Advertisement


(ފަހުބައި)

ކުރިމަތީގައި އޮތް ބިރުވެރި ތޫފާނުގެ އިހުސާސް ކުރެވެނީ ހަމައެކަނި ލުޖައިލަށެވެ. މިލްނާއަކަށް ވެސް ވާނެގޮތެއް އަންދާޒާކޮށްލާކަށް ވެސް ނޭނގެއެވެ. ލުޖައިލް ހިތުގައި ޖަހަމުން ދިޔަ ވިންދު އަވަސްވިއެވެ. މޭގެ ތެޅުން ބާރުވިއެވެ. އަތްފައިން ލޮނުދާ ހިއްލާ މިންވަރު އިތުރުވިއެވެ. ފޯނު ނަގައި ފޭސްބުކު ހުޅުވާލިއެވެ. ރާއްޖޭގެ އިސްވެރިންނާއި ހުރިހާ މީޑިއާތަކެއް ޓެގް ކުރުމަށްފަހު އޭނާ ނެގި ފޮޓޯގެ މަތީގައި ދިގު ޢިބާރާތެއް ލިޔެލިއެވެ.

"ލިބެން އޮތީ ބިރުވެރި ޚަބަރެއް. ސަރުކާރުގެ އިސްވެރިއަކު މި ރަށުގައި އެބަ ހުންނެވި. ޚަބަރު ދިނިން. އަޅުގަނޑުގެ ބަސް އަހާނެ މީހަކު ނެތް. މި ޚަބަރު ދިނީމަ ވެސް އެންމެން ކުރީ މަލާމަތާއި ފުރައްސާރަ. ރައްކާވެ ތިބިއްޔާ ދަތުރު."

ލުޖައިލް ފޯނަށް ބަލައިލިއެވެ. އޭރު އެގާރަ ޖަހަނީއެވެ. ލޯންޗު އިސްޓާޓުކޮށްލިއެވެ. ފަޅުން ލޯންޗު ނެރެ ދުއްވާލީ މާކަނޑާ ދިމާއަށެވެ. ނިވަލެއް ނެތް އެ އަތޮޅުން ބޭރަށް ނުކުންނާށެވެ. އެއީ ކަނޑުމަޑު ވައިމަޑު ރެޔެކެވެ. މިލަހަނދުވަރުގެ ފަނޑުއަލީގައި ޖައްވު އޮތީ ރާޖާއަޅައިގެން ނިދާފައެވެ.

ތިރީހަކަށް މިނެޓު ދުއްވުމަށްފަހު ލުޖެއިލް ބަލައިލީ އަތުގައި އޮތް ފޯނަށެވެ. ރަނގަޅަށް ނެޓުވޯކެއް ނުލިބެއެވެ. ލުޖައިލް ބޭނުންވީ އިތުރަށް ބޭރަށް ނުކުންނާށެވެ. ސަލާމަތްވާނީ ވީހާ ވެސް ދުރަށް ގޮސްގެން ކަމަށްވާތީއެވެ.

ލޯންޗު މަޑުކޮށްލިއެވެ. މިލްނާގެ ހަޅޭއްކުގެ އަޑު އިވުމުންނެވެ. އޭރު ބައްޕަ ކޮށިއަރައިގެން ތެޅި ފޮޅެނީއެވެ. ނޭވާ ނުލެވިގެން ހަރާތް ކުރަނީއެވެ. ބައްޕަގެ އަތްފައި ހުރީ ކޮޅަށް ޖެހިފައެވެ. މީހާ އޮތީ ހުއްޓުން އަރާފައެވެ. ދެ ލޯވަނީ ބޮޑުވެފައެވެ. އަނގަ ހުރީ ތަންމިނަށް ހުޅުވިފައެވެ. ލުޖައިލަށް އެ މަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބައްޕަގެ މޭގައި އަތްއަޅާ ތަޅުވާލިއެވެ. ބާރުބާރަށެވެ. ބައްޕަގެ ގަޔަށް އަރާފައި ހުރި ބާރުގަނޑު ކެނޑުނެވެ. އަނެއްކާ ވެސް ނޭވާ އުފުރޭގޮތަށް ނޭވާލާން ފެށިއެވެ. ބައްޕަވަނީ އަތްފައި ބުޅި ކެވި ދެ ލޯ ބޮޑުވެފައެވެ. ބަލަބަލާ ހުއްޓާ އެ ހުރިހާ ކަމެއް ނިމުނެވެ. ހިމޭންވިއެވެ. ލުޖައިލް އަވަސް ހަރަކާތްތަކެއް ކޮށްލިއެވެ. ބައްޕަގެ މޫނުގެ ދެ ފަރާތުން ޖަހައިލިއެވެ. ނަގައި ތަޅުވާލިއެވެ.

