނިންމާލައްވާފައިވާ ގޮތުން އަމަލުކުރަންވީ ގޮތްކަމުގައި އަޅުގަނޑަށް ސާފުވީ ވަކި ބޭފުޅަކު އިޚްތިޔާރުކުރުމުގައި ސާފު މިންގަނޑެއް ދިނުމަކީ ފަސޭހަކަމެއް ނޫންކަމެވެ. އެހެންނަމަވެސް ޢިލްމުވެރިންގެ ތެރެއިން އެއްބޭފުޅެއްގެ މައްޗަށް އަނެއް ބޭފުޅަކު އިޚްތިޔާރުކުރަންޖެހޭ ހާލަތުގައި، ޢިލްމުވެރިންގެ ޢިލްމުވެރިކަމާއި، ދީންވެރިކަމާއި ހިތްތިރިކަމަށް ރިއާޔަތް ކުރަންޖެހޭކަމެވެ. އެކަން އާންމުން ކުރުމުގައި ހަދާނެ ވަކި ގޮތެއް ބަޔާންކުރައްވާފައި ނުވި ނަމަވެސް، ދީނީ ކޮންމެ ކަމެއް ކުރަންޖެހެނީ ކެރިކުޅަދާނަވީ މިންވަރަކުންކަމަށްވާތީ، އާންމު މީހާއަށް ކެރިކުޅަދާނަވީ މިންވަރަކުން، އެންމެ އިލްމުވެރި އެންމެ ދީންވެރި އެންމެ ހިތްތިރި މީހާކަމަށް ގަބޫލުކުރެވޭ މީހާއަށް، ތަބާވީމާ އާންމު މީހާގެ ވާޖިބުއަދާވީކަމުގައި އަހަރެންނަށް ފެނެއެވެ.

އިމާމް މުންޛިރީ ރަނގަޅު ސަނަދެއްކަމަށް ވިދާޅުވެފައިވާ، އަދި ޝައިޚް އަލްބާނީ އެގޮތަށް ތާއީދުކުރައްވާފައިވާ ސަނަދަކުން ރިވާވެފައިވާ އަންނަނިވި ޙަދީޘް ބަސްފުޅަކީ މިމައުޟޫގައި މުހިންމު ބަސްފުޅެކެވެ. އެޙަދީޘް ބަސްފުޅުގައި އެކުލެވިގެންވާ ދޭހައަކީ، "ހެޔޮ ކަމަކީ، އެކަމާމެދުގައި ނަފުސު ހަމަޖެހިގެންދާ، ހިތް ރަމަތަވެގެންދާ ކަންތަކެވެ. ފާފައަކީ، އެކަމާމެދު ނަފުސު ހަމަނުޖެހޭ ހިތް ރަމަތަނުވާ ކަންތަކެވެ. ފަތުވާދޭ މީހުން ތިބާއަށް ފަތުވާދިނަސްމެޔެވެ."

މިޙަދީޘްގެ ޝަރަޙައިގައި ޢިލްމުވެރިން ގިނަ ވާހަކަދައްކަވާފައިވެ އެވެ. އާދޭހެވެ. ހުލާސާއަކީ، މިޙަދީޘްގައި ބުނަނީ، ކޮންމެ ކޮންމެ ނަފުސެއް ހިތެއްގެ ވާހަކައެއް ނޫނެވެ. ތެދުވެރި އީމާންތެރި ހިތާއި ތެދުވެރި ނަފުސުގެ ވާހަކައެވެ.