Advertisement

ޖޮކޮވިޗް ހަތް ވަނަ ފަހަރަށް ވިމްބަލްޑަން ޗެމްޕިއަންކަން ހޯދައިފި

10 ޖުލައި 2022 - 21:51 0


ޖޮކޮވިޗް ހަތް ވަނަ ފަހަރަށް ވިމްބަލްޑަން ޗެމްޕިއަންކަން ހޯދައިފި

10 ޖުލައި 2022 - 21:51 0

ލަންޑަން (ޖުލައި 10) - ވިމްބަލްޑަން ޓެނިސް މުބާާރާތުގެ ޗެމްޕިއަންކަން ހަތް ވަނަ ފަހަރަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް މިރޭ ކާމިޔާބުކޮށްފި އެވެ.

މިރޭ ކުޅުނު ވިމްބަލްޑަންގެ ފައިނަލުގައި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްގެ މައްޗަށް ޖޮކޮވިޗް ވަނީ ފަހަތުން އަރައި، 4-6 6-3 6-4 7-6 (7-3) އިން ސެޓުތައް ގެންގޮސްގެން ކުރިހޯދައިފަ އެވެ. މިއީ ޖޮކޮވިޗް ޖެހިޖެހިގެން ވިމްބަލްޑަން ތަށި ހޯދި ހަތަރު ވަނަ ފަަހަރެވެ.

ޖެހިޖެހިގެން ހަތަރު ފަހަރަށް ވިމްބަލްޑަންގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް އޯޕަން އިރާގައި އޮތީ ޖޮކޮވިޗްގެ އިތުރުން އޮތީ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ، ސަމްޕްރަސް އަދި ބިޔޯން ބޯގް އަތުގަ އެވެ.

މިއީ ޖޮކޮވިޗް، 35، ކެރިއަރުގައި ހޯދި 21 ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް ހޯދުމުގެ ރެކޯޑް އޮތީ 22 ތަށްޓާ އެކު ސްޕެއިނުގެ ރަފައެލް ނަޑާލް އަތުގަ އެވެ. ތިން ވަނައިގައި އޮތް ފެޑެރާ ވަނީ 20 ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި ފަހަރުގެ ޓެނިސް ސީޒަނުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް، އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ކާމިޔާބުކުރި ނަޑާލް، މި ފަހަރުގެ ވިމްބަލްޑަންގެ ސެމީ އަށް ދަތުރުކުރި ނަމަވެސް ދޫކޮށްލަން ޖެހުނީ ބަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެެވެ. ސެމީ ނުކުޅެ، ފައިނަލްގެ ފުރުސަތު ލިބުނު ކިރްގިއޯސް އަށް ފައިނަލުގައި ޖޮކޮވިޗް ކައިރީގައި މާ ބޮޑު ތަފާތެއް ދެއްކޭގޮތެއްނުވި އެވެ.

ފައިނަލް މެޗުގެ ތެރެއިން ތަކުރާރުކޮށް އަންހެން ސަޕޯޓަރަކު އަޑުގަދަކުރާތީ، ކިރްގިއޯސް ވަނީ މެޗު ހުއްޓާލައި، އޭނާ ސްޓޭޑިއަމުން ބޭރުކުރަން އެޕީލްކޮށްފަ އެވެ. ދުނިޔޭގެ ރޭންކިންގެ 40 ވަނައިގައި އޮތް ކިރްގިއޯސްގެ މި އެޕީލާ އެއްގޮތަށް ފަހުން ވަނީ އެ ސަޕޯޓަރު ސެކިއުރިޓީން ހާޒިރުގައި ސްޓޭޑިއަމުން ފޮނުވާލައިފަ އެވެ.

ވިމްބަލްޑަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ، ކަޒަކްސްތާންގެ އެލީނާ ރިބަކީނާ އެވެ. އޭނާ އަކީ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ކަޒަކްސްތާނަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ. އެލީނާ، 23، ވަނީ ފައިނަލުގައި ޓިއުނީޝީއާގެ އޮންސް ޖެބޯ އަތުން ފަސޭހަ މޮޅެއް ހޯދައިފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 3-6 6-2 6-2 އިންނެވެ.

އެލީނާ އަކީ 2011 ވަނަ އަހަރުގެ ފަހުން ވިމްބަލްޑަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.