ލުޖައިލާއި މިލްނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުއްލިއަކަށް މުޅި ލޯންޗު ތެރެ އެކުގައި ހުދުވީއެވެ. މުޅިތަން އަލިވީއެވެ. ބައްޕަގެ މޫނުގެ ކުލަތައް ސާފުވާވަރުވީއެވެ. އޭރު ބައްޕަގެ އަނގައިގެ ދެފަރާތުން ލޭގެ ރޮނގެއް ކުރެހިފައި ހުއްޓެވެ. މިލްނާއަށް ވެސް އެކަން އެނގުނީ ކުއްލިއަކަށް މުޅިތަން ހުދުވުމުންނެވެ. މިނެޓެއްހާއިރު ވަންދެން އެ ހުދުކަމުން މުޅި ފަޒާ ދިއްލުނެވެ. ލުޖައިލް އޮޅުލައިގަތީ މިލްނާއާއި ބައްޕަގެ ގައިގައެވެ. އެމީހުންނާއެކު ލުޖައިލް ތިރިވެލިއެވެ.

"ލޯ ނުހުޅުވާތި! އިރުކޮޅެއް ވަންދެން ހަރަކާތެއް ނުކޮށް އޮވެލާ!" ލުޖައިލަށް ރޮވުނެވެ.

ދުރުން، ވަރަށް ދުރުން އިވުނީ ބާރު އަޑުފައްގަނޑެކެވެ. ފާންލެވިފައިވާ ކަނޑުގެ ރާޅުތައް ރުޅި އައިސް، ހުޅި ހިއްލައިލި ކަހަލައެވެ. ލޯންޗަށް ވެސް ދެތިން ރާޅުގެ ސުންޕާ ހަމަލާ އަމާޒުވިއެވެ. ބޮޑެތި ބާނިތަކެއް ލޯންޗު ހުރަސްކޮށް ދުރަށް ދިޔައެވެ. ދެފަރާތަށް ލޯންޗު ހެލިގަތެވެ. ލުޖައިލް ބާރުބާރަށް މިލްނާގެ ގައިގައި ބައްލާދިއެވެ. އިރުކޮޅެއް ވީއިރަށް މުޅިތަން ހިމޭންވިއެވެ. ލުޖައިލަށް ބަލައިލެވުނީ އޭނާގެ ބައްޕައަށެވެ.

އޭރު ބައްޕަގެ ހުވާހެއް ނެތެވެ. މީހާ އޮތީ ހުއްޓިފައެވެ. ހިމޭންވެފައެވެ. އަތްފައި ފިނިވެ ގަނޑުވެފައެވެ. ލުޖައިލަށް ބާރުބާރަށް ރޮއިގަނެވުނެވެ. އޭނާގެ ހިތްފަޅިފަޅިވެގެން ދިޔަ ކަހަލައެވެ. މިލްނާއަށް ވެސް ވީ އެވަރެވެ. މުޅި ލޯންޗުގެ ތެރެއިން އިވުނީ ރުއިމާއި ގިސްލުމުގެ އަޑެވެ. ލުޖައިލްއާއި މިލްނާގެ ވޭނީ ކެކުޅުމުގެ އަޑެވެ.

