Advertisement

ކުޅުން ހުއްޓާލިތާ 18 ދުވަސް: ޓެވޭޒް ކޯޗިން ކެރިއަރު ފަށައިފި

22 ޖޫން 2022 - 09:22 0


ކުޅުން ހުއްޓާލިތާ 18 ދުވަސް: ޓެވޭޒް ކޯޗިން ކެރިއަރު ފަށައިފި

22 ޖޫން 2022 - 09:22 0

ބުއޭނޯސް އެރީޒް، އާޖެންޓީނާ (ޖޫން 22) - ކުޅުން ހުއްޓާލިތާ 18 ދުވަސް ފަހުން އާޖެންޓީނާގެ ތަރި ކާލޯސް ޓެވޭޒް، އާޖެންޓީނާގެ ޕްރިމޭރާ ޑިވިޝަންގެ ކްލަބް، ރޮޒާރިއޯ ސެންޓްރަލްގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ޓެވޭޒް، 38، ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރީ މި މަހު ހަތަރު ވަނަ ދުވަހު އެވެ. ރަސްމީކޮށް މިއަދު ރޮޒާރިއޯ ސެންޓްރަލްގެ ކޯޗުކަމާ ހަވާލުވީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އާޖެންޓީނާގެ ޕްރިމޭރާ ޑިވިޝަނުގައި 28 ކްލަބް ވާދަކުރާއިރު، ރޮޒާރިއޯ އޮތީ 22 ވަނައިގަ އެވެ.

ރޮޒާރިއޯއާ އެކު ސޮއިކުރުމަށް ފަހު ޓެވޭޒް ބުނީ ކޯޗިން ކެރިއަރު ފަށަން ރޮޒާރިއޯ އަކީ އެންމެ ރަނގަޅު ޕްރޮޖެކްޓް ކަމަށާއި އުންމީދަކީ ސޮއިކުރި ކޮންޓްރެކްޓްގެ މުއްދަތަށް ވުރެ އިތުރަށް ވެސް އެ ޓީމުގައި މަޑުކުރުން ކަމަށެވެ.

"އަހަރެންގެ ކޮންޓްރެކްޓްގައި އެއް އަހަރު އޮތީ. އެކަމަކު، އަހަރެން ވިސްނުން ހުރީ ބޮޑު ޕްރޮޖެކްޓެއް ދުރު ރާސްތާ ޕްލޭނަކަށް، އެހެންވީމަ، މި އެއްބަސްވުން އިތުރު ކުރުމަކީ ވެސް އަހަރެންގެ އުންމީދެއް،" ޓެވޭޒް ބުންޏެވެ.

ރޮޒާރިއޯގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ޓެވޭޒް އެ ޓީމުގެ ޖޯޒީ ދައްކާލަނީ.


ރިޕޯޓްތައް ބުނާގޮތުން ރޮޒާރިއޯ އިން ޓެވޭޒަށް ދިގު ކޮންޓްރެކްޓެއް ނުދިނީ ކޯޗެއްގެ ގޮތުގައި އޭނާގެ ތަޖުރިބާ ކުޑަވުމުންނެވެ.

ޓެވޭޒް ކުޅުމުގެ ކެރިއަރު ފަށައި، އަދި ކެރިއަރު ނިންމާލީ ވެސް ބޮކާ ޖޫނިއާސް އަށް ކުޅުމަށް ފަހު އެވެ. ބޮކާ ޖޫނިއާސްއާ އެކު އޭނާ ވަނީ 2003 ވަނަ އަހަރު ކޮޕާ ލިބެޓަޑޯރަސް ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ ފަހުން އިންގްލެންޑާއި އިޓަލީގައި ވެސް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ފުޓްބޯޅަ ކެރިއަރު ޔޫރަޕަށް ބަދަލުކޮށް ޓެވޭޒްގެ އެންމެ ފުރަތަމަ މަންޒިލަކީ 2006 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމްގަ އެވެ. އޭގެ އަހަރެއް ފަހުން އޭނާ މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވި އެވެ. ޔުނައިޓަޑާ އެކު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް ދެ ވޯލްޑް ކަޕްގައި ކުޅުނު ޓެވޭޒް ވަނީ ގައުމީ ޓީމަށް ޖުމްލަ 76 މެޗު ކުޅެފަ އެވެ. ޓެވޭޒް އަކީ 2004 ވަނަ އަހަރު އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ހޯދި އާޖެންޓީނާ ޓީމުގެ ކުޅުންތެރިއެކެވެ.