Advertisement

ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 300 އަށް

19 ޖޫން 2022 - 10:34 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑްގައި މަރުވި މީހަކު ވަޅުލުމަށް ގެންދަނީ-- ފޮޓޯ: އަދަދު


ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 300 އަށް

19 ޖޫން 2022 - 10:34 0

ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެ އެވެ.

މިއަދު ކޮވިޑް ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވުމުން ކޮވިޑް ޖެހިގެން ރާއްޖޭން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 300 އަށް އަރާފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ މިއަދު މަރުވެފައި ވަނީ 66 އަހަރުގެ މީހެއް ކަމަށެވެ. އޭނާ މަރުވީ ކޮވިޑަށް ފަރުވާ ދިނުމަށް ގާއިމް ކޮށްފައިވާ އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ބަލީގައި މީހަކު މަރުވެފައިމިވަނީ, ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވެ އެނދުމަތިކުރަން ޖެހޭ މިންވަރު ގިނަވެފައިވަނިކޮށެވެ.

ރާއްޖޭން ކޮވިޑް ފެނުމާއެކު މާލެ ސިޓީ ލޮކްޑައުންކޮށް 2020 ވަނަ އަހަރު ތެރޭ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ދިޔަ އެވެ. އެކި ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިންތިހާއަށް ގިނަވުމުން ވަރަށް ހަރުކަށި އުސޫލުތައް ވެސް ގެންގުޅުނެވެ.

ނަމަވެސް, މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް އައިކަން އިއުލާންކުރި އެވެ. އަދި ދެ އަހަރަށްފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި, މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަ އެވެ.

އޭގެފަހުން, ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް ގިނަވަމުންދާ ކަމަށް އެޗްޕީއޭން ބުނެފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ތެރޭގައި ހާލު ބޮޑުވެ އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރެވެ.

ކޮވިޑް ކޭސްތައް ގިނަވާތީ މާސްކް އެޅުމަށް އިލްތިމާސްކޮށް އައިޖީއެމްއެޗުގައި އަމަލުކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ކުރިއަށް އޮތީ ސްކޫލު ބޮޑު ބަންދާއި އީދު ބަންދު ކަމަށް ވުމުން ކޮވިޑް ކޭސްތައް އިތުރުވެދާނެތީ ސަމާލުވުމަށާއި މާސްކް އަޅާ ރައްކާތެރިވުމަށް އެޗްޕީއޭން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެން ދިޔަ ހަފުތާގައި އެކަނި 142 ކޭސް ވަނީ ފެނިފަ އެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޗްޕީއޭން ބުނެ އެވެ.

ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާއިރު މިދިޔަ މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައި ވަނީ މުޅިއެކު 15 މީހުން ކަމަށާއި ނަމަވެސް މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު، މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 179،979 މީހުންނެވެ.