Advertisement

މެދު ރާއްޖެތެރޭގެ 15 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

26 ޖޫން 2022 - 13:00 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭގައި ހުރި ކުނި ފުންޏެއް: މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ކުނީގެ މައްސަލަ ބޮޑު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މެދު ރާއްޖެތެރޭގެ 15 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

26 ޖޫން 2022 - 13:00 0

ކުނީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފަށާފައިވާ ގްރޭޓާ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން 15 ރަށެއްގައި ކުނި މެނޭޖުކުރާނެ މަރުކަޒު އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން މިފަހަރު ބީލަން ހުޅުވާލީ މެދު ރާއްޖެތެރޭގެ ތިން އަތޮޅެއްގެ ރަށްތަކުގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅާށެވެ. ބީލަންތައް ހުޅުވާލީ ލޮޓް އުސޫލުން އެ ލޮޓްގައި ހިމެނޭ ހުރިހާ ރަށެއްގައި ބީލަން ކާމިޔާބުކުރާ ކޮންޓްރެކްޓަރު މަސައްކަތްތައް ކުރާ ގޮތަށެވެ.

މި ލޮޓްތައް ބެހިގެންވަނީ:

  • ލޮޓް 1 - ކ. ތުލުސްދޫ، ކ. ހުރާ އަދި ކ. ހިންމަފުށި،
  • ލޮޓް 2 - ކ. މާފުށި އަދި ކ. ގުރައިދޫ،
  • ލޮޓް 3 - ވ. ތިނަދޫ އަދި ވ. ފެލިދޫ،
  • ލޮޓް 4 - ވ. ކެޔޮދޫ އަދި ވ. ރަކީދޫ،
  • ލޮޓް 5 - އދ. މަހިބަދޫ އަދި އދ. ހަންޔާމީދޫ،
  • ލޮޓް 6 - އއ. ހިމަންދޫ އަދި އއ. ފެރިދޫ،
  • ލޮޓް 7 - އއ. ތޮއްޑޫ އަދި
  • ލޮޓް 8 - ކ. ކާށިދޫ އެވެ.

ފިނޭންސުގެ އިއުލާނުގައިވާ ގޮތުގައި މަސައްކަތް ހަވާލުކުރަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބީލަމެއްގެ ތެރެއިންނެވެ. އަދި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ކޮންޓްރެކްޓަރުންނާއި ޕްލޭނިން މިނިސްޓްރީގެ އުސޫލުތަކުގެ ތެރެއަށް ފެތޭ ބޭރުގެ ކޮންޓްރެކްޓަރުންނަށެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހު، މެންދުރު 11:00 ގައި ނޭޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

ގްރޭޓާ މާލެ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓު

ގްރޭޓާ މާލޭ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަކީ އއ. އާއި އދ. އާއި ވ. އާއި ކ އަތޮޅުގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި ކުނި މެނޭޖް ކުރުމަށް އެޑީބީ އާއި ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާތަކާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމުގެ އިތުރުން ކުނި މެނޭޖްކުރަން ބޭނުންވާ މެޝީނަރީ އާއި އެހެނިހެން އާލަތްތަކާއި ކުނި ޓްރާންސްފާ ވެސަލްތައް ބަނުމާއި ރައްޔިތުންގެ ހޭލުންތެރިކުރުމުގެ ގޮތުން ކޮމިއުނިޓީ ކެޕޭސިޓީ ބިލްޑިން ކޮމްޕޯނަންޓެއް ހިމެނެ އެވެ.

މި މަސައްކަތް މާލެ އައި ތިލަފުށި ހިމެނޭހެން މި ޕްރޮޖެކްޓު ކުރިޔަށްދާ އަތޮޅުތަކުގެ މީހުން ދިރިއުޅޭ 36 ރަށެއްގައި ކުރަން ވަނީ ރާވާފަ އެވެ. ސަރުކާރުގެ މަޝްރޫއުތަކުގެ މައުލޫމާތު ހުންނަ އައިލްސް ވެބްސައިޓުން ދައްކާ ގޮތުގައި މި މަޝްރޫއަށް 616.8 މިލިއަން ހޭދަވާނެ އެވެ.

މަޝްރޫއުގެ ބަޖެޓު އަދި ފަންޑިން

  • އޭޑީބީ - ހިލޭ އެހީގެ ގޮތުގައި 299.5 މިލިއަން ރުފިޔާ
  • އޭޑީބީ - ލޯނުގެ ގޮތުގައި 157.7 މިލިއަން ރުފިޔާ
  • އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު - ލޯނުގެ ގޮތުގައި 127.1 މިލިއަން ރުފިޔާ
  • އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު - ލޯނުގެ ގޮތުގައި 47.8 މިލިއަން ރުފިޔާ
  • ގްރީން ފަންޑު - 62 މިލިއަން ރުފިޔާ

މި މަޝްރޫއުގެ ބޮޑު ބައި ފަންޑުކުރަނީ އޭޑީބީ އިން ދިން ހިލޭ އެހީންނެވެ. ބާކީ ފަންޑުކުރަނީ އޭޑީބީ އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކާއި އިސްލާމިކް ޑިވެލޮޕްމަންޓުން ނަގާފައި ލޯނުތަކާއި ތިމާވެށީގެ ކަންކަމަށް ހޭދަކުރަން އުފައްދާފައިވާ ގްރީން ފަންޑުންނެވެ.