30 ޖޫން 2022 - 00:48 0
30 ޖޫން 2022 - 00:48 0
ލަންޑަން (ޖޫން 29) - ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އިންޓަ މިލާނަށް ބަދަލުވެއްޖެ އެވެ.
ޗެލްސީން މިދިޔަ އަހަރު ލުކާކޫގެ ސޮއިހޯދީ 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު)ގެ ފީ އަކަށެވެ. މިއީ އެ ކްލަބްގެ ތާރީހުގައި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. ޗެލްސީގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ލުކާކޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ސީޒަންގެ މެދުތެރެއިން އޭނާ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގެ މައްސަލަ ހޫނުވެ، ޗެލްސީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ. މިދިޔަ ޑިސެމްބަރު މަހު އާންމުވި އެ އިންޓަވިއުގައި ލުކާކޫ ބުނީ އަލުން އިންޓަ އަށް ދާން ބޭނުންވާ ކަމަށެވެ.
އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ލުކާކޫ، މިއަދު އިންޓަ އަށް ބަދަލުވިއިރު، ލޯން ފީގެ ގޮތުގައި އިންޓަ އިން ޗެލްސީ އަށް ފުރަތަމަ ދައްކާނީ 8.3 މިލިއަން ޑޮލަރެވެ. ލުކާކޫ ޓީމުގައި ހިމެނިގެން، އިންޓަ އިން އިޓާލިއަން ލީގު ނޫނީ އެހެން ބޮޑު މުބާރާތެއް ކާމިޔާބުކޮށްފިނަަމަ އިންޓަ އިން އިތުރު 4.2 މިލިއަން ޑޮލަރު ދައްކާނެ އެވެ.
ލުކާކޫ، އަލުން އިންޓައާ ގުޅުނީ ޗެލްސީން ލިބޭ މުސާރަ އަށް ވުރެ 30 ޕަސެންޓް ކުޑަކޮށެވެ. އެ ގޮތުން ޗެލްސީން ލުކާކޫ އަށް އަހަރަކު 12 މިލިއަން ޑޮލަރު ދޭއިރު، އިންޓަ އިން ލޯން އެއްބަސްވުމެއްގައި ލުކާކޫ ގެނައީ މި އަހަރު ތެރޭ މުސާރައިގެ ގޮތުގައި 8.4 މިލިއަން ޑޮލަރު ދޭ ގޮތަށެވެ.
އިންޓަގެ މާލީ ހާލަތު އޮތްގޮތުން ބޮޑު މުސާރައެއް ދޭ ގޮތަށް ލުކާކޫ ގަނެވެން ނެތުމުން، ލުކާކޫ އެެދުނީ މުސާރަ ކުޑަކޮށް ނަމަވެސް އޭނާ އެ ޓީމަށް ގެންދިއުމަށެވެ.
އާސެނަލް ކޮޅަށް ގޯލު ޖެހުމަށް ފަހު ލުުކާކޫ (ވ) ޗެލްސީގެ ބެޖަށް ބޮސްދެނީ.--- ފޮޓޯ: އޭއެފްޕީ
"ވަރަށް އުފަލުން މި ހުރީ އަލުން އިންޓަ އަށް އާދެވުނީމަ،" ލުކާކޫ ބުންޏެވެ.
ލުކާކޫ އަށް މި ނިމުނު ސީޒަނުގެ ޕްރިމިއާ ލީގުގައި ޖެހުނީ އަށް ގޯލެވެ. ސީޒަނުގައި ޖުމްލަ އެކު، 15 ގޯލެވެ.
މީގެ އެއް ސީޒަން ކުރިން ލުކާކޫ ވަނީ އިންޓަ އަށް އިޓަލީގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވެފަ އެވެ. އިންޓަ އަށް ކުޅެދިން، 95 މެޗުން ލުކާކޫ ވަނީ އެ ޓީމަށް 64 ގޯލު ޖަހައިފަ އެވެ. އަލުން އިންޓައާ ގުޅުމަށް ފަހު ލުކާކޫ ބޭނުންކުރާނީ 90 ނަމްބަރު ޖޯޒީ އެވެ.
ޗެލްސީން ވަނީ ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް، ރަފީނިއާގެ ސޮއި ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. ޗެލްސީން އަންނަނީ ސެވިއްޔާގެ ޖޫލްސް ކޫންޑޭ، ޔުވެންޓަސްގެ މަތައިސް ޑިލިޓް، މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި ނެތާނިއަލް އަކޭ އަދި ބާސެލޯނާގެ އޮސްމާން ޑެމްބެލޭ އަށް ފާރަލަމުންނެވެ.
Comment