Advertisement

އެރިކްސަން، މެންޗެސްޓާ ޔުނައިޓެޑާ ގުޅެން އެއްބަސްވެއްޖެ

4 ޖުލައި 2022 - 18:50 0


އެރިކްސަން، މެންޗެސްޓާ ޔުނައިޓެޑާ ގުޅެން އެއްބަސްވެއްޖެ

4 ޖުލައި 2022 - 18:50 0

މެންޗެސްޓާ (ޖުލައި 4) - ހިލޭ ޓްރާންސްފާއެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ނިންމާފައިވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެރިކްސަން، 30، ދާދި ފަހުން ޑެންމާކުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑަށް ބަދަލުވާނެތޯ އެހުމުން އެރިކްސަންގެ ޖަވާބަކީ "އޮފާ ރަނގަޅުނަމަ ފޯނުނަގާނެ" ކަމަށެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެރިކްސަން، ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުނައިޓެޑާ އެކު ސޮއިކުރާނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

އެރިކްސަން، މިދިޔަ ޖެނުއަރީ މަހު ބްރެންޓްފޯޑާ ގުޅުނީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ކޮންޓްރެކްޓް މިދިޔަ މަހުގެ ނިޔަލަށް އޮތީ ހަމަވެފަ އެވެ. ބްރެންޓްފޯޑުން އެރިކްސަން އަށް އާ ޑީލެއް ހުށަހެޅި ނަމަވެސް ކެރިއަރުގައި ބޮޑު ކްލަބަކާ އެކު ކުރިއަށްދާން ލިބުނު ފުރުސަތުގެ ބޭނުންހިފައި، އެރިކްސަން ޔުނައިޓެޑާ ގުޅެން ނިންމީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން އެރިކްސަންގެ އިތުރުން ޓައިރެލް މަލަސިއާގެ ސޮއި ހޯދަން ވެސް ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ. އަދި އަޔަކްސްގެ ދެ ކުޅުންތެރިން ކަމަށްވާ ލިސަންދްރޯ މާޓިނޭޒް އާއި އެންތަނީ ވެސް ޔުނައިޓެޑްގެ ޝޮޕިން ލިސްޓުގައި ހިމެނެ އެވެ.

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާކަން ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ކްލަބްގެ ވެރިންނަށް އަންގާފައިވީ ނަމަވެސް އޭނާ ވިއްކައިނުލަން އެ ޓީމުން ވަނީ ނިންމައިފަ އެވެ. އެކަމަކު، ރޮނާލްޑޯ މިއަދު ޕްރީ ސީޒަން ޕްރެކްޓިހަށް ރިޕޯޓްނުކުރާތީ، އޭނާ އަށް އިނގިރޭސި މީޑިއާގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ނޭޝަންސް ލީގުގެ މެޗެއްގެ ތެރެއިން ޑެންމާކަށް ލަނޑެއް ޖަހައިދިނުމަށް ފަހު އެރިކްސަން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އެރިކްސަން ގެންނަން ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބު މި ކުރީ އެ ޓީމުން ދެން ހޯދަން ބެލި ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ނުވިއްކާނެ ކަމަށް އެ ކްލަބުން ބުނެފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި، ހިތްހުއްޓިގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ދަނޑުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެރިކްސަން ކުޅުމާ ދުރުގައި ހަ ވަރަކަށް މަސް ދުވަހު ހުރެ، ގިނަ ފަރުވާތަކެއް ކުރުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ބްރެންޓްފޯޑާ ގުޅުނެވެ.

އެރިކްސަން، ހާޓްއެޓޭކް ޖެހުނުއިރު، ކުޅެމުން އައީ އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނަށެވެ. އެކަމަކު، އެރިކްސަންގެ ސިއްހީ ހާލަތު ހުރި ގޮތުން އިންޓަ އަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ. އެއީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިގެން ކުޅުމުގެ ހުއްދަ އިޓާލިއަން ލީގުގައި ނެތުމުންނެވެ. ގިނަ މެޑިކަލް ޓެސްޓްތަކެއް ފުރިހަމަކޮށް ޖެނުއަރީ މަހު، އެރިކްސަން ބްރެންޓްފޯޑަށް ސޮއިކޮށް އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ނޭޝަންސް ލީގުގައި ޑެންމާކް ގައުމީ ޓީމަށް ވެސް އެރިކްސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޔުނައިޓެޑާ ގުޅުމުގެ ކަންކަން އެރިކްސަން ނިންމައިިފިނަމަ، އެ ކްލަބް ވެގެންދާނީ އޭނާ ޕްރިމިއާ ލީގުގައި ކުޅޭ ތިން ވަނަ ޓީމަށެވެ. އެރިކްސަން އެންމެ ފުރަތަމަ ޕްރިމިއާ ލީގުގައި ކުޅުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ.