Advertisement

ހަ މަހުން އާމްދަނީއަށް 11 ބިލިއަން ރުފިޔާ، މިއީ ރެކޯޑެއް

17 ޖުލައި 2022 - 10:38 2

އަމަން ހަލީމް

އަމަން ހަލީމް

އިގުތިސޯދުގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: އާމްދަނީ އިތުރުވުމުގެ ފަހަތުގައި ވަނީ ޓޫރިޒަމް ރަނގަޅަށް ހިނގަމުން ދިޔުން. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ހަ މަހުން އާމްދަނީއަށް 11 ބިލިއަން ރުފިޔާ، މިއީ ރެކޯޑެއް

17 ޖުލައި 2022 - 10:38 2

އިގުތިސޯދަށް ފިއްތުންތަކެއް ހުރި ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބި، ދައުލަތުގެ އާމްދަނީގެ ރެކޯޑުތައް މުގުރާލައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ޖޫން މަހުގެ އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި، އެ މަހުގެ ނިޔަލަށް ޓެކްސް އާމްދަނީއަށް 8.7 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީއަށް 2.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މި މުއްދަތުގެ ތެރޭގައި މީގެ ކުރިން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު 2019 ގެ ޖޫން މަހުގެ ނިޔަލަށް ލިބުނު 8.9 ބިލިއަން ރުފިޔާއަށް ވުރެ 2.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 7.5 ބިލިއަން ރުފިޔާއާ އަޅާކިޔާއިރު 3.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާމްދަނީގެ ތަފްސީލުތަކަށް ބަލާއިރު، އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. މިހާތަނަށް ލިބުނު އާމްދަނީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (49 ޕަސެންޓު) ހިއްސާކުރަނީ ޖީއެސްޓީ އާމްދަނީ އެވެ.

އެގޮތުން އާންމު މުދަލުން ނަގާ ޓެކުހުން 1.5 ބިލިއަން ރުފިޔާ އަދި ޓޫރިޒަމް ޓެކުހުން 3.9 ބިލިއަން ރުފިޔާ ހިމަނައިގެން، 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ވެސް ރެކޯޑެކެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ހިއްސާކުރާ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން މީހުންގެ އަތުން އެކަނިވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް ނޫން ގޮތް ގޮތުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުއްޔެވެ. އެއީ 1.1 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ދަތުރުވެރިންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިންނެވެ. އެއީ 381 މިލިއަން ރުފިޔާ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ލަފާކުރީ ހިލޭ އެހީ ހިމަނައިގެން އާމްދަނީގެ ގޮތުގައި 24.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެއީ ޓެކްސް އާމްދަނީގެ ގޮތުގައި 15.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ އާއި ހަރުމުދާ ވިއްކައިގެން 13 މިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ އެވެ.

މިހާތަނަށް ލިބުނު އާމްދަނީއަށް ބަލާއިރު، ހިލޭ އެހީ ފިޔަވައި އެހެނިހެން އާމްދަނީގެ އަންދާޒާތަކާ އެއްވަރަށް ނޫނީ އެޔަށް ވުރެ ބޮޑަށް ލިބޭނެ ކަމަށް ބެލެވެ އެވެ. އެކަމަކު ތެލުގެ އަގު އުފުލުމާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް އައިސްފައިވާ ފިއްތުންތަކާ ގުޅިގެން، ލަފާކުރި ވަރަށް ހިލޭ އެހީ ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.