Advertisement

ފޯރިގަދަ ފައިނަލަކަށް ފަހު ވެމްކޯ ބަލިކޮށް ސިޓީން އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން ހޯދައިފި

23 ޖޫން 2022 - 22:48 0

ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފޯރިގަދަ ފައިނަލަކަށް ފަހު ވެމްކޯ ބަލިކޮށް ސިޓީން އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން ހޯދައިފި

23 ޖޫން 2022 - 22:48 0

ފޯރިގަދަ ފައިނަލް މެޗަކަށް ފަހު 3-2 ސެޓުން ކްލަބް ވެމްކޯ ބަލިކޮށް, ސްޕޯޓްސް ކްލަބް ސިޓީން ފުރަތަމަ ފަހަރަށް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

މިއީ 2009 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ސިޓީން މި ޑިވިޝަނުގައި ހޯދި ފުރަތަމަ ތަށްޓެވެ. އަނެއްކޮޅުން, ވެމްކޯ އިން ފުރަތަމަ ފަހަރަށް ފިރިހެން ވޮލީގައި ވާދަކޮށް މި ނިންމާލަން ޖެހުނީ އެސޯސިއޭޝަން ކަޕްގެ ރަނަރަޕްގެ މަގާމުގަ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ސިޓީ އަތުން ވެމްކޯ ބަލިވީ 3-1 އިންނެވެ. އެކަަމަކު، ލީގު ބުރުގެ އެއް ވަނަ ހޯދައި ފައިނަލަށް އައި ސިޓީން ވަނީ މިރޭގެ ފައިނަލުގައި ވެމްކޯއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި މެޗުން މޮޅުވެފަ އެވެ.

ފުރަތަމަ ސެޓު ގެންދިޔައިރު ވެމްކޯ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މިރޭގެ ފައިނަލް މެޗުގެ ސެޓުތައް ދިޔައީ، 25-15، 19-25، 19-25، 25-23 އަދި 17-19 އިންނެވެ.

ފުރަތަމަ ސެޓު ފަށައިގެން ވެމްކޯ އިން އޮތީ ރަނގަޅު ފޯމެއްގަ އެވެ. އަންގާރަ ދުވަހުގެރޭ ކުޅުނު ޕްލޭއޮފް މެޗުގައި، ދިވެހި ސިފައިންގެ ކްލަބް އަތުން ތިން ސެޓުން މޮޅުވި މެޗުގައި ދެއްކި ކުޅުން ވެމްކޯ އިން މި ސެޓުގައި ތަކުރާރުކުރި އެވެ. އެ ގޮތުން އިންޑިއާގެ ސެޓަރު، ރަންޖިތު ސިންގާއި ސެންޓަ ބްލޮކަރު، އަޝްވަލް ރާއީ އަދި ރާއްޖޭގެ ތަރި، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ މޮޅު ކުޅުމާ އެކު ވެމްކޯ އިން ފުރަތަމަ ސެޓު، 25-15 އިން ގެންދިޔަ އެެވެ.

އެކަަމަކު، ދެ ވަނަ ސެޓު ފެށުނުތަނުން ޑިފެންސް ބޯޅަތަކުގައި ޑިސްއޯގަނައިޒްވެ، ވެމްކޯގެ ސެޓަރު ރަންޖިތަށް ނުކުޅެވެން ފެށުމުން އެ ޓީމު ޕްރެޝަރަށް ދާން ފެށި އެވެ. އޭގެ ފައިދާނަގައި، އެ ހިސާބުން ސިޓީގެ ބިދޭސީ ތިން ކުޅުންތެރިން، ވިނާޔަކް ރޮކާޑޭ، ހަރްދީޕް ސިންގް އަދި ވިނީތު ކުމާރު މޮޅަށް ކުޅެން ފެށި އެވެ. ނަތީޖާ އަކަށްވީ ސިޓީން ލީޑުގައި އޮވެ، މި ސެޓުގައި ވެމްކޯ އަށް ފުރުސަތެއް ނުދީ މޮޅު ކުޅުމެއް ދެއްކުމެވެ. ތަޖުރިބާކާރު ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅުނު ވެމްކޯ އިން ޓައިމްއައުޓް ނަގައިގެން ޓީމު ހަމަޔަކަށް އަޅުވަން މަސައްކަތްކުރި ނަމަވެސް ސިޓީން ވަނީ 19-25 އިން ދެ ވަނަ ސެޓު ގެންގޮސް ފޯމަކަށް އެޅިފަ އެވެ.

ސިޓީގެ ކެޕްޓަން ހުޒަންޓެ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ތިން ވަނަ ސެޓު ވަރަށް ވާދަވެރިކޮށް، ފެށިއިރު މި ސެޓުގެ ވެސް މެދަކާ ހަމައިން ވެމްކޯގެ ކުޅުން ދަށްވި އެވެ. މި ސެޓުން .ފަށައިގެން ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ވަނީ މޮޅު ކުޅުމެއް ދައްކަން ފަށައިފަ އެވެ. ސިޓީން އެޓޭކްތަކުގައި ހުޒަންޓެގެ ބޭނުން ހިފާ ނިސްބަތް އިތުރުކުރީ މި ސެޓުން ފެށިގެންނެވެ. ހުޒަންޓެ އާއި ވިނީތުގެ މޮޅު ކުޅުމާ އެކު މެޗުގެ ތިން ވަނަ ސެޓު ސިޓީން 19-25 އިން ގެންގޮސް ލީޑެއް ނެގި އެވެ.

އެކަމަކު، ހަތަރު ވަނަ ސެޓުގެ މެދުތެރެއިން ވެމްކޯ އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. ކުޑަކާއްޓެ އާއި އަޝްވަލު މުހިންމު ވަގުތުގައި ހޯދި ޕޮއިންޓްތަކާ އެކު ވެމްކޯ ތަފާތު ދެއްކި މި ސެޓު އެ ޓީމުން 25-23 އިން ގެންގޮސް މެޗު ފަސް ސެޓަށް ގެންދިޔައީ އެވެ.

ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓު ފަށައިގެން، ސިޓީ ލީޑުގައި އޮތް ނަމަވެސް 5-5 އެއްވަރުވި ފަހުން ދެން ދިޔައީ ވަރަށް ބޮޑަށް ވާން ކޮށެވެ. އެއްވެސް ޓީމަކަށް ލީޑެއް ނަގައި ހަމަޖެހިނުލެވެ އެވެ. ދެ ޓީމަށް ވެސް ޑިފެންސްކުރުމުގައި ގޯސްތަކެއް ހެދުނު މި ސެޓުގައި، ސިޓީން ކުރިހޯދީ ވިނީތު ދެއްކި ތަފާތާ އެކު އެވެ. ސިޓީގެ ލިބަރޯ އަހުމަދު ނަބީލް (ނައްބަ) އާއި ކެޕްޓަން، ހުޒަންޓެ ވެސް ހިތްވަރު ދެއްކި މި ސެޓު، 17-19 އިން ގެންގޮސް ސިޓީ މެޗުން މޮޅުވީ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސިޓީގެ ވިނިތު (ވ) އާއި އެ ޓީމުގެ ލިބަރޯ ނަބީލް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މެޗަށް ފަހު ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ސިޓީގެ ހުޒަންޓެ، ހުސެއިން ޔޫސުފް (ޓޯއި)، ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) ހުސެއިން ޝާހިދު (ޝާޑު)، ގުޑީސް ސްޕޯޓްސް ކްލަބްގެ ހަސަން ނިލާމް (ޕާޓޭ)، ވެމްކޯގެ އާދަމް ފައިރޫޒް އަދި ޕޮލިހުގެ މުހައްމަދު ނައީމް (ނައިންޓެ) އެވެ.

އެންމެ މޮޅު ކޯޗަކީ ސިޓީގެ ނަލަ ހުސެއިން ޝަރީފް އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ޕޮލިހުގެ މާއިޝް އަހުމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ކުޑަކާއްޓެ އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ސިޓީގެ ވިނީތު އެވެ.