ލުޖައިލް އަމިއްލަ ނަފުސަށް ބާރުފޯރުވާ ސިކުނޑިއަށް ވިސްނައިދިނެވެ. އޭނާ ރުއިމަކުން ވާނެ ކަމެއް ނެތްކަން އަމިއްލަ ޟަމީރަށް އިހުސާސް ކޮށްދީގެނެވެ. މިލްނާ އަތުލަފިކޮށް ގެންގޮސް އެހެން ގޮނޑިއެއްގައި ބޭންދިއެވެ. ހަރަކާތް ހުއްޓި ހިމޭންވެފައިވާ ބައްޕަގެ ހަށިގަނޑު ނަގައި ފަހަތު ޝީޓުގައި ބާއްވާލިއެވެ.

ލޯންޗުގެ މިސްރާބު ޖެހީ ރަށާ ދިމާއަށެވެ. ސާޅީހަކަށް މިނެޓު ދުއްވި އިރު ވެސް ރަށުގެ މަލަމަތި ފެންނާނެ ގޮތެއް ނުވިއެވެ. ރަށުގެ އަލިކަމެއް ނުފެނުނެވެ. އެހެންވެ އޭނާ ބަލައިލީ ފޯނުގައިވާ ސަމުގާއަށެވެ. ޗާޓަށެވެ. އޭރު ވެސް ފޯނަށް ރޭންޖެއް ނުލިބެއެވެ. ނެޓުވޯކެއް ނެތެވެ. ދަބަހުގައި އޮތް އޭނާގެ ސެޓުލައިޓް ފޯނު ނެގިއެވެ. ގުޅީ ކޯސްޓު ގާޑަށެވެ.

ކަންތައްވީ އޭނާ ކުރިން ވެސް ބުނި ގޮތަށެވެ. ކޯސްޓު ގާޑުން ވެސް ދިނީ އެ ޚަބަރެވެ. އޭނާ ޢަމަލުކުރީ ކޯސްޓު ގާޑުން ދިން ލަފަޔާ އެއްގޮތަށެވެ. ފޯނުން ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން މިލްނާ ހުއްޓެވެ. އިވުނު ޚަބަރުތަކާއެކު މިލްނާ ހެޔަށް ގޮތްވިއެވެ. އޭނާ ހޭނެތިގެން ލުޖައިލްގެ އަތްމައްޗަށް ދެމުނެވެ. ލުޖައިލުގެ ބޮލަށް ގޮތްތަކެއްވިއެވެ. މުޅި މަންޒަރު ގަނޑުވިއެވެ.

ލޯހުޅުވާލެވުނު އިރު ލުޖައިލް އޮތީ ހޮސްޕިޓަލުގައެވެ. އޭނާއަށް ތެދުވެވުނެވެ. މިލްނާ ކޮބައިތޯ ސުވާލުކޮށްލެވުނެވެ. ގާތުގައި ހުރި ނަރުސް ކުއްޖާ އިޝާރާތްކޮށްލީ އެނދުމަތީގައި ނިދިފައި އޮތް މިލްނާ އަށެވެ. ދެވަނަ ސުވާލު އަމާޒުކޮށްލިއެވެ. އޭނާގެ ބައްޕަ ކޮބައިތޯއެވެ.

"ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދަވާ އެބަ. ސަރުކާރުން ހުރިހާ ކަމެއް ހަމަޖައްސަމުން އެބަގެންދަވާ! ރަށުގެ ހާލަތު ނާޒުކު ކަމުން ރަށް ވެސް އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި،" ލުޖައިލްގެ ސުވާލުތަކަށް ޖަވާބު ދިނީ އެ މީހުންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އިސްކުރި މީހާއެވެ. "ދިރިހުރި މީހެއްގެ ނިޝާނެއް އަދި ނެތް. ސަލާމަތުން ހުރި އިމާރާތެއް ވެސް ނެތް. ރަނގަޅަށް ހުރި ރުކެއް ގަހެއް ވެސް ނެތް. މުޅިތަނުގައި އޮތީ ވެއްޔާއި އަޅި. ޗިސްޗިސްވެފައިވާ މީހުންނާއި ބުރިބުރި ވެފައިވާ ހަށިތައް ހުރީ އެތައް މިތަނުގައި. ފަޅާއި މޫދުގައި ވެސް... ރަށުގެ މެދު ތެރޭގައި އޮތީ ވަޅުގަނޑެއް ހެދި ކަނޑަކަށް ބަދަލުވެފަ."

