Advertisement

ހަމަނުޖެހުމަށް ހިތްވަރެއް ނުދެން، ބައިވެރިވުމެއް ވެސް ނޯންނާނެ: ސަލަފް

21 ޖޫން 2022 - 13:52 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެ މީހުން ގަލޮޅު ދަނޑަށް ވަދެގަތް މީހުން: އެ މީހުން ގަދަކަމުން ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު. ބައެއް މީހުންގެ ގައިގައި ޖަހައި ވަނީ ހަމަނުޖެހުން ހިންގާފައި --- ފޮޓޯ: އަދަދު


ހަމަނުޖެހުމަށް ހިތްވަރެއް ނުދެން، ބައިވެރިވުމެއް ވެސް ނޯންނާނެ: ސަލަފް

21 ޖޫން 2022 - 13:52 0

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް ހުރަސްއަޅާ ހިންގި ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޖަމިއްޔަތުއް ސަލަފްއިން ބުނެފި އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 6:30 ގަ އެވެ. ފަތިސް ނަމާދަށް ފަހު އެ ދަނޑުގެ އޮލިމްޕަސް ގޭޓު ކައިރިއަށް ބަޔަކު އެއްވެ ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ.

ޔޯގާއަކީ ޝިރުކު ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް، ޔޯގާ ދުވަސް ފާހަގަ ކުރި ގަލޮޅު ދަނޑު ކައިރިއަށް އެއްވި މީހުން ވަނީ ބޮޑެތި ހަމަނުޖެހުން އުފައްދައި، ދުވަސް ފާހަގަ ކުރަމަށް ބޭއްވި ހަފްލާގެ ބައިވެރިންނާއި ފުލުހުންނަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ.

އެކަން ކުއްވެރިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި މަހުލޫފް ވަނީ ސަލަފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ސަލަފުން ބުނީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބަޔަކު ހިނގި ހަމަނުޖެހުމާއި ޖަމިއްޔަތުއް ސަލަފާ ގުޅުވައި މިނިސްޓަރު މަހުލޫފް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ހަގީގަތެއް ބެލުމެއް ނެތި މިނިސްޓަރު މަހުލޫފް ދައްކަވާފައިވާ ވާހަކަތަކަކީ އެ ޖަމިއްޔާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ކުރެއްވި ކަމެއް،" ސަލަފުން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް, ޝަރުއީ ހުދޫދުގެ ބޭރުން ގައުމުގެ އަމަން އަމާންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ ސަލާމަތް ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލައި ހެދުމަކީ ސަލަފުން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

"މިއަދު ހެނދުނުގެ ހަރަކާތަކީ އެ ޖަމިއްޔާއާ ގުޅުންހުރި ހަރަކާތެއް ނޫން،" ސަލަފުން ބުންޏެވެ.

ޔޯގާ ހަރަކާތް ބާއްވަން ނިންމައި، އެ ކަމުގެ ރެޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އިވެންޓު ބާއްވާނެ ކަމަށް އިއުލާނުކުރީ ރަސްފަންނުގަ އެވެ.

އެހެން ނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަސްފަންނުގައި އެ ހަރަކާތް ބޭއްވުމުގެ ހުއްދަ ނުދޭން އެ ކައުންސިލުން އިއްޔެ ނިންމި އެވެ. އޭގެ ފަހުން ޔޫތު މިނިސްޓްރީން ނިންމީ ދަނޑުގައި ބޭއްވުމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަންނަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަމުންނެވެ. ނަމަވެސް، މިފަދަ ހަމަނުޖެހުމެއް ހިންގާފައި ނުވެ އެވެ.