Advertisement

ލުކާކޫ އާއި ޑިބާލާ އިންޓައާ ގުޅެނީ

22 ޖޫން 2022 - 09:01 0


ލުކާކޫ އާއި ޑިބާލާ އިންޓައާ ގުޅެނީ

22 ޖޫން 2022 - 09:01 0

މިލާން (ޖޫން 22) - ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޔުވެންޓަސް އަށް ކުޅެމުން އައި ޕައޮލޯ ޑިބާލާ، އިޓަލީގެ އިންޓަ މިލާނަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލުކާކޫ އަލުން އިންޓަ އަށް ބަދަލުވާނީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ޔުވެންޓަސްއާ އެކު ޑިބާލާ ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ އިންޓައާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ޗެލްސީން މިދިޔަ އަހަރު ލުކާކޫގެ ސޮއިހޯދީ 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު)ގެ ފީ އަކަށެވެ. މިއީ އެ ކްލަބްގެ ތާރީހުގައި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. ޗެލްސީގެ ފުރަތަމަ މެޗުތަކުގައި ލުކާކޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، ސީޒަންގެ މެދުތެރެއިން އޭނާ ދިން އިންޓަވިއުއެއްގެ މައްސަލަ ހޫނުވެ، ޗެލްސީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު، ލުކާކޫ، ސްކައި އިޓަލީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޗެލްސީގައި ހުރީ އެންމެ އުފަލުންނެއް ނޫން ކަމަށާއި އަލުން އިންޓަ އަށް ދާން ބޭނުންވާ ކަމަށެވެ. ލުކާކޫ އަށް މި ނިމުނު ސީޒަނުގެ ޕްރިމިއާ ލީގުގައި ޖެހުނީ އަށް ގޯލެވެ. ސީޒަނުގައި ޖުމްލަ އެކު، 15 ގޯލެވެ.

އިންޓަ އިން ފުރަތަމަ މަސައްކަތްކުރީ ލުކާކޫ ގަންނާށެވެ. އެކަމަކު، އިންޓަގެ މާލީ ހާލަތު ހުރި ގޮތުން އެކަން ކުރެވެން ނެތުމުން، އިންޓަ އިން ދެން ހުށަހެޅީ ނުވަ މިލިއަން ޑޮލަރު ލޯން ފީއެއް ދައްކާގޮތަށް ލުކާކޫ އެއް ސީޒަނުގެ ލޯނަކަށް ސޮއިކުރާށެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ލުކާކޫ ގެންނަން އިންޓަ އިން ވަނީ ޗެލްސީއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ.

ޔުވެންޓަސް އިން ޖެނުއަރީ މަހު ފިއޮރެންޓީނާ އަށް ބޮޑު އަގުދީފައި ސާބިއާގެ ފޯވާޑް ޑޫސާން ވްލަހޯވިޗް ގެނައީ ޑިބާލާގެ ކޮންޓްރެކްޓް އާ ކުރަން ބޭނުން ނުވާތީ އެވެ. ޑިބާލާ، 28،ގެ އޭޖެންޓް، ޖޯޖް އަންޓުން ވަނީ އިންގްލެންޑާއި ސްޕެއިންގެ ގިނަ ކްލަބްތަކާ މަޝްވަރާކޮށްފަ އެވެ. އެކަމަކު، އެކަށީގެންވާ ހުށަހެޅުމެއް ނުލިބޭތީ ދެން އަންޓުން ވާހަކަ ދައްކަން ފެށީ އިންޓައާ އެވެ. ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އިން ވެސް ޑިބާލާ އަށް ޝައުގުވެރިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓަ އިން މިހާރު ވަނީ ޑިބާލާގެ ޑީލް ނިންމަން އެއްބަސްވުމަކަށް އަތުވެފަ އެވެ. އިންޓަ އިން ޑިބާލާ އަށް ހުށަހަޅަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑިބާލާ އަށް އަހަރަކު މުސާރައިގެ ގޮތުގައި 13 މިލިއަން ޑޮލަރު ލިބޭ އެއްބަސްވުމެއް ދޭން އިންޓަ އިން އަންނަނީ ބައެއް ނިންމުންތައް ފައިނަލް ކުރަމުންނެވެ. އެ ގޮތުން އެ ޓީމަށް ކުޅެމުން އަންނަ ބޮޑު މުސާރަ ލިބޭ ދުވަސްވީ ކުޅުންތެރިން ކަމަށްވާ އެޑިން ޒެކޯ އާއި އަލެކްސިސް ސަންޗޭޒް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.