Advertisement

ވިމްބަލްޑަން: ފައިނަލުގައި ކިރްގިއޯސްއާ ދެކޮޅަށް ކުޅޭނީ ޖޮކޮވިޗް

9 ޖުލައި 2022 - 09:30 0


ވިމްބަލްޑަން: ފައިނަލުގައި ކިރްގިއޯސްއާ ދެކޮޅަށް ކުޅޭނީ ޖޮކޮވިޗް

9 ޖުލައި 2022 - 09:30 0

ލަންޑަން (ޖުލައި 9) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފި އެވެ.

މާދަމާ ކުޅޭ ފައިނަލުގައި ޖޮކޮވިޗް ކުޅޭނީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްއާ ދެކޮޅަށެވެ. ޖޮކޮވިޗް ފައިނަލުގެ ޖާގަ ހޯދީ އިންގްލެންޑްގެ ކެމަރަން ނޯރީ އަތުން ސެމީ ފައިނަލުގައި މޮޅުވެގެންނެވެ. ކިރްގިއޯސް އަށް ފައިނަލުން ފުރުސަތު ލިބުނީ އޭނާއާ ދެކޮޅަށް ސެމީގައި ކުޅެން އޮތް ރަފައެލް ނަޑާލް، އަނިޔާގެ ސަބަބުން މުބާރާތުން ވަކިވުމާ ގުޅިގެންނެވެ.

ޖޮކޮވިޗް ވަނީ އިއްޔެގެ ސެމީ ފައިނަލުގައި ނޯރީގެ މައްޗަށް ފަހަތުން އަރައި ކުރިހޯދައިފަ އެވެ. އޯލް އިންގްލެންޑް ކްލަބްގެ ގްރާސް ކޯޓުގައި ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 2-6 6-3 6-2 6-4 އިންނެވެ.

އޯޕަން އިރާގައި ވިމްބަލްޑަން ފައިނަލުގައި ކުޅޭ ހަތަރު ވަނަ ކުޅުންތެރިޔާގެ ޝަރަފް ހޯދަން ނޯރީ ކުރި މަސައްކަތް ނާކާމިޔާބު ވިޔަސް އޭނާގެ އަޒުމަކީ މި ފަހަރުގެ ތަޖުރިބާ އިން ހިތްވަރު ހޯދުމެވެ. ނޯރީ އަކީ 2016 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ސެމީގައި ކުޅުނު ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އެވެ.

މިއީ މި އަހަރު ޖޮކޮވިޗް ކުޅޭ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ. ކޮވިޑް-19 ވެކްސިން މައްސަލައިގައި އޮސްޓްރޭލިއަން އޯޕަންގައި އޭނާ އަށް ނުކުޅެވުނެވެ. ފްރެންޗް އޯޕަން ކުއާޓާ ފައިނަލުގައި ޖޮކޮވިޗް ކެޓީ ނަޑާލް އަތުންނެވެ.

ވިމްބަލްޑަން އެންމެ ފަހުން ބޭއްވި ތިން ފަހަރު ވެސް ޗެމްޕިއަނަކީ ޖޮކޮވިޗް އެވެ. މި ފަހަރު ތަށި އުފުލާލައިފިނަމަ ޖުމްލަ އެއްކޮށް ހަތް ފަހަރު، އޭނާ ވިމްބަލްޑަން ކާމިޔާބުކުރާނެ އެވެ.

މި ފަހަރު ޗެމްޕިއަންކަން ހޯދަން ޖޮކޮވިޗް ބޭނުންވާނެ އަނެއް ސަބަބަކީ ނަޑާލްގެ ގްރޭންޑް ސްލޭމް ރެކޯޑާ ގާތަށް ޖެހިލުމެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމުގެ ރެކޯޑް ނަޑާލް އަތުގައި އޮތީ 22 ތަށްޓާ އެކު އެވެ. އެއީ މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ކާމިޔާބު ކޮށްގެން ނަޑާލް ހެދި ރެކޯޑެކެވެ. ޖޮކޮވިޗް މި ވަގުތު އޮތީ ރޮޖާ ފެޑެރާއާ އެއްވަރަށް 20 ތަށި ހޯދައިގެން، ދެ ވަނައިގަ އެވެ.