25 ޖޫން 2022 - 07:57 0
އިންގްލެންޑް ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ފިލިޕްސް: އޭނާ ވަނީ އިނގިރޭސި ޗެމްޕިއަން ސިޓީ އަށް ބަދަލުވާން ނިންމާފައި.
25 ޖޫން 2022 - 07:57 0
މެންޗެސްޓާ (ޖޫން 25) - ލީޑްސް ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު، ކަލްވިން ފިލިޕިްސް 55 މިލިއަން ޑޮލަރުގެ ފީ އަކަށް މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސިޓީން ފިލިޕްސް، 26، ގެންނަން ނިންމީ އެ ޓީމަށް ކުޅެމުން އައި ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ފެނާންޑީނިއޯ ޓީމު ދޫކޮށްލަން ނިންމުމާ އެކު އެވެ. ސިޓީން މީގެ ކުރިން ވެސް ފިލިޕްސް އަށް ފާރަލި އެވެ. އެކަމަކު، އޭރު ލީޑްސް ކޯޗަކަށް ހުރި އާޖެންޓީނާގެ މާސެލޯ ބިއެލްސާ ނިންމީ ފިލިޕްސް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ.
އިންގްލެންޑް ގައުމީ ޓީމަށް 23 މެޗު ކުޅެދީފައިވާ ފިިލިޕްސް ސިޓީ އަށް ސޮއިކުރާއިރު، ސިޓީން ވަނީ އެ ކްލަބްގެ އެކެޑަމީ އަށް ކުޅެމުން އަންނަ ޑާކޯ ގިޔާބީ އަށް މިލިއަން ޑޮލަރަށް ލީޑްސް އަށް ވިއްކާލަން ނިންމައިފަ އެވެ.
ލީޑްސް އިން 16 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި އެއް ކުޅުންތެރިއަކީ ފިލިޕްސް އެވެ. ދެ ވަނަ ޑިވިޝަނުގައި ލީޑްސް ކުޅެމުންދިޔައިރު، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗަކަށް ކުރިން ހުރި މައުރީސިއޯ ޕޮޗެޓީނޯ ވަނީ އެ ޓީމަށް ފިލިޕްސް ގެންނަން 40 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އެކަމަކު، 2019 ވަނަ އަހަރު ކުރި އެ ބިޑް ލީޑްސް އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އުމުރުން 14 އަހަރުގައި ލީޑްސް އަށް ކުޅެން ފެށި، ފިލިޕްސް ވަނީ ލީޑްސްގެ ސީނިއާ ޓީމަށް 2015 ވަނަ އަހަރު ކުޅެން ފެށި ފަހުން އެ ކްލަބަށް ޖުމްލަ އެކު 214 މެޗު ކުޅެދީފަ އެވެ.
ސިޓީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް، 62.5 މިލިއަން ޑޮލަރަށް ގަނެފަ އެވެ. ސިޓީން ފިލިޕްސްގެ ޑީލް ނިންމުމާ ގާތުގައި އޮތްއިރު، އެ ކްލަބް ދޫކޮށްލަން ބައެއް ކުޅުންތެރިން އަންނަނީ އެހެން ޓީމުތަކާ މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރޭގައި ގަބްރިއެލް ޖީސޫސް އާއި ރަހީމް ސްޓާލިން އަދި ބެނާޑޯ ސިލްވާ ހިމެނެ އެވެ.
Comment