1 ޖުލައި 2022 - 13:30 0
ސްޕެއިނުގެ ކޯޗު ވަލްވޭޑޭ: މިއީ އޭނާ ބިލްބާއޯ އަށް ކޯޗުކޮށްދޭނެ ތިން ވަނަ ފަހަރު.
1 ޖުލައި 2022 - 13:30 0
ބިލްބާއޯ (ޖުލައި 1) - ސްޕެއިންގެ ކޯޗު، އާނެސްޓޯ ވަލްވޭޑޭ، އެތުލެޓިކް ބިލްބާއޯގެ ކޯޗުކަމާ ތިން ވަނަ ފަހަރަށް ހަވާލުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާގެ ކޯޗުކަމުން ވަލްވޭޑޭ، 58، ވަކިކުރި ފަހުން އޭނާ ހުރީ ޓީމެއްގެ ވަޒީފާއާ ހަވާލުނުވެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މެންޗެސްޓާ ޔުނައިޓެޑުން ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗެއް ހޯދިއިރު، ވަލްވޭޑޭ އަށް ވެސް ހުށަހެޅި އެވެ. އެކަމަކު، އޭނާ ނިންމީ އެ ވަގުުތު ޓީމަކާ ހަވާލުވުން އެއީ އެންމެ ރަނގަޅު ނިންމުން ކަމުގައި ނުވާނެ ކަމަށެވެ.
ވަލްވޭޑޭ، ބިލްބާއޯގެ ކޯޗުކަމާ މި ފަހަރު ހަވާލުވީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ބިލްބާއޯގެ އާ ރައީސް ޖޯން އޮރިއާޓޭ ވިދާޅުވީ ވަލްވޭޑޭ އަކީ ބިލްބާއޯގެ ވިސްނުން ރަނގަޅަށް އެނގޭނެ ކޯޗެއް ކަމަށްވާތީ އޭނާ އަކީ އެ ކްލަބްގެ އާ ބޯޑުގެ ފުރަތަމަ ވިސްނުން ކަމަށެވެ.
ކުޅުމުގެ ކެރިއަރުގައި ބިލްބާއޯގެ ފޯވާޑަކަށް ހަ އަހަރު ކުޅުނު ވަލްވޭޑޭ ބުނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި އަލުން ބިލްބާއޯއާ ގުޅުނު ނަމަވެސް އޭނާގެ ވިސްނުމަކީ ފުރުސަތު އޮތް މުއްދަތަކަށް އެ ޓީމަށް ކޯޗުކޮށްދިނުން ކަމަށެވެ.
"އަހަންނަށް ވަރަށް ރަނގަޅަށް މި ކްލަބް އެނގޭ، މި ކްލަބްގެ ސަޕޯޓަރުން ދެކޭ ގޮތް އެނގޭ، މި ސިޓީގެ މީހުންގެ އިހުސާސްތަކާ އެކު މަސައްކަތްކުރަން އެނގޭ،" ވަލްވޭޑޭ ބުންޏެވެ.
ބިލްބާއޯ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 2001-2002 ވަނަ އަހަރު ކޯޗިން އަށް ނުކުތް ވަލްވޭޑޭ، އެންމެ ފުރަތަމަ ހެޑް ކޯޗެއްގެ ގޮތުގައި ބިލްބާއޯގައި މަސައްކަތްކުރީ 2003-2006 އަށެވެ. އޭގެ ފަހުން، އެސްޕަންޔޯލާއި އޮލިމްޕިއާކޯސް އަށް ދެ ފަހަރާއި، ވިޔަރެއާލަށް ކޯޗުކޮށްދިނުމަށް ފަހު އަލުން ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ބިލްބާއޯ އަށް ކޯޗުކޮށްދިނެވެ.
ތިރީސް އަހަރު ތެރޭ ބިލްބާއޯ އިން ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދީ 2015 ވަނަ އަހަރު ވަލްވޭޑޭގެ ކޯޗުކަމުގަ އެވެ. އެ ފަހަރު ސްޕެނިޝް ސުޕަ ކަޕްގައި ވަލްވޭޑޭގެ ކޯޗުކަމުގައި ބިލްބާއޯ ވަނީ އެގްރިގޭޓަށް ބަލާއިރު 5-1 އިން ބާސެލޯނާ ބަލިކޮށްފަ އެވެ. ބިލްބާއޯ ދެ ވަނަ ފަހަރަށް ދޫކޮށްލީ 2017 ވަނަ އަހަރު ބާސެލޯނާއާ ގުޅޭށެވެ.
ވިއްސަށް ވުރެ ގިނަ އަހަރުވީ ކޯޗިން ކެރިއަރުގައި ވަލްވޭޑޭ ވަނީ 10 ޓްރޮފީ ހޯދައިފަ އެވެ. އޭގެ ތެރޭގައި އޮލިމްޕިއާކޯސްގައި ހުރެ ގްރީސްގެ ސުޕަ ލީގު ތިން ފަަހަރު ހޯދުމާއި ބާސެލޯނާ އަށް ދެ ފަހަރު ސްޕެނިޝް ލީގު ހޯދައިދިނުން ހިމެނެ އެވެ.
Comment