"އެ ވަފުދުގެ މީހުން ސަލާމަތްވިތޯ؟" ލުޖައިލް އެހިއެވެ.

"އެބޭފުޅުން ވެސް ދަތުރު ކުރުކޮށްލައްވައިފަ މާލެ ވަޑައިގަތުމަށް ދަތުރު ފެށްޓެވި. އަދި ޚަބަރެއް ނުވޭ. ޔަގީންވާ ކަމަކީ ރަށުގައި މަޑު ނުކުރައްވާކަން،" އޭނާ ކިޔައިދިނެވެ. "ކިހިނެއްތޯ ލުޖައިލަށް މިކަން އެނގުނީ؟"

"އަޅުގަނޑަކީ މި ދާއިރާގެ މީހެއް. މި ދާއިރާއިން ކިޔަވަމުން، ޔޫކޭގަ ވަޒީފާގައި އުޅޭ މީހެއް. އަޅުގަނޑުމެން ބަލާނީ، ހޯދާނީ ޖައްވުގެ ކަންކަން. މިއީ މާކުރިން ވެސް ފާހަގަވެފައި އޮތް ކަމެއް. ރާއްޖޭގެ ކޮންމެ ވެސް ހިސާބަކަށް ޖައްވުގެ ތެރެއިން މިކަހަލަ އެއްޗެއް ވެއްޓިދާނެކަން. އޭރު ޔަގީންނުވީ އެ ވެއްޓޭނެ ތަނާއި ވަގުތު، ދުވަސް. އޭގެ މިސްރާބު ހުރިގޮތުން. ފަހުން ޖައްވުގެ ތެރޭގައި އުފެދުނު ބާނިތަކެއްގެ ސަބަބުން ކުއްލިއަކަށް އޭގެ މިސްރާބު ބަދަލުވީ. އައިސީޖީއިން ވެސް އެބަ އޮތް މިކަހަލަ ކަމެއް ހިނގާފާނެކަމުގެ އިންޒާރުދީފަ. ނާސާއިން ވެސް ރިޕޯޓެއް އާއްމުކޮށްފައި އޮތް. ސަރުކާރުގެ އިދާރާތަކަށް ރަސްމީކޮށް ޚަބަރު ލިބުނުލެއް ލަސްވިކަމަށް ބެލެވެނީ."

އޮފިޝަލަށް އާ ފޯނު ކޯލާއެކު މޭޒުމަތީގައި އޮތް ރިމޯޓުނަގައި ޓީވީއާ ދިއްކޮށްލިއެވެ. ފެންނަމުން ދިޔައީ އަވަސް ޚަބަރެކެވެ. ހިއްސާކުރަމުން ދިޔައީ ބާރަޖަހާ ކަންހާއިރު، ޖައްވުގެ ތެރެއިން ވެއްޓުނު ގޮތް ނޭނގޭ އެއްޗެއްގެ ސަބަބުން ރަށެއް އެއްކޮށް ސުންނާފަތިވި ވާހަކައެވެ. ޗިސްޗިސްވެ ކުދިކުދިވެފައިވާ ހަށިތައް އެއްކުރުމާއި މަރުވެފައިވާ މީހުންގެ ހަށިތައް ވަކިކޮށް ދެނެގަތުމުގެ މަސައްކަތް ސިފައިންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ވާހަކައެވެ.

ކުއްލި ޚަބަރުގެ މެދު ތެރެއިން ސަރުކާރުގެ ވަފުދު ސަލާމަތުން ތިބި ޚަބަރު ހިއްސާކުރިއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބޭރުގެ މާހިރުންގެ އެހީ ހޯދަމުން ގެންދާކަމުގެ މައުލޫމާތު ވެސް ދިނެވެ. ލުޖައިލަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އޭނާ ލޯ މަރައިލަމުން ގަދަކަމުން ހިންދިރުވާލިއެވެ.

"ދެ އެސްޓްރޮއިޑް ރާއްޖެއާ ދިމާއަށް އައީ. އެކަތީގެ ބޮޑުމިން ގާތްގަނޑަށްކަށް އާދައިގެ ރަށެއް ވަރުވާނެ. ދެވަނަ އެސްޓްރޮއިޑް ބޮޑުމިން އާދައިގެ ދަނޑެއްވަރުވާނެ. ރަށާ ދިމާއަށް މިސްރާބު ހުރީ ބޮޑު އެތި. އަނެއް އެތި ވެއްޓޭނީ ރާއްޖޭގެ ސަރަހައްދުން ބޭރަށްކަމަށް ލަފާކުރީ،" އޮފިޝަލްގެ މޫނަށް ލުޖައިލް ބަލައިލިއެވެ. "މައްސަލައަކީ އަހަރެން ބުނި ވާހަކަތައް، އިންޒާރުތައް އަޑު ނޭހީމަ. ރާއްޖޭގައި މިފަދަ ކަންކަން ދެނެގަނެވޭނެ ޒަމާނީ ވަސީލަތްތައް ވެސް ނެތީމަ. އެކަކު ވެސް ޤަބޫލެއް ނުކުރާނެ ރާއްޖެއަށް މިފަދަ ކަމެއް ވެދާނެ ކަމަކަށް. އަންދާޒާ ވެސް ނުކޮށްލާނެ. އަމުދުން މިފަދަ ޒަމާނީ ވަސީލަތްތައް ފަހި ދުވަސްވަރެއްގަ ސަރުކާރަށް ރަސްމީކޮށް ކަމާ ގުޅުންހުރި ފަރާތްތަކުން މިފަދަ ވާހަކައެއް ހިއްސާކުރުން ލަސްވެދާނެކަމަކަށް އެކަކު ވެސް ނުވިސްނާނެ."

އޭނާ ޝައުޤުވެރިކަމާއެކު ލުޖައިލްގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ.

"މިކަހަލަ ވާހަކައެއް އަހަރެން ދެއްކީތީ އަހަރެންވީ މޮޔައަކަށް. އެހެންވީ ވެސް މިއީ ވަރަށް ވަރަށް ނާދިރުކަމެއްވީމަ. ދުވަހަކު ވެސް ނުހިނގާ ކަމެއް ވީމަ. ޤަބޫލުކުރާނެ މީހަކު ނުވީ އެހެންވެ. ބުނަނީ ބުއްދި ޤަބޫލެއް ނުކުރެޔޭ." ލަސްލަހުން ލުޖައިލް ކިޔައިދިނެވެ.

"އާނ! ކާކު އެގޮތަށް ވިސްނާނީ ވެސް؟ އަނެއްކާ މިފަދަ ޓެކޮނޮލޮޖީ ޒަމާނުގައި ދޯ! ދުރާލާ އިންޒާރުދޭނެ ނިޒާމުތައް ގާއިމު ކޮށްފައި ހުއްޓާ! އެކަމަކު ޤުދުރަތީ ކަންކަމަކީ މީހަކަށް ބާރު ފޯރުވޭނެ ކަމެއް ނޫންތާ ދޯ!" އޮފިޝަލް ލުޖައިލާ ބައިވެރިވެލިއެވެ.

"އަހަންނަށް ވެސް މި މަޢުލޫމާތު ދިނީ އައިސީޖީއިން. އޮސްޓްރޮއިޑްގެ ދުވެއްޔަށް ބަދަލު އައިކަން، އެ ކޮޅަށް ވެސް އެނގުނީ ވަރަށް ފަހުން. ޖައްވުގެ ތެރެއަށް ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބު ބަލަމުން އެ ދަނީ."

ލުޖައިލް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ބަރުހެލިވެފައިވާ ޚިޔާލުތަކާއެކު ފޮޓޯގަނޑު ކުޑަކޮށްލާ ދެވަނަ ފޮޓޯއަށް އޭނާ ނަޒަރު ހިންގައިލިއެވެ. އެއީ ރަށުގެ ފަޚުރާއި ޝަރަފުކަމުގައިވި މަސްވެރިކަން ރަމުޒުކޮށްދޭ ރަށުގެ ބޮޑު ނަމެވެ. މަސްނޫއީ ބޮކިތަކުން ދިއްލާފައިވާ ކައުންސިލްގެ ރީތި އިމާރާތެވެ. ކޯއްޓޭއަށް ނަގައިވާ ޤައުމީ ދިދައެވެ. ނަމަވެސް މިއަދު އެއީ މާޒީގެ ތަސްވީރެކެވެ. ރަށުގެ ޚަބަރާއެކު މުޅި ދުނިޔޭގެ ހުރިހާ މީޑިއާއެއްގައި ދައުރުކުރި ފޮޓޯއެވެ. ލުޖައިލް ފެންކަޅިވިއެވެ. އެ ފޮޓޯ ނެގި ވަގުތުގެ ހަނދާން އާވުމުންނެވެ.

ސިހިފައި ލުޖައިލަށް ބަލައިލެވުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުމުންނެވެ. އޭރު މިލްނާ ހިނިތުންވެލައިގެން ދަރިފުޅު އުރައިލައިގެން އަންނަނީއެވެ. މިހާރު އެ ހާދިސާއަށް ފަސް އަހަރުވީއެވެ. އަދިވެސް އެއީ ދެންމެ ވީ ކަމެއްގެ ގޮތުގައި ލުޖައިލަށް ސިފަވެއެވެ. އެކަން އިހުސާސްކުރެވެއެވެ.

ލުޖައިލަށް މިއަދު ހުރިހާ އުފަލެއް ލިބިފައިވާ ކަހަލައެވެ. ދިރިއުޅުމުގައި މޭވާ އަޅައިފިއެވެ. ނޫސްތަކުގެ ސުރުޚީ އުފެއްދި މީހަކަށް އޭނާވިއެވެ. އެހެންވެ ޤައުމަށް އޭނާ އެނގުނެވެ. ޤައުމު އޭނާ ދަސްކުރިއެވެ. އެއީ މިއަދު ޤައުމުގެ އިސް މަގާމެއްގައި ހުރި ހިތްވަރުގަދަ މީހަކަށް ވެއްޖެއެވެ. އިއްޔެ ކޮސްމޯގެ ނަމުގައި އޭނާއަށް ކުރި މަލާމާތް މިއަދު އެއީ ފަޚުރަކަށް، ޝަރަފަކަށް ވެއްޖެއެވެ. އެއީ އޭނާގެ އަމިއްލަވަންތަ ކަމުގެ ރަމުޒަކަށް ވެއްޖެއެވެ. އެއީ ދިވެހި ޤައުމީ ޖައްވީ އިދާރާގެ މައި މަރުކަޒުގެ ވެރިޔާއެވެ. އާއެކެވެ. އުނގެނުމަކީ ފަހަށް ކުރާ ޞަދަގާތެކެވެ. ކުރިމަގުގެ ވުނައެކެވެ. ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުން ވުނަކުރަމުން، އުނގެނެންވީއެވެ. މަލާމާތައި ފުރައްސާކުރުމަކުން ހުއްޓޭކަށް ނުޖެހޭނެއެވެ. އުނގެނެމުން ވެސް، އުނގެނިފައި ވެސް ކުރާންވީ ޚިދުމަތެވެ. ވަކި ދާއިރާއެއް ނެތެވެ. ވަކި އާއިލާއެއް ނެތެވެ. ލުޖައިލް ސާބިތުކޮށް ދިނީ އެކަމެވެ. އެ ހިތްވަރެވެ. އޭނާ ފުށުން ޤައުމު ދަސްކުރީ މި ފިލާވަޅުތަކެވެ. ކޮސްމޯއެއްގެ ގޮތުގައި ފެށި ދަތުރު އޭނާ ނިންމާލާނީ ޤައުމަށް ކޮސްމޮލޮޖީ އަންގައިދީފައެވެ.