28 ޖޫން 2022 - 11:24 0
ނިމާ ހަސަން
ގަލޮޅު ދަނޑު: އެތަން މަރާމާތު ކުރަން ފަށާނީ ހުޅުމާލެ ދަނޑު ނިމުނީމަ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
28 ޖޫން 2022 - 11:24 0
ގަލޮޅު ދަނޑު މަރާމާތު ކުރަން ފަށާނީ ވެސް ހުޅުމާލެ ޓްރެކް ސަރަހައްދުގެ ދަނޑުގެ މަސައްކަތް ނިމުމުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ހުޅުމާލެ ދާއިރާގެ މެންބަރު އަހްމަދު ނިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަހުލޫފު ވިދާޅުވީ ގަލޮޅުދަނޑު ތަޅާލާނީ ހުޅުމާލޭގެ ޓްރެކުގައި އޮތް ދަނޑަށް ބަދަލުކޮށްފައި ކަމަށެވެ.
މަހުލޫފު ވިދާޅުވީ މިހާރު ކުރިއަށްދަނީ ގަލޮޅުދަނޑު ހުޅުމާލެ ދަނޑަށް ބަދަލުކުރުމަށް ހިނގާނެ ހަރަދު ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެތަނުގެ ލައިޓު ހަރުކުރުމާއި، ވިނަގަނޑަށް ބޭނުންވާ ޕިޗުވެސް ހޯދަން ޖެހޭނެކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެ ހަރަދު ބެލުމަށް ފަހު އެ މަސައްކަތް މި އަހަރުތެރޭ ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެ މަސައްކަތް ނިމުނީމަ އަޅުގަނޑުމެންނަށް ގަލޮޅު ދަނޑުގެ އެންމެ ސިޑިބަރިއެއްވެސް ތަޅާލެވޭނީ
މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ދަނޑުގެ މަސައްކަތް ނިމުމުން ނޫނީ ގަލޮޅުދަނޑުގެ އެންމެ ސިދިބަރިއެއްވެސް ތަޅާލެވެން ނެތް ކަމަށެވެ.
ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ 45،494،505 ރުފިޔާ އެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ޖުލައި މަސް ތެރޭ ބިޑަށް ހުށަހެޅިިއިރު، ދެ ވަނަ ދަނޑެއްގެ ގޮތުގައި ޕްރޮޕޯސަލްގައި ހިމެނީ ހުޅުމާލެ ޓްރެކު ދަނޑެވެ. އޭރު ވެސް އެ ދަނޑު ހެދުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެކަމަކު، މިހާތަނަށް އަދި އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވެ އެވެ.
މީގެ ތިން އަހަރު ކުރިން ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރީ އަވަސް މުސްތަގުބަލެއްގައި ދަނޑުގެ މަސައްކަތް ފެށުމުގެ ވިސްނުމުގައި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އެކަމަކު، ދަނޑުގެ މަސައްކަތް ކުރުމުގެ ބަދަލުގައި މަރާމާތުތަކެއް ކުރުމަށް ފަހު މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދަނޑަށް މީހުން ވެއްދި އެވެ. ދަނޑު ހަދަން ކުރާ މަސައްކަތާ ގުޅޭ ގޮތުން އެކި ފަހަރު މަތިން ވާހަަކަ ދެކެވުނު ނަމަވެސް އަދި އޮތީ ނުފެށި އެވެ.
މިދިޔަ އޭޕްރީލް މަހު މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައިވަނީ ގަލޮޅު ދަނޑުގެ ކުރެހުންތަކުގެ ފޮޓޯތަކެއް ހިމަނުއްވައިފަ އެވެ. މާލޭގެ ކާރުބާރު ބޮޑު ސަރަހައްދެއްގައި އެ ފަދަ ގޮތަކަށް ގަލޮޅު ދަނޑު އަޅާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ޒަމާނުއްސުރެ ގަލޮޅު ދަނޑު ބޭނުންކުރަމުން އައީ މައިގަނޑު ގޮތެއްގައި ފުޓްބޯޅަ އަށް ކަމުގައި ވިޔަސް މީގެ ކުރިން އެ ދަނޑުގައި ކްރިކެޓް ވެސް ކުޅެފައިވެ އެވެ. ސަރުކާރުގެ އެކިއެކި މުނާސަބަތުތަކާ ގުޅޭ އިވެންޓްތައް ވެސް ފާއިތުވި އަހަރުތަކުގައި ގަލޮޅު ދަނޑުގައި ބާއްވާފައިވެ އެވެ. އޭގެ ތެރެއިން ބައެއް އިވެންޓްތައް ބާއްވަން ކުރެވުނު ކަންކަމުގެ ތެރެއިން ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެގެން ފުޓްބޯޅަ މުބާރާތްތައް އަތޮޅު ތެރެއަށް ވެސް ބަދަލުކުރަން ޖެހުނެވެ.
މީގެ ކުރިން މައިގަނޑު ގޮތެއްގައި ގަލޮޅު ދަނޑުގެ މަރާމާތުތައް ކުރެވިފައިހުރީ މުބާރާތްތަކާ ގުޅިގެންނެވެ. އެ ގޮތުން އެންމެ ފަހުން ބޮޑު ބަދަލެއް ދަނޑުގެ އިމާރާތަކަށް ގެނެވުނީ 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ބޭއްވުމުގެ ގޮތުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment