Advertisement

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ އެއްވަރު

28 ޖުލައި 2022 - 01:19 0

ގޯލު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ އެއްވަރު

28 ޖުލައި 2022 - 01:19 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، ގްރީން ސްޓްރީޓްސް އަށް ވަނީ މެޗުން މޮޅުވެގެން ތާވަލްގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު ގެއްލިފަ އެވެ. ތާވަލްގެ ފަސް ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 27 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނަ އާއި ދެ ވަނަ ފިޔަވައި، ގަދަ ހަތަރެއްގެ އެހެން މަގާމުތައް ކަށަވަރުވާނީ އަންނަ ހަފުތާގައި ކުޅޭ ލީގުގެ ފަހު މެޗުތަކުންނެވެ.

މި މެޗުން ލިބުނު ޕޮއިންޓަކީ މުޅި ސީޒަންގައި ވެސް، ތާވަލްގެ ފުލުގައި އޮތް ދަ ގްރާންޑޭ އަށް ލިބުނު ދެ ވަނަ ޕޮއިންޓެވެ. ލީގުގެ ފަހު މެޗުތަކަށް ދާއިރު، ގްރާންޑޭ އަށް އަދި މޮޅެއް ނުލިބެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 37 ވަނަ މިނިޓުގައި ދަ ގްރޭންޑޭ އިން ލީޑު ނެގީ އެ ޓީމުގެ އާޖެންޓީނާގެ ފޯވަޑް ހޫގޯ ނިކޮލަސް ރެޓަމާލް ޖެހި ލަނޑުންނެވެ. އޭރިޔާ ތެރެއިން ތަނަވަސްވި ފުރުސަތުގެ ބޭނުން ހިފައި، ހޫގޯ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ ހޫގޯ އެ ޓީމާ ގުޅުނު ފަހުން ޖެހި ފުރަތަމަ ގޯލެެވެ.

އެކަމަކު މެޗުގެ 25 ވަނަ މިނިޓުގައި ގްރީން ސްޓްރީޓްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ޖެހި ހިތްގައިމު ލަނޑަކުންނެވެ. ދަ ގްރާންޑޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް، ރިލޭ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.

އޭގެ ފަހުން، މެޗުގެ 31 ވަނަ މިނިޓުގައި ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއިލް (ފަރޭ) އަށް އެ ޓީމަށް ލީޑު ހޯދައިދޭން ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓާ އެޓޭކެއްގައި، ދަ ގްރާންޑޭގެ ޑިފެންޑަރެއް ކައިރިން ދެމިގަތުމަށް ފަހު، އޭރިޔާ ތެރެއިން ފަރޭ ތިރިތިރިން ފޮނުވާލި ބޯޅަ ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ތަހާ ވަނީ ދިފާއުކޮށްފަ އެވެ.

އާންމުކޮށް ޑިފެންސަށް ކުޅުނު ނަމަވެސް، މިރޭގެ މެޗުގައި ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ފަރޭ ސެންޓަ ފޯވަޑަކަށް ބޭނުންކޮށްފަ އެެވެ.

ފުރަތަމަ ހާފުގައި ދަ ގްރާންޑޭގެ ހޫގޯ އާއި އެ ޓީމަށް ކުޅޭ ސްރީ ލަންކާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާކިބް މުހައްމަދު ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް، ގްރީން ސްޓްރީޓްސްގެ ޕާކިސްތާނު ގޯލްކީޕަރު ސާގިބް ހަނީފް ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ގްރީން ސްޓްރީޓްސް އިން އިތުރު ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެ ޓީމުގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) 52 ވަނަ މިނިޓުގައި ފޮނުވާލި ހަމަލާ، ދަ ގްރާންޑޭގެ ގޯލްކީޕަރު ތޯހާ ދިފާއުކުރިިއިރު، ރިލޭ އާއި ހަސަން ފައްވާޒް (ފައްވަ) ދުރުން ފޮނުވާލި ބާރު ޝޮޓުތައް ގޯލާ އަމާޒެއްނުވި އެވެ.

މި ސީޒަނުގައި ލީގާއި ޕްރެޒިޑެންޓްސް ކަޕް ހިމެނޭގޮތަށް ދަ ގްރާންޑޭ ކުޅުނު 27 މެޗުގެ ތެރެއިން އަދި މޮޅެއް ނުލިބެ އެެވެ. އެ ޓީމު 24 މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. އެއްވަރުވެފައިވަނީ ޕްރެޒިޑެންޓްސް ކަޕްގައި ޔުނައިޓެޑް ވިކްޓަރީއާ ކުޅުނު މެޗާއި ލީގުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗެެވެ.