Advertisement

5 އަހަރުގެ ތެރޭގައި 250،000 ގަސް އިންދަން އަމާޒުކޮށް ބީއެމްއެލް ފެހި ޕްރޮޖެކްޓު ފަށައިފި

22 ޖޫން 2022 - 12:42 0

އަމަން ހަލީމް

އަމަން ހަލީމް

ލ.ގަމުގެ ފެހިކަން ގަދަ ސަރަހައްދެއް. ބީއެމްއެލް އިން ވަނީ 250،000 ގަސް އިންދުމުގެ ޕްރޮޖެކްޓެއް ފަށާފައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


5 އަހަރުގެ ތެރޭގައި 250،000 ގަސް އިންދަން އަމާޒުކޮށް ބީއެމްއެލް ފެހި ޕްރޮޖެކްޓު ފަށައިފި

22 ޖޫން 2022 - 12:42 0

މުޖުތަމައުއަށް ފައިދާހުރި ކަންކަން ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށާފައިވާ މަސައްކަތުގެ ތެރެެއިން ފަސް އަހަރުގެ ތެރޭގައި 250،000 ގަސް އިންދަން އަމާޒުކޮށް "ބީއެމްއެލް ފެހި ޕްރޮޖެކްޓު" މިއަދު އިފްތިތާހުކޮށްފި އެވެ.

މިއީ ބޭންކަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭންކުން ތައާރަފުކުރަމުން އަންނަ ކަންކަމުގެ ސިލްސިލާގެ ތެރެއިން ލޯންޗުކުރި ހަތްވަނަ ޕްރޮޖެކްޓެވެ. ބޭންކުން ވަނީ އަންނަ ނޮވެމްބަރުގައި ފާހަގަކުރާ އަހަރީ ދުވަހާ ހަމައަށް 12 ހަރަކާތެއް ފަށާނެ އެވެ.

މިހާތަނަށް ބޭންކުން އިއުލާނުކޮށްފައިވާ ކަންކަމަކީ:

  • ބީއެމްއެލް ސްކޮލާޝިޕް ފަންޑު - މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ފުރުސަތު ދޭން
  • ސްމޯލް ގްރާންޓްސް ސްކީމް - އިޖުތިމާއީ ޕްރޮޖެކްޓުތަކަށް ފަންޑިން ދޭން
  • ސްޓާޓްއަޕް ގްރާންޓު - ފަށާ ވިޔަފާރިތަކަށާއި ވިޔަފާރި ފުޅާކުރަން ފަންޑިން ދޭން
  • ހައުސިން ގްރާންޓް - ހާލުގައި އުޅޭ އާއިލާތަކަށް ގެދޮރު އަޅަން އެހީ ދޭން
  • ގައުމީ ކުތުބުހާނާ ޒަމާނީ ފެންވަރަށް އަޕްގްރޭޑު ކުރުމުގެ މަސައްކަތް
  • ކައިންޑްލީ ބައި ބީއެމްއެލް - ދަރުމައަށް ކްރައުޑްފަންޑު ކުރާ ޕްލެޓްފޯމެއް

ރަށްތައް ހޮވާނީ ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހަޅައިގެން

ފެހި ޕްރޮޖެކްޓާ ގުޅޭގޮތުން ބީއެމްއެލް އިން ބުނީ ކޮންމެ އަހަރަކު ހޮވާލެވޭ ފަސް ރަށެއްގައި 10،000 ގަސް އިންދާނެ އެވެ. މުޅި ޕްރޮޖެކްޓުގެ މަސައްކަތް ނިމޭއިރު 25 ރަށެއް ފެހިކުރުމުގެ މަސައްކަތްކޮށް ނިންމާލެވޭނެ އެވެ.

މިއީ ތިމާވެއްޓާ ރައްޓެހި މަސައްކަތެއް ކަމުން ބީއެމްއެލް އިން ވިސްނަނީ ހުރިހާ ގަހެއް ރާއްޖޭން ހޯދާށެވެ. އަދި ބުނީ ރަށްރަށުގައި އިންދަން ފޮނުވާ ގަސްތައް ގަންނާނީ ގަސް ހައްދާ ނާސަރީތަކުން ކަމަށެވެ. މިއީ ވެސް މުޖުތަމައުއަށް އެންމެ ފައިދާ ބޮޑު ގޮތަށް މި މަސައްކަތް ކުރަން ބޭންކުން ނިންމި ނިންމުމެކެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ "ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެވި، ކާބަން ޕުޓްޕްރިންގެ ދަށްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަންތަން ގާއިމްކުރެވިގެންދާނެ."

ފެހި ޕްރޮޖެކްޓުގެ ދަށުން ގަސް ފެހިކުރާން ރަށްތައް ބީއެމްއެލް އިން ހޮވާނީ ލިބޭ ޕްރޮޕޯސަލްތަކުގެ މައްޗަށް ބިނާކޮށެވެ. އަމާޒަކީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާ ގުޅިގެން، އެ ކައުންސިލްތަކުން ތައްޔާރުކުރާ ލޭންޑް ޔޫސް ޕްލޭންތަކާ އެއްގޮތަށް މި މަސައްކަތް ކުރުމެވެ.

މިހެންކަމުން ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް އެކަންޏެވެ. ބޭންކުން ވަނީ އަންނަ ޖުލައި 20 އާ ހަމައަށް ޕްރޮޕޯސަލް ހުށަހަޅަން މިހާރު ހުޅުވާލާފަ އެވެ.

މިގޮތަށް ލިބޭ ހުށަހެޅުންތައް ހޮވާނީ އެކަމަށް ހާއްސަ ބޭންކުގެ ޕެނަލިސްޓުންގެ ޓީމަކުންނެވެ. މި ހުށަހެޅުންތަކަށް ބޭނުންވާ ލިޔެކިޔުންތަކަކީ:

  • ބީއެމްއެލް ޓްރީ ޕްލާންޓިން އެޕްލިކޭޝަން ފޯމް
  • ގަސް އިންދާ ސަރަހައްދު ފާހަގަކޮށްފައިވާ މެޕު
  • ގަސް އިންދާ ތަން/ތަންތަނުގެ ފޮޓޯ
  • ބިމުގެ މިލްކުވެރިކަން އޮތްކަން ސާބިތުވާނެ ލިޔުމެއް

ބީއެމްއެލް އިން ބުނި ގޮތުގައި ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ އެވެ. އެގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް ބުންޏެވެ.