19 ޖޫން 2022 - 10:41 0
ފާތިމަތު އަޖްފާން
ނ. ހޮޅުދޫ ކައުންސިލާއި އތމ ކޮމިޓީގެ މެމްބަރުންނާ ރައީސް ބައްދަކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
19 ޖޫން 2022 - 10:41 0
ނ. ހޮޅުދޫގައި އަޅަން މި ސަރުކާރުން ނިންމި ހައުސިން ޔުނިޓްތައް އެ އަތޮޅު ހޮޅުމީދޫގައި އަޅާ ގޮތަށް ސަރުކާރުން ބަދަލު ކޮށްފި އެވެ.
ހޮޅުދޫގައި 30 ހައުސިން ޔުނިޓް އެޅުމަށް މި ސަރުކާރުން ނިންމީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ހޮޅުދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ އެ ހައުސިން ޔުނިޓްތައް ހޮޅުމީދުގައި އެޅުމަށެވެ.
ހޮޅުދޫ ކައިރީގައި އޮންނަ ހޮޅުމީދޫއަކީ، ހޮޅުދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ރައީސް ހާއްސަ ގަރާރަކުން ކަނޑައަޅައިފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ހޮޅުދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހޮޅުދޫގެ ބޯހިޔާވަހިކަމުގެ ދަތިކަމަކީ ވެސް އަވަހަށް ހައްލު ހޯދަންޖެހިފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެ ރަށުގެ ފަޅުގައި ޖާގަ ނެތުމުން އެ ރަށުގެ ބިން އިތުރަށް ހިއްކެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"މިރަށުގެ ރައްޔިތުން ބޭނުންވަނީ، މި ރަށުގައި އަޅަން ސަރުކާރުން މިވަގުތަ ނިންމާފައި އޮތް 30 ހައުސިން ޔުނިޓް، މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް، އެ ރަށް އާބާދުކުރަން. އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން. އަދި އެރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވެސް ހަމަ އެއާއެކުގައި ގާއިމުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ހޮޅުދޫގައި ދެން ކުރިއަށް ގެންދަން ރާވާފައިވާ އެންމެ ބޮޑު އަނެއް މަޝްރޫއަކީ އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ގާއިމުކޮށް ނިމުމާ އެކު، ރަނގަޅު ފެންވަރަށް މަގުތައް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދާނީ ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ވާޓަރު ވެސް ހިމަނައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، މި މަޝްރޫއު އަންނަ މަހުގެ ނިޔަލަށް ބީލަމަށް ހުޅުވާލެވޭނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment