Advertisement

ޓޫރިޒަމްގެ ވާދަވެރިކަން ބޮޑު، ރާއްޖޭގެ ނަން ދަމަހައްޓަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ: ރައީސް

17 ޖުލައި 2022 - 19:21 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މަޓީއިން ބޭއްވި އެވޯޑު ހަފްލާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް


ޓޫރިޒަމްގެ ވާދަވެރިކަން ބޮޑު، ރާއްޖޭގެ ނަން ދަމަހައްޓަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ: ރައީސް

17 ޖުލައި 2022 - 19:21 0

ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި މިހާރު އޮތީ ވަރަށް ވާދަވެރި މާހައުލެއް ކަމަށާއި، އެ މާހައުލުގައި ރާއްޖޭގެ ނަން ދެމެހެއްޓޭނީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާ ޝަރަފްވެރިކޮށްދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފަތުރުވެރިކަން ތަރައްޤީކުރާ ކިތަންމެ މަންޒިލެއް މިހާރު އެބަހުރި ކަމަށެވެ.

"މި ވާދަވެރިކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ނަން ދެމެހެއްޓޭނީ، އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ދިވެހި ފަތުރުވެރިކަމުގެ ހާއްސަ ސިފަތައް އެގޮތުގައި ދެމެހެއްޓުން،" ރައީސް ވިދާޅުވި އެވެ.

މިގޮތުން، ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ، މި ވެށީގެ ސުލްވެރިކަމާއި، އަމާންކަމާއި، ދިވެހިންގެ ހިތްހެޔޮކަމާއި ފުރިހަމަ މެހްމާންދާރީގެ ސަބަބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ހަމައެއާއެކު، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުފަޅުގެ ރީތިކަމާއި، ރަށްތަކުގެ ހިތްފަސޭހަކަން. އެކަންކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މިއަދުވެސް އަޅުގަނޑުމެން ހާއްސަ މަސައްކަތްތަކެއްކޮށް، އެކަމަށް ސަމާލުކަން އެބަ ދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމަކީވެސް، މި ސިނާއަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބޭފުޅުންގެ ހާއްސަ ހިދުމަތުގެ އަގު ވަޒަން ކުރައްވައިފަ އެވެ.

މިގޮތުން، އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަގާމުގައި މިއޮތީ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބޭފުޅުންގެ ވަރުގަދަ އަޒުމާއި ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.

އަދި އަމާޒެއް އޮވެ، ހުރަސްތައް ގިރާކުރައްވަމުން، އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއާ، މިއަދު މި އިންޑަސްޓްރީގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތުގެ ސަބަބުން ކަމުގައި ރައީސް ވިދާޅުވި އެވެ.

"މި މުހިންމު ސިނާއަތް ރާއްޖޭގައި ފަށްޓަވައި ތަރައްގީ ކުރެއްވުމަށް އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގެ ހަގީގީ އަގު އަޅުގަނޑުމެންނަށް ވަޒަނެއް ނުކުރެވޭނެ. މުޅި ގައުމު ވަނީ އެ ބޭފުޅުންގެ އެ ހިދުމަތަށް ދަރަނިވެރިވެފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމާއި ގުޅުވައިގެން މަޓީން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑް ހަފްލާ ބާއްވާފައި ވަނީ، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓު ކުރުނބާ މޯލްޑިވްސްގަ އެވެ.