20 ޖުލައި 2022 - 07:23 0
55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް، ރަން މެޑަލް ގެނައި، މުހައްމަދު މޫސާ (މޯޑު) ފޮޓޯ އަކަށް ހުއްޓިލައިގެން.
20 ޖުލައި 2022 - 07:23 0
ރާއްޖޭގައި މިހާރު ކުރިއަށްްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕް ގައުމީ ބޮޑީބިލްޑިން ޓީމުން ތިން ރަން މެޑަލް ހިމެނޭ ގޮތަށް ޖުމްލަ ހަ މެޑަލް ހޯދައިފި އެވެ.
މިއީ މިހާތަނަށް ބެއްޔަސް ރާއްޖެ އަށް އޭޝިއާ ލެވަލްގައި އެންމެ ކާމިޔާބު ބޮޑީބިލްޑިން މުބާރާތެވެ.
މާފުށީގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނީ 170 ސެންޓިމީޓަރު ބައިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން އަޒްނީން ރަޝާދު، އެތުލެޓިކް ފިޒީކް ކެޓަގަރީ، 175 ސެންޓިމީޓަރު ބައިގައި ވާދަކޮށް ރަން މެޑަލް ގެނައި، ހުސައިން ހިމްޔާން އަދި 55 ކިލޯގެ ކެޓަގަރީގައި ވާދަކޮށް، ރަން މެޑަލް ގެނައި، މުހައްމަދު މޫސާ (މޯޑު) އެވެ. މޯޑު އަށް 2019 ވަނަ އަހަރު ބޭއްވި އޭޝިއާ މުބާރާތުގެ މި ކެޓަގަރީން ލިބުނީ ލޯ މެޑަލެވެ.
އޭޝިއާ ބައްރުގެ ބޮޑީބިލްޑިން މުބާރާތަކުން ރާއްޖެ އަށް އެންމެ ފުރަތަމަ ރަން މެޑަލް ލިބުނީ 2017 ގެ މުބާރާތުގަ އެވެ. އެއީ 2017 ވަނަ އަހަރު އޮތް އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި ބޮޑީބިލްޑަރު ޝާހީން އިބްރާހިމް ދީދީ އެވެ.
މި ފަހަރުގެ ތިން ރަން މެޑަލާ އެކު އޭޝިއާ ލެވަލްގައި ރާއްޖެ އަށް ޖުމްލަ ހަތަރު ރަން މެޑަލް ހަމަވީ އެވެ. މިއީ ދިވެހި ކުޅިވަރު ތާރީހުގައި ވެސް ހާއްސަ ކާމިޔާބީ އެކެވެ.
ވިއްސަކަށް ދިވެހި ބޮޑީބިލްޑަރުން ވާދަކުރާ މި ފަހަރުގެ އޭޝިއާ ބޮޑީބިލްޑިން މުބާރާތުގައި ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން ޓީމުން ވަނީ ދެ ލޯ މެޑަލާއި ރިހި މެޑަލެއް ވެސް ހޯދައިފަ އެވެ.
އެ ގޮތުން އެތުލެޓިކް ފިޒީކް ކެޓަގަރީގެ 160 ސެންޓިމީޓަރު ބައިން ފަތުހުﷲ މުހައްމަދު ރިހި މެޑެލް ހޯދި އެވެ. އަދި ހަމަ އެ ކެޓަގަރީން ޒުވާން ބޮޑީބިލްޑަރު މުހައްމަދު ޒިދާން ލޯ މެޑަލެއް ހާސިލްކުރިއިރު، ސްޕޯޓްސް ފިޒީކުގެ 180 ސެންޓިމީޓަރުން މަތީގެ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ މުހައްމަދު އިމްރާހު ވެސް ވަނީ ލޯ މެޑަލެއް ހޯދައިފަ އެވެ.
ރާއްޖޭގެ މި ފަހަރުގެ މެޑަލް ޓާގެޓަކީ 10 މެޑަލް ހޯދުމެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތެވެ. އެ ފަހަރު ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށް ބޮޑީބިލްޑިން މުބާރާތް ކުރިއަށްގެންދިޔައީ ބަނޑޮހުގަ އެވެ.
މުބާާރާތުގައި މިއަދު ވެސް ދިވެހި އެތުލީޓުން ވާދަކުރާ އިވެންޓްތައް އޮންނާނެ އެވެ.
Comment