Advertisement

ދެކުނަށް އެރި އުދައިގައި އެތައް ސަތޭކަ ގެއަކަށް ގެއްލުންވެ މަޑަވެލި ހާލުގައި ޖެހިއްޖެ

1 ޖުލައި 2022 - 17:48 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މަޑަވެއްޔަށް އުދަ އަރައިފަ: ރަށުގެ 98 ޕަސެންޓު ގޭބީސީތަކަށް ލޮނު ވަން -- ފޮޓޯ: ފިޔާޒް/ކައުންސިލް


ދެކުނަށް އެރި އުދައިގައި އެތައް ސަތޭކަ ގެއަކަށް ގެއްލުންވެ މަޑަވެލި ހާލުގައި ޖެހިއްޖެ

1 ޖުލައި 2022 - 17:48 0

ދެކުނުގެ އަތޮޅުތަކަށް މިއަދު އެރި އުދައިގައި ވަރަށް ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއްވަމުންދާއިރު ގދ. މަޑަވެލީގެ 98 ޕަސެންޓު ގެއަށް އުދަ އަރައި ރަށުގެ ރައްޔިތުން ހާލުގައި ޖެހިއްޖެ އެވެ.

މަޑަވެލީ ކައުންސިލުގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ "މަޑަވެލި މި އޮތީ އަޑީގައި" ކަމަށެވެ. އަދި ވިދާޅުވީ މިހާރު ގެތައް ދޫކޮށްލުމަށްފަހު ރައްޔިތުން މަސައްކަތް ކުރަމުންދަނީ ރަށު އިންޖީނުގެ ސަލާމަތް ކުރެވޭތޯ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ހާލުގައި ޖެހިފަ. ހިފައިގެންގުޅޭ ހުރިހާ ސާމާނުތަކެއް ވެސް ހަލާކުވެއްޖެ. ރަށުގެ ރައްޔިތުން މި ތިބީ މަގުމަތީ. މިހާރު މި ދަނީ އިންޖީނުގެ ސަލާމަތް ކުރެވޭތޯ،" ރަށުގައި ހާލަތު ފިޔާޒް ކިޔައިދެއްވި އެވެ.

މަޑަވެލީގެ އިތުރުން އެ އަތޮޅު ނަޑެއްލާ އާއި ހޯޑެއްދޫ އާއި ރަތަފަންދޫއަށް ވެސް ވަރަށް ބޮޑަށް ވަނީ އުދަ އަރައިފަ އެވެ.

"މި ވަރަށް އުދަ އަރަން ފެށީ މެންދުރު 2:00 ގައި. ގާތްގަނޑަކަށް 90 ގެއަށް ވަރަށް ބޮޑަށް ގެއްލުން ލޮނު އެރި. އަދި 40 ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވި. އަދި ވެސް އުދަ އަރަމުންދަނީ،" ރަތަފަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނިޒާމް އިބްރާހިމް ވިދާޅުވި އެވެ.

ހޯޑެއްދޫގެ ވެސް ގާތްގަނޑަކަށް 100 ގެއަށް ލޮނު އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

"މި ރަށުގެ 100 ގޭބީސީއަށް ލޮނު ވަދެފައި ހުރީ. އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ އުދަގަނޑު ކޮންޓްރޯލް ކުރެވޭތޯ. މި ރަށު ބަނދަރު ހަދަން އައިސް އުޅޭ ހެވީ ފޯސް ކުންފުންޏާ ގުޅިގެން އުދަ އަރާ ދިމާލުގައި ބަސްތާ ޖެހޭތޯ މި ބަލަނީ،" ހޯޑެއްދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިހާމް ވިދާޅުވި އެވެ.

ނަޑެއްލާ ކައުންސިލުންގެ ރައީސް މުހައްމަދު އަންޝާއު ވިދާޅުވީ އެ ރަށުގެ ތެރެއަށް ވެސް ވަރަށް ބޮޑަށް އުދަ އެރި ކަމަށެވެ. ނަމަވެސް އެއްވެސް ގެއަކަށް މިހާތަނަށް ގެއްލުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަނދަރާ ދިމާލުން ރަށު ވަށައިގެން އުދަ އެރީ. އެކަމަކު އަދި ގެއަކަށް ގެއްލުމެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ދެކުނުގެ އަތޮޅުތަކަށް އެރި އުދައިގެ ފުރިހަމަ ތަފްސީލެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އަދި ނުލިބެ އެވެ.