Advertisement

އެރިކްސަން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި

15 ޖުލައި 2022 - 20:29 0


އެރިކްސަން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި

15 ޖުލައި 2022 - 20:29 0

މެންޗެސްޓާ (ޖުލައި 15) - ހިލޭ ޓްރާންސްފާއެއްގެ ދަށުން ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.

އެރިކްސަން، 30، ޔުނައިޓެޑާ ރަސްމީކޮށް ގުޅުނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެރިކްސަންގެ ކޮންޓްރެކްޓް ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޔުނައިޓެޑާ ގުޅުމަށް ފަހު އެރިކްސަން ބުނީ ޔުނައިޓެޑަކީ ހާއްސަ ކްލަބެއް ކަމަށާއި އެ ކްލަބާ އެކު މަސައްކަތް ފަށަން ކެތްމަދުވެފައި ހުރި ކަމަށެވެ.

"އޯލްޑް ޓްރެފޯޑް (ޔުނައިޓެޑްގެ ސްޓޭޑިއަމް) ގައި ކުޅެލުމުގެ ނަސީބު ގިނަ ފަހަރުތަކެއް މަތިން ލިބިފައިވަނީ. އެކަމަކު، ޔުނައިޓެޑް ޖޯޒީގައި އެ ދަނޑުގައި ކުޅުލުމަކީ ކުރެވޭ ވަރަށް ހާއްސަ އިހުސާސަކަށް ވާނެ،" އެރިކްސަން ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އެރިކްސަން ޔުނައިޓެޑާ ގުޅުނު އެއް ސަބަބަކީ އެ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ އެރިކް ޓެން ހާގްގެ މަސައްކަތް ކަމުދިއުމެވެ.

އެރިކްސަން ބުނީ ޔުނައިޓެޑާ ގުޅެން އެރިކް ޓެން ހާގްގެ ހުށަހެޅުމެއް ލިބުމާ އެކު މާ ބޮޑަށް ފިކުރު ކުރުމެއް ނެތި ކުރިއަށްދާން ނިންމީ އުންމީދުތަކެއް އޮތުމުން ކަމަށެވެ.

"އަހަންނަށް އަޔަކްސްގައި ވެސް އެރިކް (ޓެން ހާގް)ގެ މަސައްކަތް ފެނުނު. ވަރަށް މޮޅު ކޯޗެއް އެއީ، ދެން އަހަރެން ޔުނައިޓެޑްގައި އެރިކް ކުރާ މަސައްކަތުގައި ބައިވެރިވެ، މި ޓީމު އެހެން ހިސާބަކަށް ގެންދަން އެހީތެރިވާން ބޭނުން، މިއީ ކާމިޔާބު ހާސިލްކުރެވޭނެ މަންޒިލެއްގައި އޮތް ޓީމެއް،"

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ދަނޑުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެރިކްސަން ކުޅުމާ ދުރުގައި ހަ ވަރަކަށް މަސް ދުވަހު ހުރެ، ގިނަ ފަރުވާތަކެއް ކުރުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ބްރެންޓްފޯޑާ ގުޅުނެވެ.

އެރިކްސަން ވަނީ ފިޓްނަސް ރަނގަޅު ކުރަން ކުރި މަސައްކަތުގެ ތެރެއިން އަޔަކްސް ޓީމާ އެކު ވެސް ޓްރެއިނިންތަކެއް މިދިޔަ އަހަރު ފުރިހަމަކޮށްފަ އެވެ. އެއީ ޓެން ހާގްގެ ހުއްދައާ އެކު އަޔަކްސްގެ މެނޭޖްމަންޓުން ދިން ހުއްދަ އެެކެވެ. އެރިކްސަން ވަނީ ކުރިން އަޔަކްސް އަށް ކުޅެފަ އެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ކުޅުނު އެރިކްސަން ވަނީ އެ ޓީމާއި ބްރެންޓްފޯޑާ އެކު މުޅި ޖުމްލަ، 237 މެޗު، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެ، 52 ގޯލު ޖަހައި، 71 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޑެންމާކް ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ހުރި އެރިކްސަން، ވަނި ޑެންމާކަށް ކުޅުނު 115 މެޗުން 38 ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ.

އެރިކްސަން އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓެން ހާގްގެ ކޯޗުކަމުގައި ގެނައި ދެ ވަނަ ކުޅުންތެރިޔާ އެެވެ. ފުރަތަމަ ސޮއިކުރީ ފެޔަނޫޑްގެ ފުލްބެކް، ޓައިރެލް މަލާސިއާ އެެވެ. އެރިކްސަންގެ ސޮއި ވެސް ޔުނައިޓެޑުން ހޯދިއިރު، އެ ޓީމުން އަންނަނީ އަޔަކްސްގެ އާޖެންޓީނާ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒްގެ ޑީލް ނިންމުމުގެ ފަހު މަރުހަލާގެ ކަންކަން ނިންމަމުންނެވެ.

ޔުނައިޓެޑުން މަލާސިއާ ގަތީ 17 މިލިއަން ޑޮލަރު ދީފަ އެވެ. އެރިކްސަން ހިލޭ ގެނައި ކަމުގައި ވިޔަސް، އެރިކްސަން އާއި އޭނާގެ އޭޖެންޓް އަށް މިިލިއަން ޑޮލަރުގެ ބޯނަހެއް ޔުނައިޓެޑުން ދިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ލިސަންދްރޯ މާޓިނޭޒް ގަންނަނީ އަޔަކްސް އަށް 55 މިލިއަން ޑޮލަރު ދީފަ އެވެ.