Advertisement

އެމްޑީޕީއާ ގުޅުނީ ހިޔާލުތަފާތުވުންތަކަށް ޖާގަ އޮތީމަ: އެމްޕީ ސައުދު

7 ޖުލައި 2022 - 16:48 1

ނިމާ ހަސަން

ނިމާ ހަސަން

އެމްޕީ ސައުދު: އޭނާ ވަނީ އެމްޑީޕީއާ ގުޅިފައި


އެމްޑީޕީއާ ގުޅުނީ ހިޔާލުތަފާތުވުންތަކަށް ޖާގަ އޮތީމަ: އެމްޕީ ސައުދު

7 ޖުލައި 2022 - 16:48 1

އެމްޑީޕީއާ ގުޅުނީ އެ ޕާޓީތެރޭގައި ހިޔާލުތަފާތުވުމަށް ޖާގަ އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ސައުދު އެމްޑީޕީއަށް ސޮއިކުރެއްވީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުގަ އެވެ. އެކަމާ ގުޅޭގޮތުން ސައުދު "އަދަދު"އަށް ވިދާޅުވީ ރައީސް ސޯލިހްގެ ލީޑާޝިޕުގައި މި ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި ދުނިޔެއަށް ދިމާވަމުންދާ ބޮޑެތި ކާރިސާތަކާ ގުޅިގެން ދިވެހި ރައްޔިތުންގެ ކަންކަން ވަރަށް ރަނގަޅަށް މެނޭޖުކުރަމުން ގެންދަވާ ކަމަށެވެ.

ރައީސް ސޯލިހާއެކު މަސައްކަތްކުރައްވާތާ ފަސް އަހަރު ވެގެންދާކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މިސްރާބުވަމުންދާ ގޮތުންނާއި މިވަގުތު ދުޅަހެޔޮ ސިޔާސީ މަޝްރަހެއް ބިނާކުރެވި، ސިޔާސީ މަސައްކަތެއް ކުރަން އެންމެ ރަނގަޅު ޕްލެޓްފޯމަކީ އެމްޑީޕީ ކަމަށް ގަބޫލުކުރެވޭ ކަމަށް ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރާނަމަ އެންމެ ފުރަތަމަ ބަލަން ޖެހެނީ އެ ޕާޓީއެއްގެ ތެރޭގައި ހިޔާލު ތަފާތުވުމުގެ ޖާގަ އޮތީ ކިހާ މިންވަރަކަށްތޯ އަދި އޭގެ ނަތީޖާއަކީ ކޮބާތޯ ކަމަށެވެ. އަދި އެމްޑީޕީ ތެރޭގައި ވަރަށް ފޯރިގަދަ ދެ އިންތިހާބެއް ބޭއްވިއިރު، އެ އިންތިހާބުތަކުގައި ވަރަށް ފޯރިއާ އެކީގައި ހިޔާލު ތަފާތު ކުރުމުގެ ޖާގަ ވަރަށް ޑިމޮކްރެޓިކްކޮށް އުސޫލުން ގެންދިޔަ ކަމަށް ސައުދު ވިދާޅުވި އެވެ.

"ދެ އިންތިހާބަށްފަހު ޕާޓީގެ ގުނަވަންތަކުން ހިޔާލުތަފާތުވުން ނައްތާލާ، އެންމެން އެކީގައި ކުރިއަށް ގެންދިއުމުގެ ވިސްނުން އިސްކޮށްފައި އޮތީ" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ވެރިކަމުގައި ތިބެމެ، އެމްޑީޕީގައި ހިޔާލުތަފާތުވާ ވަގުތުތަކުގައި ގަޔަށް ބޮލަށް އަރާ އަނިޔާކުރުމުގެ ސަގާފަތެއް ނެތް ކަމަށެވެ. އެއާ ހިލާފަށް އޭނާ ޕީޕީއެމްގައި މަސައްކަތް ކުރެއްވިއިރު، ކުޑަކުޑަ ހިޔާލުތަފާތުވުންތަކާއެކު ޕީޕީއެމުން ދިމާވީ ވަރަށް އަނިޔާވެރި، ނުރައްކާރެތި ވިލާގަނޑަކާ ކަމަށް ސައުދު ވިދާޅުވި އެވެ.

އެ ވިލާގަނޑުން ނައްޓާގަންނަން އަޅުގަނޑުމެން ކުރި މަސައްކަތުން ދުވަހަކަށްވުރެ ދުވަހެއް އަނިޔާވެރިކަން ދިޔައީ އިތުރުވެގެން. އެއީ އެ ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތަކަށް ނެތް ޖާގައެއްގެ ސަބަބުން ހުދުމުހުތާރު ވެރިކަމަކަށް ޖާގަ ދެވިގެން ދިޔަ މަންޒަރު.

ސައުދު ވިދާޅުވީ އެއާ ހިލާފަށް އެމްޑީޕީ ތެރޭގައި ޑިމޮކްރެޓިކް ގުނަވަންތައް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޖިލިސް މެންބަރު ކަމަށް ވާދަކުރެއްވިއިރު އެމްޑީޕީގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ އެމްޑީޕީއާ ގުޅެންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާ ގުޅެން ނިންމީ ވަކި މީހެއްގެ އެދުމަކަށް ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި އެމްޑީޕީގެ ގިނަ އިސްވެރިންނަށް ވެސް އޭނާ އެމްޑީޕީއަށް ސޮއިކުރަން ނިންމިކަން އެނގިފައި ނުވާނެ ކަމަށެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެސް އެމްޑީޕީއަށެވެ. 87 މެންބަރުން ތިއްބަވާ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވަ އެވެ. ސައުދު ގުޅިވަޑައިގަތުމުން އެ ޕާޓީގެ 66 މެންބަރުން ދެން މަޖިލީހުގައި ތިއްބަވާނެ އެވެ.

ސައުދު ސިޔާސީ ދާއިރާއަށް ނުކުންނެވީ ޕީޕީއެމުންނެވެ. އަށާރަވަނަ މަޖިލީހުގައި ވެސް ވިލިނގިލި ދާއިރާ ސައުދު ތަމްސީލް ކުރެއްވިއިރު އެ ގޮނޑިއަށް އޭނާ އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ.

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގަމުން ދިޔަ ކަންކަމާ ހިތްހަމަނުޖެހިގެން އެ ޕާޓީ ދޫކޮށްލި 12 މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ. އެއާއެކު، ޕީޕީއެމުން ވަކިވެގެން ގޮނޑި ގެއްލުވާލި12 މެންބަރުންގެ ތެރޭގައި ވެސް ސައުދު ހިމެނިވަޑައިގަންނަވަ އެވެ.

އެ މައްސަލާގައި މަޖިލިސް ކުރާ ގެއަށް ނުވަދެވި، އަދި މަޖިލީހުގައި ދާއިރާ ތަމްސީލް ނުކުރެވި އަހަރަކަށް ވުރެ ގިނަ ދުވަސްވި އެވެ. އަލުން މަޖިލީހަށް ވަދެވޭ ގޮތްވީ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

އެމްޑީޕީގެ އިސްވެ އޮވެ, ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ސައުދު އެ ފަހުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ވެސް ސޮއިކުރެއްވި އެވެ. އެކަމަކު މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.