30 ޖޫން 2022 - 10:32 0
މުހައްމަދު ނަސީމް
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތައް، މި ތަންތަނުގެ މަސައްކަތާ ދެވަނައަށް ހަވާލުވި އައިލެންޑް އެކްސްޕާޓް ކުންފުނިން ފައިސާގެ ބަދަލު ހޯދަން މަޖިލީހުން ލަފާދޭ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
30 ޖޫން 2022 - 10:32 0
ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ހުޅުމާލޭގައި އަޅަން ފެށި ފްލެޓްތަކުގެ މަސައްކަތް ނުނިންމައި ދޫކޮށްލި، އައިލެންޑް އެކްސްޕާޓް ކުންފުނިން، އެކަމުގެ ބަދަލު ހޯދުން އަވަސްކުރަން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށާއި ފުލުހުންގެ ކޯޕަރޭޓިވް (ޕޮލްކޯ) އަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން މިއަދު ލަފާދީފި އެވެ.
މަސައްކަތް ފެށިތާ ނުވަ އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އެ މަޝްރޫއުގެ މަސައްކަތް ލަސްވާ ސަބަބުތައް ދެނެގަތުމަށާއި އަވަސްކުރެވޭނެ ގޮތްތަކެއް ހޯދަން ގޮވާލައި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެސްއޯއީ ކޮމިޓީން ނިންމީ ބަދަލު ހޯދުން ހިމެނޭ ގޮތުން ގިނަ ކަންތައްތަކެއް ކުރަން ސިފްކޯއަށާއި ޕޮލްކޯއަށް ލަފާ ދޭށެވެ.
އެސްއޯއީ ކޮމިޓީން މިދިޔަ އާދީއްތަ ދުވަހު އެކުލަވައިލި ރިޕޯޓުގައި ލަފާދީފައި އޮތީ އައިލެންޑް އެކްސްޕާޓަށް އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އާއި ސިފައިންގެ ކޯޕަރޭޓިވްގެ މަސްލަހަތުތަކާ ގުޅޭ ގޮތުން އެކަށޭނަ ބަދަލު ކޯޓު މަރުހަލާގައި ކުރަން ޖެހޭ މަސައްކަތްތައް އަވަސް ކުރުމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން އައިލެންޑް އެކްސްޕާޓުން ޕޮލްކޯއަށް ހޯދަން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އެކޯޕަރޭޓިވް އިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެހެން ނަމަވެސް ޕޮލްކޯއަށް ލިބެން ޖެހޭ ފައިސާގެ އަދަދާއި މެދު އެ ކޯޕަރޭޓިވްއާއި އައިލެންޑް އެކްސްޕާޓާ ދެމެދު ހިޔާލުތަފާތުވުން އެބަ އޮތެވެ.
އެސްއޯއީ ކޮމިޓީއަށް ޕޮލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން އައިލެންޑް އެކްސްޕާޓުން ކޮށްފައިވާ މަސައްކަތްތަކުގެ އަގު 27 މިލިޔަން ރުފިޔާއަށް އަރާ ކަމަށް އެކުންފުނިން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ޕޮލްކޯއިން އެެ އަދަދު ގަބޫލެއް ނުކުރެ އެވެ.
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކުގެ މަޝްރޫއާ ބެހޭ އިތުރު އެތައް ތަފްސީލެއް ވެސް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައި އެބަހުއްޓެވެ. އެ ތަފްސީލުތަކާއެކު ކަމާ ބެހޭ އިދާރާތަކަށް ގިނަ ލަފާތަކެއް ވެސް ދީފައި ވެ އެވެ. އެ ރިޕޯޓަށް ބަހުސްކޮށް ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އެބަ އޮތެވެ.
Comment